Advertisement

ގާޒީ ޝަކީލަށް ކުރިއެރުން ދިނުމާއެކު އިދިކޮޅު ލީޑާޝިޕް ޖޭއެސްސީއަށް

6 މާރިޗު 2023 - 12:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް ޖޭއެސްސީގައި؛ ހައި ކޯޓަށް ޝަކީލް އައްޔަންކުރި ގޮތުގެ މައުލޫމާތު ސާފުކުރަން އެދިފައިވޭ - ފޮޓޯ: ޕީޕީއެމް


ގާޒީ ޝަކީލަށް ކުރިއެރުން ދިނުމާއެކު އިދިކޮޅު ލީޑާޝިޕް ޖޭއެސްސީއަށް

6 މާރިޗު 2023 - 12:02 0

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަޑައިގެންފި އެވެ.

ޖޭއެސްސީއަށް ވަޑައިގަތީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސުންގެ ތެރެއިން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޖޭއެސްސީއަށް މިއަދު ވަޑައިގަތީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަން ކުރަން ނިންމި ސަބަބު ސާފު ކުރުމަށް ކަމަށެވެ.

"ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަން ކުރަން ނިންމި ސަބަބު އޮޅުންފިލުވުމަށާއި ޖޭއެސްސީއާއި ޖުޑިޝަރީގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަޑައިގެން ތިއްބެވީ،" ހީނާ ވިދާޅުވި އެވެ.

ގާޒީ ޝަކީލަށް ދިން ކުރިއެރުމާ ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމާއި ޕީއެންސީން ނޫސް ބަޔާނެއް ވެސް ނެރެފައިވެ އެވެ. މިއީ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ ބަދަލުގައި ޖޭއެސްސީއާއި ސަރުކާރުން ދިން "ރިޝްވަތެއް" ގޮތުގައި އިދިކޮޅުން ސިފަކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

މި ހުކުމް މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް އެ މައްސަލަ އަދި ހައި ކޯޓުގައި ރަޖިސްޓްރީކުރުމާ މެދު ގޮތެއް ނިންމާފައި ނުވާތީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ވަނީ މިއަދު ހައި ކޯޓަށް ވެސް ވަޑައިގެންފަ އެވެ.

ހައި ކޯޓަށް ޝަކީލް އައްޔަން ކުރަން ނިންމިއިރު، މިއީ ޔާމީނަށް ހުކުމެއް އިއްވި ދެވަނަ ފަނޑިޔާރަކަށް ކުރިއެރުން ދެއްވި ފަހަރެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި ހުކުމް އިސްތިއުނާފްކޮށް ހިންގި ޝަރީއަތަށް ފަހު، އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.