Advertisement

ފުލުހުންގެ ބެކްގްރައުންޑު ޗެކު ހެދުން އިހުތިޔާރީ ކަމަކަށް؟ އިސްލާހު މާނަކުރުމުގައި ދެބަސްވުން

9 މާރިޗު 2023 - 12:10 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ؛ ފުލުހުންގެ ބެކްގްރައުންޑު ޗެކަށް ލުއި ގެނައުމަށް ގާނޫނު އިސްލާހު ކުރަން ވަނީ ހުށަހަޅާފައި-- ފޮޓޯ: އަބްދުﷲއިޔާން/ އަދަދު


ފުލުހުންގެ ބެކްގްރައުންޑު ޗެކު ހެދުން އިހުތިޔާރީ ކަމަކަށް؟ އިސްލާހު މާނަކުރުމުގައި ދެބަސްވުން

9 މާރިޗު 2023 - 12:10 0

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މި ދައުރުގައި ހުށަހެޅި ބިލުގައި އޮތީ ދެ މާއްދާއެއް ބަދަލު ކުރުމަށެވެ. ބިލުގެ އިބްތިދާއީ ބަހުސް ފެށިގެން ކުރިއަށް ދިޔަ މެންބަރުންގެ ކަންބޮޑުވުމާއި ހިޔާލު ގުޅިފައި އޮތީ އޭގެއިން އެއް މާއްދާއާ އެވެ. އެ މާއްދާގެ އިބާރާތް އޮތް ގޮތުންނެވެ.

ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، ގަވައިދެއްގެ ދަށުން ބެކްގްރައުންޑް ޗެކްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ކަމަށް "މިގޮތުން ތިރީގައި އެވާ ކަންކަން ކުރަން ވާނެ އެވެ." މި އިބާރާތް ހިމަނައިފައިވެ އެވެ.

އެހެންނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި ޗެކް ކުރަން ޖެހޭނެ ކަން ބަޔާން ކޮށް، ދެން އޮތް އިބާރާތް އޮތީ "މިގޮތުން ތިރީގައި އެވާ ކަންކަން ކުރެވިދާނެ އެވެ،" ލާޒިމުކަމެއްގެ ބަދަލުގައި އިހުތިޔާރީ ކަމެއްގެ ގޮތުގައި މާނަކުރެވުމެވެ.

ބިލަށް ބަހުސް ކުރި މެންބަރުންގެ ކަންބޮޑުވުން ގުޅިފައި އޮތީ ވެސް މި އިސްލާހާ އެވެ. އެކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެންނެވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ.

"ގާނޫނުގައި ފުލުހުންގެ ތެރެއަށް މީހުން ވެއްދޭއިރުގައި ސްކްރީނިންކުރުމާއި، އަދި ފުލުހުންނަކީ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ އިލްމީ ގާބިލު ބަޔަކަށް ހެދުމަށް ޓަކައި ފުލުހުންގެ މުއައްސަސާއަށް ކުރުން ލާޒިމު ބައެއް ކަންކަން ހިމަނާފައި އޮތްކަން ފާހަގަކުރެވޭ. އޭގެ ބައެއް ކަންކަމަށް އަޅުގަނޑުމެން މިއަދު ބަދަލު ގެންނަ ވާހަކަ މިދައްކަނީ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަނީ-- ފޮޓޯ: މަޖިލިސް


ޝިފާއު ވިދާޅުވީ މިހާރު ގާނޫނުގައި އޮތީ ފުލުހުންގެ މުއައްސަސާއަކީ ވަކި ފެންވަރެއްގެ އަދި ވަކި އަހުލާގެއްގެ ބަޔަކަށް ހެދުމަށް ޓަކައި ކޮންމެހެން ލާޒިމް ކަމެއް ގޮތަށެވެ. އަދި އެކަން ބަދަލު ކުރުމަކީ މާ ހިތްގައިމު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޝިފާއުގެ ވާހަކައަށް ފަހު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް މެންބަރުން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

