Advertisement

ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އަންހެން ބައިގެ ތަށި ހޯދީ އަހުމަދިއްޔާ އާއި ރަސްދޫ އިން

1 މާރިޗު 2023 - 10:24 0

ރަސްދޫ ކުޅުންތެރިން ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.


ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އަންހެން ބައިގެ ތަށި ހޯދީ އަހުމަދިއްޔާ އާއި ރަސްދޫ އިން

1 މާރިޗު 2023 - 10:24 0

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ކާމިޔާބުކުރިއިރު، 17 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އއ. ރަސްދޫގެ އއ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.

ޖުމްލަ އެކު، 24 ސްކޫލަކުން 70 ޓީމް ވާދަކުރާ ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލްތައް އިއްޔެ ނިމުނުއިރު، މުބާރާތުގައި މިހާރު ކުރިއަށްދަނީ ދެ އުމުރުފުރާގެ ފިރިހެން ބައިގެ މެޗުތަކެވެ.

އިއްޔެ ހަވީރު ކުޅުނު 15 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލް މެޗު އަހުމަދިއްޔާ އިން ކާމިޔާބުކުރީ ގާޒީ ސްކޫލާ ވާދަކޮށް 13-4 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަހުމަދިއްޔާގެ މަރިޔަމް ކައިލީން ޝިރުހާން އެވެ.

އަހުމަދިއްޔާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލް 17-11 އިން ބަލިކޮށްގެންނެވެ. ގާޒީ ފައިނަލުން ޖާގަ ހޯދީ ފ.ފީއަލީގެ ފ.އަތޮޅު މަދަރުސާ 17-6 އިން ބަލިކޮށްގެންނެވެ.

ފަނަރަ އަހަރުންދަށުގެ އުމުރުފުރާގެ އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އަހުމަދިއްޔާގެ ކައިލީން، އެ ސްކޫލްގެ ފާތިމަތު ރުކާން އިބްރާހިމް އަދި ކަލާފާނު ސްކޫލްގެ މަރިޔަމް މާޝަލް އަހުމަދު އެވެ.

އެ ގޮތުން 17 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އއ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ ފައިނަލުގައި އިސްކަންދަރު ސްކޫލު 14-8 އިން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އއ.އަތޮޅު ތައުލީމީ މަރުކަޒުގެ ހައްވާ މިލްހާނާ މުހައްމަދު މާހިރު އެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ތާޖުއްދީން ސްކޫލް 16-12 އިން ބަލިކޮށްގެންނެވެ. އިސްކަންދަރަށް ބަލާއިރު އެޓީމުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކ.ގުޅީ ސްކޫލް 18-11 އިން ބަލިކޮށްގެންނެވެ.

މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް އއ.އަތޮޅު ތައުލީމީ މަރުކަޒުގެ މިލްހާނާ ހިމެނެ އެވެ. އޭނާގެ އިތުރުން ދެން ހިމެނުނީ އއ. އަތޮޅު ތައުލީމީ މަރުކަަޒުގެ ގޯލްކީޕަރު އައިޝަތު އިނާ އާތިފް އަދި އިސްކަންދަރު ސްކޫލްގެ ފާތިމަތު ލީމް ރިޝާދު އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ދެ އުމުރުފުރާގައިވެސް ޓީމްތައް ހަތަރު ގްރޫޕަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. ފިރިހެން ބައިގެ ފައިނަލް މެޗުތައް ކުޅޭނީ މާޗް 11 ގަ އެވެ.