Advertisement

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ދައްކާ ސަބަބު ބަލައެއް ނުގަނެވޭ: އައްބާސް

7 މާރިޗު 2023 - 21:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ދައްކާ ސަބަބު ބަލައެއް ނުގަނެވޭ: އައްބާސް

7 މާރިޗު 2023 - 21:04 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައިނުގަނެވޭ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު، އިނގިރޭސިވިލާތުގެ އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

އެގޮތުން އައްބާސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދުއާ ބައްދަލުކުރައްވާ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ޝަރީއަތް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށެވެ.

"މި މައްސަލައިގެ ޝަރީއަތް ލަސްވެގެންދާ އެކަށޭނަ ސަބަބެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނުވޭ," އައްބާސް ވިދާޅުވި އެވެ.

އައްބާސްއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތް ކުރައްވާފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގަ އެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި މައްސަލައިގެ ޝަރީއަތް ބަލާ ގާޒީންގެ ބެންޗު އުވާލުމަށް ފަހު، އެ މައްސަލަ ގާޒީ ސޮފްވަތު ހަބީބާ ހަވާލުކުރި އެވެ.

ބެންޗު އުވާލުމުގެ ކުރިން ވެސް އެ ބެންޗަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެންނަން ޖެހުނެވެ.

ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު މައްސަލައިން ތަނާޒުލް ވާން ޖެހުނެވެ. އެއީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އިސްހާގުގެ ދަރިއަކު އޭނާއަށް މީގެ ކުރިން އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށު އަރާނެތީ އެވެ.

ދެން ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒް ފަހްމީ ހަމަޖެއްސެވި އެވެ. ނަމަވެސް އެ ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބަނާޒް އައްޔަން ކުރެއްވުމުން އަނެއްކާ ވެސް ބެންޗުން ގާޒީއަކު މަދުވީ އެވެ.

އެ ފަހުން ހުސްވި މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސައި، ބެންޗުގެ ރިޔާސަތު ގާޒީ މުހައްމަދު މިސްބާހުއާ ހަވާލުކުރެއްވި އެވެ. ދެން ބެންޗުގައި އިންނެވީ ގާޒީ ސޮފްވަތެވެ. ނަމަވެސް ބެންޗު މި ގޮތަށް އޮވެގެން މައްސަލައިގެ އެންމެ އަޑުއެހުމެއް ވެސް ނުބާއްވަ އެވެ.

މައްސަލަ މިހާތަނަށް ގޮސްފައިވާ ހިސާބު؛

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ ބައެވެ.

ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލިފައިވާ އެ ޝަރީއަތުގައި މިހާތަނަށް ގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރީގެ މަރުހަލާތަކެވެ. މިގޮތުން ޝަރީއަތުގެ ކުރިން ހުރިހާ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ޝަރީއަތުން ގޮތްތަކެއް ނިންމާފައިވެ އެވެ.

ހެކި ރައްކާތެރި ކުރުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ހާމަކުރާ ގޮތަށް ޝަރީއަތުން ކުރިން ނެރެދީފައި އޮތް ވަގުތީ އަމުރެއް ދާއިމީ ކޮށްދިނެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ހިމާޔަތް ލިބިދެވޭނެ ގޮތަކަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެން ތަނެއްގައި ބައިތިއްބައިގެން ހެކިބަސް ނަގާ ގޮތަށް ނިންމާފައިވެ އެވެ. އަދ،ި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގާ ގޮތަށް ވެސް ނިންމާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އެ އެންމެންވެސް ވަނީ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

ނަޝީދަށް ހަމަލާ ދިނުމަށް ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.