Advertisement

މުއިއްޒުގެ ދިފާއުގައި ޖިހާދު ހެކިބަސް ދީފި؛ "ދައުލަތުން ހުށަހެޅި ބައެއް ޔައުމިއްޔާތައް ސައްހަ ނޫން"

27 ފެބުރުވަރީ 2023 - 17:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ނައިބު ރައީސް ޖިހާދު؛ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލާގައި މުއިއްޒުގެ ދިފާއުގައި ހެކިބަސް ދީފި


މުއިއްޒުގެ ދިފާއުގައި ޖިހާދު ހެކިބަސް ދީފި؛ "ދައުލަތުން ހުށަހެޅި ބައެއް ޔައުމިއްޔާތައް ސައްހަ ނޫން"

27 ފެބުރުވަރީ 2023 - 17:35 0

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ބޭރުގެ އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލާގައި، މުއިއްޒުގެ ދިފާއުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހެކިބަސް ދީފި އެވެ.

މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެ ގޮތުން މިއަދު ތިން މީހެއްގެ ހެކިބަސް ނެގިއިރު، އޭގެ ތެރޭގައި ޖިހާދު ހިމެނެ އެވެ. ޖިހާދަކީ އޭރުގެ ސަރުކާރުގައި ނައިބު ރައީސަކަށް ވުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުއިއްޒުގެ ފަރާތުން ޖިހާދު ހުށަހެޅުއްވި ސަބަބަކީ، ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޭރުގެ ސަރުކާރުގެ ކެބިނެޓުގެ ތެރެއިން އެކުލަވާފައިވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޔައުމިއްޔާތަކަކީ ސައްހަ ޔައުމިއްޔާތަކެއް ނޫން ކަން ސާބިތު ކުރުމަށެވެ. ނައިބު ރައީސަކަށް ވުމުގެ ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ޖިހާދު އެ ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި ވެސް ވެ އެވެ.

މިއަދު ޝަރީއަތަށް ހެކިބަސް ދިން ވަގުތު ޖިހާދަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ އެ ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާ ކަމަށް ބުނާ ލިޔެކިޔުންތަކެއް ދެއްކި އެވެ. އެ ލިޔެކިޔުންތަކަށް ބަލާފައި، އެއްވެސް ލިޔެކިޔުމެއްގައި ކައުންސިލްގައި ހިމެނޭ އެއްވެސް ވަޒީރަކު ސޮއިކުރައްވާފައި ނެތުމުން، އެއީ ސައްހަ ޔައުމިއްޔާތަކެއް ނޫން ކަމަށް ޖިހާދު ހެކިބަސް ދެއްވި އެވެ.

މުއިއްޒުގެ ދިފާއުގައި މިއަދު ތިން މީހަކު ހެކިބަސް ދިން އިރު، މުއިއްޒު ހުށަހަޅުއްވާފައިވާ ހަތަރު ހެކިވެރިޔަކު އަނބުރާ ގެންގޮސްފައި ވެސް ވެ އެވެ. އެހެންކަމުން، ބާކީ ހެކިބަސް ނުދީ ވަނީ ހަތަރު މީހެއްގެ ހެކިބަހެވެ. ކުރިއަށް އޮންނަ އަޑުއެހުމުގައި އެ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވި އެވެ. ނަމަވެސް އަޑުއެހުން އޮންނާނެ ވަކި ތާރީހެއް ވިދާޅުނުވެ އެވެ.

މުއިއްޒުގެ ދިފާއުގައި ހެކިބަސް ދިން މީހުން

  • މުހައްމަދު މާހިދު ޝަރީފް - ހައުސިން މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ
  • ދިލްޝާން އަބްދުﷲ - ސަރުކާރުގެ ކުންފުނިތަކުގައި ޕްރޮޖެކްޓް މެނޭޖަަރަކަށް މަސައްކަތް ކުރެއްވި ބޭފުޅެއް
  • އަބްދުﷲ ޖިހާދު - ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު

މި މައްސަލާގައި ދައުލަތުން ހުށަހެޅީ ފަސް ހެކިވެރިޔެކެވެ. މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތާއި މުއިއްޒުގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވައި، ދައުލަތުން ހުށަހަޅާފައިވާ ފަސް ހެކިވެރިން ވެސް ހާޒިރުކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދިޔަ އެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ.

ދައުލަތުގެ ފަރާތުން ހެކިބަސް ދިން މީހުން

  • މޫސާ ފަތުހީ - ރައީސް އޮފީހުގެ މިހާރުގެ އަންޑާ ސެކެޓަރީ
  • މުހައްމަދު އާޒިމް - ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ހައުސިން ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް
  • ހަދީޖާ ފަަރީމާ - ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު
  • ހުޝާމް ވަހީދު - ރައީސް އޮފީހުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު
  • އިބްރާހީމް ނިޒާމް- ހައުސިން މިިނިސްޓްރީގެ ޑިރެކްޓަރު

މައްސަލައިގެ ފަސްފަހަތް؛

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެ ސުވާލަށް އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.