1 މާރިޗު 2023 - 09:28 0
ފާތިމަތު ސާޔާ އަހުމަދު
ބެލެނިވެރިން ދަނީ ކްލާސްތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލަމުން. -- ފޮޓޯ: އިރްނާ
1 މާރިޗު 2023 - 09:28 0
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އިރާނުގައި ވިހަ ގޭހުގެ ސަބަބުން 700 އަށް ވުރެ ގިނަ އަންހެން ދަރިވަރުން ބަލިވި މައްސަލަ ބަލަން ފަށައިފި އެވެ.
މިހާތަނަށް އެއްވެސް ކުއްޖަކު މަރުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ބޯ އަނބުރައި، ވަރުބަލިވެ، މޭނުބައިކޮށް، ނޭވާލާން އުނދަގޫވުން ފަދަ ގިނަ މައްސަލަތަކެއް އެ ކުދިންނަށް ދިމާވެ އެވެ.
"ބަައެއް މީހުން ބޭނުންވަނީ ސްކޫލްތައް ބަންދުކުރަންކަން ވަރަށް ސާފު. ވަކިން ހާއްސަކޮށް އަންހެން ކުދިންގެ ސްކޫލްތައް،" ޑެޕިއުޓީ ހެލްތު މިނިސްޓަރު އާދީއްތަ ދުވަހު ވިދާޅުވި އެވެ.
ޑެޕިއުޓީ ހެލްތު މިނިސްޓަރު ޔޫނިސް ޕަނާހީ ވިދާޅުވީ ވިހަކުރުމަށް ބޭނުން ކުރަނީ މިލިޓަރީ ގްރޭޑް ކެމިކަލެއް ނޫން ކަމަށާއި އެއީ އާއްމުކޮށް ލިބެން ހުންނަ ކެމިކަލް ކަމަށެވެ.
އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ މިދިޔަ ހަފުތާގަ އެވެ. މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އެކަން ކުރަނީ ކޮން ބަޔެއް ކަމެއް ނޭނގެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެންމެ ފުރަތަމަ ކުދިންތަކެއް ވިހަވީ ނޮވެމްބަރު 18 ގަ އެވެ. އެ ފަހަރު ގޯމް ސިޓީގެ ނޫރް ޓެކްނިކަލް ސްކޫލްގެ 18 ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އޭގެ ފަހުން ވެސް އެ ޕްރޮވިންސްގައި ހިންގާ އަންހެން ކުދިންނަށް ހާއްސަ 10 ސްކޫލަށް ހަމަލާ އަމާޒުވެފައިވެ އެވެ.
ހުޅަނގު ލޮރެސްތާނުގެ ބޮރުޖޭދް ސިޓީގެ ހަތަރު ސްކޫލަކުން މިދިޔަ ހަފުތާގައި 194 އަންހެން ކުދިންނަށް ވިހަވުމުގެ މައްސަލަ ދިމާވި އެވެ.
އަންގާރަ ދުވަހު ވެރިރަށް ތެހްރާން ކައިރިން ހައްޔާމް ގާލްސް ސްކޫލުގައި 37 ކުދިން ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ވިހަވުމުގެ މައްސަލަ ދިމާވި ހުރިހާ ކުދިން ވެސް ބުނީ އަލާމާތްތައް ފެންނަން ފެށުމުގެ ކުރިން ކުނި މަސް ނުވަތަ އޮރެންޖުގެ ވަސް ދުވި ކަމަށެވެ.
އަންހެން ދަރިވަރުންނަށް ދިމާވަމުންދާ ހާލަތާ މެދު ކަންބޮޑުވެ ބެލެނިވެރިން ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން ގޯމް ސިޓީގެ ގަވަރުނަރު އޮފީސް ކައިރިއަށް 100 އަށް ވުރެ ގިނަ މީހުން އެއްވި އެވެ.
އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބަޔެއްކަން ނޭނގޭ އިރު، ބައެއް މީހުން ބުނަނީ ތާލިބާން ވިސްނުމުގެ މީހުން އިރާނުގައި އުޅެމުންދާ ކަމަށެވެ.
Comment