27 ފެބުރުވަރީ 2023 - 17:06 0
މުހައްމަދު އުޝާމް
27 ފެބުރުވަރީ 2023 - 17:06 0
ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެތީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.
އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.
އެތަކެތީ ޖުމުލަ އަގު 31,052,025ރ އަށް އަރާއިރު، ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ އަށްވާ 2،112،500 އެމެރިކާ ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވެ އެވެ.
އެޓާނީ ޖެެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެގްޒެކިއުޓާސް ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅޭ އެންމެހާ ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަން ވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.
ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment