28 ފެބުރުވަރީ 2023 - 09:45 0
28 ފެބުރުވަރީ 2023 - 09:45 0
ލަންޑަން (ފެބްރުއަރީ 28) - ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް ކުރިއަށް އޮތް ދެ މެޗުން އެ ޓީމުގެ ނަތީޖާތަށް ރަނގަޅު ނުކުރެވިއްޖެނަމަ އެ ކްލަބްގެ ވަޒީފާ ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނޮވެމްބަރު މަހުގެ ފަހުން ޗެލްސީ މޮޅުވީ އެންމެ ތިން މެޗުންނެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ޗެލްސީ ބަލިވީ ގޯލެއް ވެސް ނުޖެހި އެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ޗެލްސީ އަށް މޮޅެއް ނުލިބޭއިރު، ޖެހުނީ އެންމެ ގޯލެކެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ ދާދި ފަހުން ބޭއްވި ބޯޑް މެމްބަރުންގެ ބައްދަލުވުމެއްގައި ވަނީ ޕޮޓާގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަަކަ ދައްކައިފަ އެވެ. އެ ގޮތުން، ޗެލްސީ އަށް ކުރިއަށް އޮތް ދެ މެޗުގައި ނަތީޖާ ރަނގަޅު ނުކުރެވިއްޖެނަމަ ޕޮޓާ، އެ ޓީމުގެ ކޯޗުކަމުން ވަކިކުރަން ބޯޑުން ވަނީ ނިންމައިފަ އެވެ. އަދި އެކަން ވަރަށް އަަވަހަށް ޕޮޓާއާ އެކު މަޝްވަރާކުރާނެ ކަމަށް ވެސް އިނގިރޭސި ނޫހެއް ކަމަށްވާ ޓެލެގްރާފުން ރިޕޯޓްކޮށްފައިވެ އެވެ.
ޗެލްސީ އަށް ދެން އޮތީ ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ޑޯޓްމަންޑާ ކުޅޭ މެޗެވެ.
ޕްރިިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޗެލްސީ ބަލިވި މެޗަށް ފަހު ޕޮޓާގެ މުސްތަގުބަލާ ބެހޭގޮތުން .ކުރި ސުވާލަކަށް ޖަވާބު ދެމުން، ޕޮޓާ ވަނީ ކަންތައްތައް މިދާ ގޮތުން އޭނާ އަށް މަގާމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ބުނެފަ އެވެ.
"މިސާލާކަށް ބަލަމާ މި ވޭތުވެދިޔަ އަހަރުތަކުގައި ޔާގަން (ކްލޮޕް) ލިވަޕޫލްގައި އެ ކުރި ރަނގަޅު ހުރިހާ މަސައްކަތެއް ވެސް މިހާރު އެއް ކަމަކަށް ނުވޭ. އެއީ އެ ޓީމުގެ ނަތީޖާތަށް މިހާރު އޮތްގޮތުން، ދެން ޗެލްސީގެ ނަތީޖާތަށް މި ހުރީ އެއްވެސް މީހަކު ބޭނުންވާނެ ގޮތަކަށް ނޫން. މީގެ އޮތީ ރަނގަޅުކުރަން މަސައްކަތް ކުރުން، ޔަގީންކަން ދެވޭނެ ވަޒީފާއެއް ނޫން މިއީ. ނަތީޖާ އަށް ގިނަ ކަންކަން ބަރޯސާވަނީ،" ޕޮޓާ ބުންޏެެވެ.
މީގެ ހަ މަސް ކުރިން ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމުން ބޭރުކޮށް، އެ ކްލަބްގެ އާ ވެރިޔާ އެމެރިކާގެ މަހުޖަނު ބޯލީގެ ވިޝަންއާ އެއްގޮތަށް ކްލަބް ކުރިއަށްދާނެ ކޯޗެއް ގެންނަން ބޭނުންވާ ކަމަށް ބުނެ، ޗެލްސީ ކޯޗަަކަށް ޕޮޓާ ހަަމަޖެއްސި އެވެ. ޕޮޓާ އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިން ނަމަވެސް އެއް އަހަރު ވެސް ނުވެ، ޕޮޓާ އަށް ވަޒީފާ ގެއްލުމުގެ ފުރުސަތު ބޮޑެވެ.
Comment