Advertisement

އެސޯސިއޭޝަންތަކަށް ގިނަ އެހީތަކެއް ވެވޭ، އެތުލީޓްސް ކޮމިޝަން ދަނީ ރަނގަޅަށް

5 މާރިޗު 2023 - 13:43 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ: އެސޯސިއޭޝަންތަކަށް ގިނަ ގުނަ އެހީތެރިކަމެއް ފޯރުކޮށްދެވޭ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެސޯސިއޭޝަންތަކަށް ގިނަ އެހީތަކެއް ވެވޭ، އެތުލީޓްސް ކޮމިޝަން ދަނީ ރަނގަޅަށް

5 މާރިޗު 2023 - 13:43 0

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުޅިވަރުގެ ކުރިއެރުމަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވޭ ކަމަށާއި އެތުލީޓުންގެ ހައްގުގައި ގެނެވުނު އެތުލީޓްސް ކޮމިޝަންގެ މަސައްކަތްތައް ދަނީ ރަނގަޅަށް ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަމޫ ވިދާޅުވީ އެ ކޮމިޓީން އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ސްކޮލަޝިޕް ފަދަ ކަންކަމުގައި އެކަނި ނޫން ކަމަށެވެ.

"މިދިޔަ އަހަރު ވެސް ނިމިގެންދިޔައިރު، (ދެންމެ އޮލިމްޕިކް ކޮމިޓީގެ) ރައީސްގެ ސްޕީޗުން ވެސް ފާހަގަކުރިހެން 88 ޕަސެންޓް އެސޯސިއޭޝަންތަކަށް ވަނީ ދެވިފައި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ އެސިސްޓަންސް އެއް،" ތަމޫ ވިދާޅުވި އެވެ.

"އެކި ދާއިރާތަކަށް ބިނާކޮށް، އެ އެސޯސިއޭޝަނެއް ކުރިއެރުވުމަށް ނޫނީ ޕްރޮމޯޓް ކުރުމަށް ދެވޭ އެހީތެރިކަން އެބަހުރި، އެ އެސޯސިއޭޝަނެއްގެ އެތުލީޓުން ކުރިއެރުވުމަށް ދޭ އެހީތެރިކަން އެބަހުރި. އެ އެސޯސިއޭޝަނެއް ސަސްޓެއިނަބަލް ގޮތަކަށް ކުރިއަށް ގެންދިއުމަށް ދެވޭ އެހީތެރިކަން އެބަހުރި ފޯރުކޮށްދެވިފައި،"

އެ ގޮތުން އެސޯސިއޭޝަންތަކަށް އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ލީޑަޝިޕުން ފޯރުކޮށްދޭ ބައެއް ކަންތައްތަކަކީ މުޅިން އަލަށް ކޮށްދޭ ކަންތައްތަކެއް ކަމަށް ތަމޫގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ތަމޫ ވިދާޅުވީ އެންމެ މުހިންމު ކަމަކީ މިހެން ދޭ އެހީތެރިކަމުން ނުކުންނަ ނަތީޖާ އަށް ބަލައި، އިތުރަށް ރަނގަޅު ކުރެވޭނެ ކަންތައްތައް ހިމަނައިގެން ދެެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުން ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެތުލީޓްސް ކޮމިޝަން ހިނގައިގަތުމަކީ ރަނގަޅު ބަދަލު ފެންނާނެ ކަމެއް

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ. އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ. އޭގެ ފަހުން އެތުލީޓްސް ކޮމިޝަނުގެ އިންތިހާބެއް ބާއްވައި، މެމްބަރުން އިންތިހާބު ކޮށްފަ އެވެ.

އިއްޔެ، އެތުލީޓްސް ކޮމިޝަންގެ ފަރާތުން، ބާސްކެޓުން އަހުމަދު ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ އާމިރާ އަދި ބެޑްމިންޓަންގެ ނީލާ ނަޖީބު ވަނީ ބައިވެރިވެފަ އެވެ. އެކްސްކޯގައި އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި އިއްޔެ ހުރީ ނަޝްފާ އެވެ.

ތަމޫ ވިދާޅުވީ މިހާރު އޮތް އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕުން އައިސް އެންމެ ފުރަތަމަ ކުރި އެއް ކަމަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އަންގާފައިވާ ގޮތަށް، އެތުލީޓްސް ކޮމިޝަނެއް އެކުލަވާލުން ކަމަށެވެ.

