4 މާރިޗު 2023 - 11:57 0
މުހައްމަދު ޝަހްޒާން
ކުޅުދުއްފުށީގައި ކުރިއަށްދާ ވެލިގާ ރޯޑްޝޯގެ ތެރެއިން -- ފޮޓޯ: ވެލިގާ ހާޑްވެއާ
4 މާރިޗު 2023 - 11:57 0
ވެލިގާ ހާޑުވެއާއިން ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްގެންދާ ވެލިގާ ރޯޑްޝޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްޔެ ފެށި ރޯޑްޝޯއަކީ ވެލިގާ ހާޑުވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލޭންކްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ވިއްކާ ސާމާނާ ގުޅޭ ގޮތުން މައުލޫމާތު ދީ، އަޖުމަ ބަލައި، ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ސިލްސިލާކޮށް އެ ކުންފުނިން ކުރިއަށްގެންދާ އިވެންޓުތަކުގެ ތެރެއިން ދެވަނަ އިވެންޓެވެ.
ވެލިގާގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު، އިރުފާއު އަބްދުﷲ "އަދަދު" އަށް ވިދާޅުވީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ރޯޑްޝޯގެ ފުރަތަމަ އިވެންޓެކޭ އެއްގޮތަށް، މިފަހަރުގެ އިވެންޓަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އިއްޔެވެސް ކުޅުދުއްފުށީގެ ވަރަށް ގިނަ މީހުން ޒިޔާރަތް ކުރި، ދެން މިއަދު ހޮނިހިރު ބާޒާރަށް އަތޮޅު ތެރޭގެ އެހެން ރަށްރަށުން އައި މީހުންނާ އެއްކޮށް ވަރަށް ތަރުހީބު ބޮޑުކޮށް ދަނީ،" އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ވެލިގާ ރޯޑްޝޯގެ ތެރެއިން -- ފޮޓޯ: ވެލިގާ ހާޑްވެއާ
އޭނާ އިތުރަށް ވިދާޅުވީ މިއަދު ރަސްމީކޮށް ރޯޑްޝޯ ނިންމާލި ކަމުގައި ވީނަމަވެސް މާދަމާ ވެސް އެ ސަރަހައްދުގައި ކަމާ ގުޅުންހުރި ވިޔަފާރިތައް ހިންގާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މާދަމާ ކުރިއަށް ދާނެ، މި ސަރަހައްދުގައި ވަޑާންގެތައް ހިންގާ މީހުންނާއި ހާޑުވެއާ ފިހާރަތައް ހިންގާ ފަރާތްތަކާ އަޅުގަނޑުމެން ބައްދަލުކޮށް މަޝްވަރާ ކުރާނަން، އަޅުގަނޑުމެންގެ އަތުން ލިބެން ހުންނަ ސާމާނާ ބެހޭގޮތުން އެބޭފުޅުންނަށް މައުލޫމާތު ހިއްސާ ކުރެވޭނެ،" އިރުފާއު ވިދާޅުވި އެވެ.
ވެލިގާ ރޯޑްޝޯ ކުރިއަށް ދާނީ މިރޭ 10:30 އާ ހަމައަށެވެ. ރޯޑްޝޯ މިރޭ ނިންމާލާއިރު، އެ އިވެންޓަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ވެސް ރޯޑްޝޯގެ އެންމެ ފަހު ދަންފަޅީގައި އޮންނާނެ އެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ވެލިގާއިން ހުށަހަޅާފައިވާ ބޮޑު އިނާމަކީ މެޓަބޯ ކޯޑްލެސް ޑްރިލް ސެޓަކާއި އޭގެ އެކްސެސަރީސް އެވެ. އޭގެއިތުރުން ހޮވާ އިތުރު ތިން ނަސީބުވެރިއަކަށް މެޓަބޯ އޭންގަލް ގުރައިންޑަރަކާއި ޔާޓޯ ޕެޓްރޯލް ޗެއިންސޯއަކާއި ބްރެއްނެންޓްސްޓުލް 15 މީޓަރުގެ ކޭބަލް ރީލެއް ވެލިގާއިން ހުށަހަޅާފައިވެ އެވެ.
ވެލިގާ ރޯޑްޝޯގެ ފުރަތަމަ އިވެންޓު ކުރިއަށްގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގދ. ތިނަދޫގަ އެވެ. އެ އިވެންޓަށް ވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
ވެލިގާ ރޯޑްޝޯގެ މައިގަނޑު މަގުސަދަކީ ރީޖަނަލް ޑިސްޓްރިބިއުޓަރުންގެ އިތުރުން ކަސްޓަމަރުންނާއި އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދާނާކޮށް ބަދަހި ކުރުން ކަމަށް ވެލިގާއިން ބުނެ އެވެ.
Comment