Advertisement

ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު އިތުރުކުރުން މެންބަރުންނަށް "ބޭކާރު"

6 މާރިޗު 2023 - 14:54 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު އިތުރުކުރަން ހުށަހެޅި ބިލު ގިނަ މެންބަރުންނަށް މާ ބޭނުންތެރިއެއް ނޫން-- ފޮޓޯ: މަޖިލިސް


ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު އިތުރުކުރުން މެންބަރުންނަށް "ބޭކާރު"

6 މާރިޗު 2023 - 14:54 0

ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މާ ބޭނުންތެރި އިސްލާހެއް ނޫން ގޮތުގައި މަޖިލީހުގެ ގިނަ މެންބަރުން މިއަދު ސިފަކޮށްފި އެވެ.

ސަރުކާރު ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ވަނީ މިއަދު ފަށައިފަ އެވެ. ބިލުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުން، އެކަމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 14 ދުވަސް ދޭން ވާނެ އެވެ.

މިހާރު ގާނޫނުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އީސީއަށް ދެވޭނީ މަދުވެގެން 10 ދުވަހެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައުމަށް ނިންމީ 10 ދުވަހަކީ އީސީއަށް ކުޑަ މުއްދަތެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ. ކެންޑިޑޭޓުންނަށް މިހާރަށް ވުރެ ގިނަ ވަގުތު ބޭނުންވާ ކަން މީގެ ކުރިން ވެސް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނުން ވެސް އެބަ ޖެހޭ މި ހުށަހަޅާ ލިޔުންތަކާ ފޯމުތަކާ އެއްޗެހި ސައްހަ އެއްޗެއްތޯ ބަލަން، ފަރާތްތަކަށް ގުޅައިގެން ބަލަން، އެހެންވެ 14 ދުވަހަށް މި ބަދަލުކުރަނީ،" ޝަރީފް ވިދާޅުވި އެވެ.

އަދި ރަނިން މޭޓެއް ހޯދުމަށް ވެސް 10 ދުވަހަކީ ކުރު މުއްދަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އެ މުއްދަތު އިތުރުކުރުމުން އިލެކްޝަންސް ކޮމިޝަނަށް 14 ދުވަސް ގެއްލޭނެ ކަމަށެވެ. އަދި ކެންޑިޑޭޓެއްގެ މައްސަލަ އުޅޭތޯ ބަލާނީ އޭގެ ފަހުން ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ ހަތަރު އަހަރު ފަހުން އެ މުއްދަތު އިތުރު ކުރަން ޖެހުނީ ކޮން ދަތިތަކެއް ކުރިމަތިވާތީ ކަމެއް ސާފުނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އެއްވެސް ފަރާތެެއްގެ އެއްވެސް ހައްގެއް މިހާރު ގާނޫނު އޮތް ގޮތުން އުނިވެގެން ދިޔަ ކަން ވެސް އެނގޭކަން ނެތް، އެހެންވެގެން އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ މި އިސްލާހު ގެންނަން ޖެހެނީ ކޮން ކަމެއް ނުވެގެން ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މިހާރު ވެސް އޮންނަނީ 10 ދުވަހަށް ވުރެ އިތުރަށް ދުވަސް ދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައި ކަން ފާހަގަކުރައްވައިފަ އެވެ.

"މީގެ ކުރީގެ ގާނޫނުގައި އޮތީ މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެއޭ، މާނައަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް ބާރު ލިބެޔޭ 100 ދުވަސް ދެއްވުމަށް ވެސް 200 ދުވަސް ދެއްވުމަށް ވެސް،" އިމްތިޔާޒް ވިދާޅުވި އެވެ.

މިކަމުގައި މާ ބޮޑު ފަރަގެއް ނެތް ކަން ފާހަގަކުރައްވައި އިމްތިޔާޒް ވަނީ އެއް ފޮޅުވަތުގެ ބިލެއް މި ކަމަށް ފޮނުވާފައިވަނީ "ވަރަށް މާނައެއް" ނެތް ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ރައްޔިތުންނާއި ޖަމިއްޔާތަކުގެ ކަންބޮޑުވުން ހިމަނައިގެން މި ގާނޫނަށް އިސްލާހެއް ގެނައުން މާ ރަނގަޅުވާނެ ކަމަށެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން މި މޭރުމުން ވާހަކަ ދެއްކެވިނަމަވެސް، ބިލު ފާސްކުރުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.