ލިޓަން މަރާލި ކަމަށް ބުނާ ނިޒާމް; އޭނާގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައި
ވައްކަމާއި, މަސްތުވާތަކެތި ޓްރެފިކް ކުރުން އަދި ގަސްތުގައި މީހަކު މެރުން ހިމެނޭހެން ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ, ނިޒާމް, ލިޓަން މަރާލާފައި ވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށާއި, އޭނާ މަރާލާފައި ވަނީ ކ. ގަލުފަޅު ސަރަހައްދަށް އޭނާ ކޮއްޕާ މޫދަށް ވައްޓާލައިގެން ކަމަށެވެ.
ފުރަތަމަ މި މައްސަލަ ފެންމަތިވީ, ފިއުލް ޕަވާ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން، 35، އަދި ނިޒާމް ގެއްލިގެން ހޯދަން ފެށި ހިސާބުންނެވެ. ޑިސެމްބަރު 28، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދި ހޯދުމުން އެނގުނު ގޮތުގައި އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.
ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. ނިޒާމް އަދިވެސް ބަންދުގައި ހުރި އިރު، އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ނިޒާމުގެ މައްޗަށް ކުރާ ދައުވާތައް އަދި އަދަބު:
ޕީޖީ އޮފީހުން މިއަދު ބުނީ ލިޓަންއަށް ނޭގި ހުއްޓާ އޭނާ މޫދަށް ކޮއްޕާލައިގެން އޭނާ މަރާލާފައި ވަނީ ޑިސެމްބަރު 28، ގެ 19:00 އާ 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި، އެމީހުން ދަތުރުކުރީ ހެދޭކުރި ދޯނީގައި ހުރި ލިޓަންގެ 51,000ރ. ނިޒާމް ވަގަށް ނަގާފައވާ ކަމަށް ވެސް ޕީޖީން ބުނެ އެވެ.
އަދި، ވަގަށް ނެގި ފައިސާއިން މަސްތުވާތަކެތި ގަނެފައިވާ ކަމަށް ވެސް ނިޒާމުގެ މައްޗަށް ތުހުމަތުކޮށްފައި ވެއެވެ.
މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ނިޒާމުގެ މައްޗަށް ކޮށްފައިވަނީ ނިޒާމު ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ އެވެ.
ނިޒާމާއި ލިޓަން ގެއްލުނު މައްސަލަ ފުލުހަށް ރިޕޯޓްކުރިތާ ހަތަރު ދުވަސް ފަހުން ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން އިންސާނެއްގެ ހަށިގަނޑު ފެނުނެވެ.
އެއީ ލިޓަންގެ ހަށިގަނޑު ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ހަށިގަނޑު ތަހުލީލުކުރުމަށް ފަހު ފުލުހުން ވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ނިޒާމު, ލިޓޮން މަރާލި ކަމަށް ބަލާ, އޭނާގެ މައްޗަށް މިވަނީ ދައުވާ އުފުލާފަ އެވެ.
Comment