"ގާނޫނުގައި އޮތީ ބެކްގްރައުންޑް ޗެކެއް ހަދަންޖެހޭނޭ، އެކަން ކުރަންޖެހޭނޭ، އިސްލާހުގައި މި އޮތީ ގާތްގަނޑަކަށް ނުކުރިޔަކަސް ހެވޭ، އިހުތިޔާރީ ކަމަކަށް ވެގެންދަނީ،" ޝިފާއު އިސްލާހު ވަރަށް ރަނގަޅަށް ކިޔާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު އެކުލަވާލި 241 ކޮމިޓީގައި އިންނަވާ ހެންވެއިރު ހުޅަނގު ދާއިރާ ހަސަން ލަތީފް ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އެއްވެސް ބަދަލެއް ނުފެންނަ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހަރަދު ވެސް ކުރަން ޖެހޭނެ ކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެ މުއައްސަސާއަށް ވައްދަން ޖެހޭނީ އިންޓަވިއުކޮށްފައި ރަނގަޅު، އިތުބާރު ހިފޭ މީހުން ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީއީ ފުލުހުންގެ ގާނޫނުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް، ބޭނުންވި މަގްސަދުތައް، އަދި މިހާރު ވެސް ބޭނުންވާ މަގުސަދުތައް ހާސިލުވާ ގޮތަށް ހުރި އިސްލާހުތަކެއް ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެ ކޮމިޓީގައި އިންނަވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނެ ކަމުގެ ވައުދާއެކު އެމްޑީޕީން ވެރިކަމަށް އައިސް، ގާނޫނު އިސްލާހު ކުރިތާ އަދި ތިން އަހަރު ނުވާ ކަން ފާހަގަކުރައްވައިފަ އެވެ.

އެ ތިން އަހަރު ތެރޭގައި ބެކްގްރައުންޑް ޗެކް ކުރުމަށް ނިންމީ ފުލުހުންގެ މުއައްސަސާއަށް ކޮން ކުރިއެރުމެއް އައިސްގެންތޯ އީވާ ސުވާލު ކުރެއްވި އެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އީވާ ބަހުސް ކުރައްވަނީ-- ފޮޓޯ: މަޖިލިސް


ބައެއް މެންބަރުންގެ ކަންބޮޑުވުންތައް މިހެން ހުރިނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ ބިލުގައި އޮތް އެއްޗެއް "ޓްވިސްޓު" ކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

"އިސްލާހުގައި ނެތް ބެކްގްރައުންޑް ޓެސްޓު ނުކުރާ ވާހަކައެއް، ޓެސްޓު ކުރަންވާނޭ އޮތީ،" ބިލު ދިފާއު ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ ބިލުގައި އޮތް ގޮތް ބަލައިނުލާ ވާހަކަ ދެއްކުމަކީ ހަގީގަތް އޮޅޭނެ ކަމެއް ކަމަށާއި ޝަރީފް ވާހަކަ ދައްކަވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.

ބިލަށް ބަދަލު ގެންނަނީ ކީއްވެ؟

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ބިލު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ބެކްގްރައުންޑު ޗެކަށް ބަދަލު ގެންނަން ނިންމީ، ބެކްގްރައުންޑު ޗެކު ހަދާ ކޮންމެ ހާލަތެއްގައި ގާނޫނުގައި ބަޔާންކޮށްފައި ހުރިހާ ކަމެއް ފުރިހަމަ ވެދާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ.

"ގާނޫނުގެ ސަތާރަވަނަ މާއްދާގައި ބުނާ ބެކްގްރައުންޑު ޗެކު ހެދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކަކީ ކުރެވިދާނެ ކަންތައްތަކެއް ކަމުގައި ބެލުމަށް، އަދި އެގޮތަށް އެކަން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން،" އަސްލަމް ވިދާޅުވި އެވެ.