Advertisement

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން ނިންމައިފި

6 މާރިޗު 2023 - 09:03 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް؛ ހައި ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމައިފި


ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން ނިންމައިފި

6 މާރިޗު 2023 - 09:03 0

ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އައްޔަންކުރަން ނިންމާފައިވާ ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި، ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސިޔާމާމަންޒިލް، އއ. ފެރިދޫ، ޝަކީލް އައްޔަންކުރަން ނިންމިކަން ހާމަކޮށްފައިމިވަނީ، އެފަދަ އަޑުތަކެއް ފެތުރެމުން ދަނިކޮށެވެ.

ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޝަކީލް ފަނޑިޔާރު ކަމުގެ ހިދުމަތް ކުރައްވަން ފެއްޓެވީ މާޗު 23، 2003 ގަ އެވެ. މިދިޔަ 19 އަހަރު ތެރޭގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ.

ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަންކުރަން ނިންމިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތެއް ބެއްލެވީ އޭނާ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

އެއީ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން 1.1 މިލިއަން ޑޮލަރު ޔޫސުފް ނައީމްގެ ފަރާތްޕުޅުން ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.

މިއީ ޔާމީންގެ މައްޗަށް ހުކުމެއް އިއްވި ދެވަނަ ފަނޑިޔާރަކަށް ކުރިއެރުން ދެއްވި ފަހަރެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓަށް ވެސް ތިން ފަނޑިޔާރުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސ. މަރަދޫ، އެށެވެލި، އިބްރާހީމް އިހްސާން އާއި ގއ. ނިލަންދޫ، ބިއްލޫރިޖެހިގޭ، އިބްރާހީމް ޒިހުނީ އާއި ރ. ރަސްގެތީމު، ގުލާބީގެ، އާމިނަތު އަޒްލިފާ އެވެ.