Advertisement

އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުމުގައި އެމެރިކާ މީހަކު މަރުވެއްޖެ

28 ފެބުރުވަރީ 2023 - 10:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް


އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުމުގައި އެމެރިކާ މީހަކު މަރުވެއްޖެ

28 ފެބުރުވަރީ 2023 - 10:07 0

އާދީއްތަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ މީހަކު މަރުވެއްޖެ އެވެ.

އެ ފިރިހެން މީހާ މަރުވީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ ޖެރީކޯ ސިޓީ ކައިރީގައި އުޅަނދުތަކަކަށް ދިން ހަމަލާއެއްގައި ގަޔަށް ވަޒަން އަރައިގެންނެވެ.

އޭގެ ކުރިން ހުޅަނގުގެ އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ އަވަށްތަކަށް ހަމަލާދީ، ގެތަކާއި ކާރުތަކުގައި ރޯކުރި އެވެ.

ޖެރީކޯ ކައިރީގައި ބަޑި ޖެހުމުން އަނިޔާވި އެމެރިކާގެ ޕާސްޕޯޓް އޮތް މީހާ ގުދުސްގެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް އޭނާ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.

އެމެރިކާގެ ސަފީރު ޓޮމް ނައިޑްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އެމެރިކާގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ.

އިޒްރޭލް ސިފައިން ބުނީ ހަތިޔާރު ހިފައިގެން ތިބި ބަޔަކު އިޒްރޭލުގެ އުޅަނދުތަކަށް ތިން ފަހަރެއްގެ މަތިން ބަޑިން ހަމަލާ ދިން ކަމަށާއި ފަހުން އުޅަނދުތަކުގައި ރޯކުރި ކަމަށެވެ.

ހަމަލާ ދިން މީހުން ފިލީ އިޒްރޭލް ސިފައިން ރައްދުގައި ބަޑި ޖަހަން ފެށުމުންނެވެ. އެ ހަމަލާގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ގްރޫޕަކުން އުފުލާފައެއް ނުވެ އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނީ އިޒްރޭލާއި ޔަހޫދީންގެ ހަމަލާތަކަށް ކެތްކުރެވޭނީ ވަކި މިންވަރަކަށް ކަމަށާއި ރައްދުގައި ހަމަލާ ދިނުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ.

އާދީއްތަ އަދި ހޯމަ ދުވަހު ހުޅަނގު އައްސޭރީގައި ހަމަލާ ބަދަލުކުރި އިރު، އާދީއްތަ ދުވަހު އުރުދުންގައި އޮތް ސަމިޓެއްގަައި އިޒްރޭލާއި ފަލަސްތީނުން ވަނީ ހަމަނުޖެހުން ކުޑަކުރަން އެއްބަސްވެފަ އެވެ.

އެގޮތަށް އެއްބަސްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ އަވަށްތަކަށް ޔަހޫދީން ވަދެ ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާއްމުވެފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އުމުރުން 37 އަހަރުގެ މީހެއްގެ ބަނޑަށް ވަޒަން އެރުމުން މަރުވެފައިވާ ކަމަށާއި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށެވެ.