28 ފެބުރުވަރީ 2023 - 21:34 0
މުހައްމަދު އުޝާމް
މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން؛ އެކައުންޓަކުން އެއް މިލިއަން ރ. ގެއްލުނު ވާހަކަ ބީއެމްއެލުން ދޮގުކޮށްފި
28 ފެބުރުވަރީ 2023 - 21:34 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓަކުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ ބައެއް އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލޭކަން ފާހަގަވާތީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ބީއެމްއެލްގެ އެކައުންޓަކުން މިނިއަނެއްހާ ރުފިޔާ ގެއްލުނު ކަމަށް ހާރޫން ވިދާޅުވީ އެ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
"މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހޭ އަޅުގަނޑު ހަނދާން ވަނީ، އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއްގެ އެކައުންޓުން، މިލިއަނެއްހާ ރުފިޔާއާއި 22،000 ޑޮލަރު ވަނީ ގެއްލިފައި، މިހެން ޓްރާންސްފާ ވަމުން ތަންދޮރު ދަންނަ މީހެއްގެ އެކައުންޓަކަށް ޓްރާންސްފާ ވުމުން، ބޭންކަށް ގުޅާ ރިޕޯޓް ކުރީމޭ، މިވެނި މީހެއްގެ ފައިސާ އެބަ ޓްރާންސްފާ ވެޔޭ، އެކަމަކު ބޭންކުން އަޅައެއް ނުލާ،" އިއްޔެގެ ޖަލްސާގައި ހާރޫން ވިދާޅުވެފައިވެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބޭންކުގެ އެއްވެސް ކަސްޓަމަރެއްގެ އެއްވެސް އެކައުންޓަކުން އެއް މިލިއަން ރުފިޔާ ގެއްލިފައި ނެތް ކަމަށެވެ.
"އެމްޕީ [ހާރޫން] އިއްޔެ މަޖިލީހުގައި އެއް މިލިއަން ރުފިޔާ [އެކައުންޓަކުން] ގެއްލުނު ކަމަށް ވިދާޅުވެފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ބައެއް އެކައުންޓުތަކުން ފައިސާ ގެއްލެނީ އެ ބޭންކުގެ އެއްވެސް ސިސްޓަމެއްގެ މައްސަލައަކުން ނޫން ކަމަށާއި ފައިސާ ގެއްލެނީ ކަސްޓަމަރުންނަށް ހެދޭ ގޯސްތަކުން ކަމަށް ބީއެމްއެލުން މިއަދު ވެސް ނޫސްތަކަށް ފޮނުވި ލިޔުމެއްގައިވެ އެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެބަހުރި ލިންކްތަކަށް ފިތައިގެން އިންޓަރނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒް ވެފައި. އަދި ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލް ވެސް ޖަހާފައި އެބަ ހުރޭ، މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލްވެސް ލިބޭ. ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓާ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި،" ބީއެމްއެލްގެ ލިޔުމުގައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment