4 މާރިޗު 2023 - 11:31 0
އަހުމަދު އާއިދު
ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިން އަށް ހާއްސަކޮށް އަޅާ ކަނދުފަތިތަށް އެޅުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
4 މާރިޗު 2023 - 11:31 0
ރާއްޖޭގައި ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިން އަށް ހާއްސަކޮށް ކަނދުފަތިތަކެއް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީއިން ފަށައިފި އެވެ.
އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓްހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާ ކައިރިން މަސްވެރިކަންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
އަދި މިއީ 2021 ވަނަ އަހަރު އެ މިނިސްޓްރީއިން އަޖުމަ ބެލުމުގެ ގޮތުން މި ބާވަތުގެ މަސްވެރިކަމަށް ހާއްސަކޮށް ފަރުމާކޮށް ގާއިމުކުރި ކަނދުފަތިތަކުގެ ނަތީޖާއަށް ބެލުމަށްފަހު ކަނދުފަތީގެ ޑިޒައިނަށް އެކި ބަދަލުތައް ގެނައުމަށްފަހު އެޅޭ ކަނދުފަތިތަކެއް ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަސް ކަނދުފަތި އެޅިގެންދާނީ ދެކުނު ތިން އަތޮޅު ކަމަށްވާ ގއ، ޏ، އަދި ސ. އަތޮޅުގެ ސަރަހައްދުތަކެއްގަ އެވެ.
އެގޮތުން ކަނދުފަތި އެޅިގެންދާނީ ގއ. މާމެންދޫގެ އިރުން 4.5 މޭލު ބޭރު، ޏ. ފުވައްމުލައް އިރުދެކުނު، ސ. ހުޅުމީދޫގެ އިރު ދެކުނުން ހަ މޭލު ބޭރު، ސ. ގަމުގެ ދެކުނުން ފަސް މޭލު ބޭރު، އަދި ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގަ އެވެ.
"އަލަށް ގާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުސަތުތަކެއް ހުޅުވި މިމަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އާ ދޮރެއް ހުޅުވިގެންދާނެކަމަށް މި މިނިސްޓްރީއިން ގަބޫލުކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން މިނިސްޓްރީއިން ބުނެފައިވަނީ މި ކަނދުފަތިތައް އަޅާނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ ރާޑަރު ރިފްލެކްޓާއާ އެކު ކަމަށެވެ.
އަދި މަސްވެރިންނަށް ފަސޭހައަށް ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްފައިވާ ކަނދުފަތިތަކާ ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިން ކަމަށާއި ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާ ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިން މަސްވެރިކަމަށް ހާއްސަ ކަނދުފަތިތަކެއް ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment