5 މާރިޗު 2023 - 06:01 0
ފާތިމަތު ސާޔާ އަހުމަދު
އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް
5 މާރިޗު 2023 - 06:01 0
އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ތެޔޮ ރައްކާކުރާ ސްޓޭޝަނެއްގައި އަލިފާން ރޯވެ 17 މީހުން މަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ 08:00 ހާއިރު އަލިފާން ރޯވީ ދައުލަތުގެ ހަކަތަ ކުންފުނި ޕެރްޓަމިނާގެ ތެޔޮ ރައްކާ ކުރާ ސްޓޭޝަނެއްގަ އެވެ.
އެ ތަނުގައި ރޯވި އަލިފާންގަނޑު ފެތުރި ކައިރީގައި ހުރި ބައެއް ގެތައް ވެސް އެނދި އެވެ. އެ ހާދިސާ ހިނގީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގަ އެވެ.
ޕެރްޓަމިނާ ކުންފުނިން ބުނީ ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު އަލިފާންގަނޑު ނިއްވާލި ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ އިރު، 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.
ޖަކާޓާގެ އެކްޓިން ގަވަރުނަރު ހެރޫ ބުދީ ހަރްތޯނޯ ވިދާޅުވީ އަނިޔާވި މީހުންގެ ސިއްހީ ފަރުވާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވި އިރު، އަލިފާންގަަނޑުގެ ތެރެއިން ބާރުގަދަަ ގޮވުންތަކުގެ އަޑު އިވެމުން ދިޔަ އެވެ.
ޕެރްޓަމިނާ ކުންފުނިން ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށާއި ހާދިސާގެ ސަބަބުން ޖަކާޓާގެ ތެލުގެ ސަޕްލައިއަށް ބަދަލު ނާންނަ ކަމަށެވެ.
ޕެރްޓަމިނާގެ ސީއީއޯ މައާފަށް އެދި ވިދާޅުވީ ކުންފުނީގެ އެތެރޭގައި ތަހުގީގެއް ހިންގައި، މުސްތަގްބަލުގައި އެފަދަ ހާދިސާއެއް ނުހިނގާނެ ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އިންޑޮނީޝިއާގެ ހަކަތައާ ބެހޭ މިނިސްޓްރީގެ މައުލޫމާތަށް ބަަލާއިރު، އަލިފާން ރޯވި ސްޓޭޝަނުގައި ތިން ލައްކަ ކިލޯ ލީޓަރުގެ ތެޔޮ ރައްކާކުރެވެ އެވެ.
Comment