27 ފެބުރުވަރީ 2023 - 11:29 1
މުހައްމަދު އުޝާމް
27 ފެބުރުވަރީ 2023 - 11:29 1
މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި މުހައްމަދު ޝަނޫން މަރާލުމަށް އަދި އަލީ ސިފާމް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޒިޔަދަމަށް މަސް ކަނޑާ ވަޅިއަކުން ހަމަލާ ދިން ދެ މީހުންނަކީ އަލީ ސިފާމާއި މުހައްމަދު ޝަނޫނަކީ ވެސް އެ ރަށަށް ނިސްބަތްވާ ދެ މީހުންނެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އިރު، ސިފާމްގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ހުކުމް ކުރެއްވީ، ޒިޔަދަމްގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ޝަރީއަތަށް ހެކިބަސް ދީފައިވާތީ ޝަނޫންގެ މައްޗަށް މަރުގެ އަދަބު ދިނުމަށެވެ.
ޝަނޫންގެ މައްޗަށް ސާބިތުވި ކުށަށް ގާނޫނުގައި އޮންނަ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ކުށް ސާބިތުވީ އެންމެ މަތީ ދަރަޖައަށް ކަމަށް ވާތީ، 25 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރެއްވި އެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމްގެ ގޮތުގައި ބަލަނީ 25 އަހަރު ދުވަހެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.
އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގައި އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ޒިޔަދަމްއާއި ޝަނޫންގެ ލޭ ވެސް ފެނިފައިވެ އެވެ. ޒިޔަދަމަށް ހަމަލާ ދިނީ ޝަނޫން ކަމަށާއި، ޝަނޫނަށް އެ ކަމަށް އެއްބާރުލުން ދިނުމުގައި ސިފާމް ބައިވެރިވާ ކަން ސާބިތުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަފީއު ވެސް ވިދާޅުވި އެވެ.
Comment