"މިދިޔަ އަހަރު ކަން ދިމާކުރި ގޮތުން، ގޭމްސްތައް ހުރި ގޮތުންނާއި، މުބާރާތްތައް ރާއްޖޭގައި ބޭއްވުމާ އެކު އޭގެ ވެސް ކަންކަން ހުރި ގޮތުން. އެތުލީޓްސް ކޮމިޝަންގެ މެމްބަރުން ވެސް ވަރަށް ތާށި ވެގެން ދިޔައީ އެކި ކަންކަމުގައި،" މިދިޔަ އަހަރު ކަންތައްތައް ހިނގާދިޔަ ގޮތަށް އިޝާރާތްކުރައްވައި ތަމޫ ވިދާޅުވި އެވެ.

"އެހެންވެ، މިދިޔަ އަހަރުގެ ޕްރޮގްރާމް ނުހިންގުނު ކަމުގައި ވިޔަސް މި އަހަރު މުޅިން އަލަށް ފަށާފައި މި ވަނީ ކޮންމެ ކުޅިވަރެއްގެ ޕްލޭޔަރުން އެބަތިބި އެކުލަވާލެވިފައި، ލީޑާސްގެ ގޮތުގައި. އެ މީހުންނާ ބައްދަލުކުރެވި މި ވަނީ އެތުލީޓްސް ކޮމިޝަނުން ވެސް އެކްޓިވިޓީ ކަލަންޑަރެއް އެކުލަވާލެވިފައި. އެ މި އޮތީ އޮލިމްޕިކް ކޮމިޓީ އަށް ވެސް ހުށަހަޅާފައި،"

އެތުލީޓްސް ކޮމިޝަންގެ ހަރަކާތްތައް ހިނގަނީ އެ ކޮމިޝަންގެ މެންޑޭޓްގެ ތެރެއިންކަން ފާހަަގަކުރައްވައި، ތަމޫ ވިދާޅުވީ ރަނގަޅު ގިނަ ކަންކަން ކުރިއަށް ރޭވިފައި އެބަހުރި ކަމަށެވެ. އެ ގޮތުން، އެތުލީޓުންގެ ހޭލުންތެރިކަން އިތުުރުކުރަން ކުރަން ޖެހޭ ކަންކަމާއި އޮލިމްޕިޒަމް ކުރިއެރުވުމުގެ މަަސައްކަތްތައް ވެސް އެތުލީޓްސް ކޮމިޝަނުން ކުރަންޖެހޭނެ އެވެ.

"މި ކަމަކީ ހަގީގަތުގައި ރާއްޖޭގެ އެތުލީޓުންނަށް އެ ހުޅުވާލައިދެވެނީ މަގެއް. އެ ކުދިންގެ އިހުސާސްތައް ދައްކަން ޖެހޭ ވާހަކަތަކެއް ސީދާ އޮލިމްޕިކް ކޮމިޓީއާ އަޅައިދެވޭ ބްރިޖެއް. މިހާރު އެ ހޮވިފައި ތިބި އެތުލީޓްސް ކޮމިޝަން މެމްބަރުންނަކީ އަޅުގަނޑު ގަބޫލުކުރާނީ. މަސައްކަތް ކުރާނެ ބައެއްކަން. އެ ކުދިން ވަރަށް ހިތްވަރު ނަގައިގެން މަސައްކަތް ކުރަމުން ދަނީ. އެކަން ފާހަގަކޮށް ޝުކުރު ވެސް ދަންނަވަން،" ތަމޫ ވިދާޅުވި އެވެ.

"އެތުލީޓްސް ކޮމިޝަނުން، ދެން، އަންނާނެ އެކްސްކޯ އަށް ރެޕްރެޒެންޓޭޓިވް އެއް. އެ އެކްސްކޯ މީޓިންތަކުގައި ވެސް ހަމަ ވަރަށް ބޮޑު އިމްޕުޓެއް ލިބޭ ހަމަ. އެބަ އެނގޭ އެތުލީޓުންގެ އަޑު އޮލިމްޕިކް ކޮމިޓީގެ އެކްގެޒެކްޓިވް ކޮމިޓީ އަށް ވެސް އަންނަކަން،"

މިހާރު އޮތް އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕްގެ އެއް ވިސްނުމަކީ މާލެއިން ބޭރުގައި ގިނަ ހަރަކާތްތަކެއް ހިންގުންކަން މިދިޔަ އަހަރު އަހަރީ އާންމު ޖަލްސާގައި ތަމޫ ވަނީ ވިދާޅުވެފަ އެވެ. އޭނާ އިއްޔެ ވިދާޅުވީ މިހާރު ވެސް ވިސްނުމަކީ އެއީ ކަމަށާއި މި އަހަރުގެ މިހާތަނަށް ވެސް ތިން އަތޮޅެއްގައި އެކި ޕްރޮގްރާމްތައް ބޭއްވިފައިވާ ކަމަށެވެ.