Advertisement

ކޮލަމްބިއާގެ ކޯޓަކުން އަޑުއެހުމެއް މެޓަވާސްގައި ބާއްވައިފި

26 ފެބުރުވަރީ 2023 - 11:05 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: ޔޫޓިއުބް


ކޮލަމްބިއާގެ ކޯޓަކުން އަޑުއެހުމެއް މެޓަވާސްގައި ބާއްވައިފި

26 ފެބުރުވަރީ 2023 - 11:05 0

ކޮލަމްބިއާގެ ކޯޓަކުން އަޑުއެހުމެއް ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މެޓަވާސްގައި ބާއްވައިފި އެވެ.

ޓްރެފިކް މައްސަލައަކާ ގުޅިގެން ކޮލަމްބިއާގެ މެގްޑަލެނާ އެޑްމިނިސްޓްރޭޓިވް ކޯޓުން ބޭއްވި އަޑުއެހުމެއް މެޓަވާސް މެދުވެރިކޮށް ބާއްވާފައިވަނީ މެޓަ ކުންފުނީގެ އެހީތެރިކަމާއެކު، އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭޏުންކޮށްގެނެވެ.

ދެ ގަޑިއިރަށް ދެމިގެންދިޔަ އަޑުއެހުން ޔޫޓިއުބުން ލައިވް ކުރި އިރު، އަޑުއެހުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ވެސް ހުރީ ކޮމްޕިއުޓާ ޖެނެރޭޓެޑް އެވަޓާސްގެ ގޮތުގަ އެވެ. ތްރީޑީކޮށް ކުރަހާފައިވާ ކޯޓެއްގައި މެޖިސްޓްރޭޓް މަރީއާ ކުއިނޮނޭޒް ޓްރިއާނާ ކަޅު ރޯބެއްގައި ހުރި އިރު ދެން ތިބި ފަރާތްތަކުން ވެސް އޮފިޝަލް ހެދުމުގައި ކޯޓުގައި ހަރަކާތްތެރިވި އެވެ.

މިފަދަ ޓެކްނޮލޮޖީއެއް ޝަރުއީ ދާއިރާގައި ބޭނުންކުރުމާއި ބެހޭގޮތުން މެޖިސްޓްރޭޓް ކުއިނޮނޭޒް ވިދާޅުވީ، މިއީ ވީޑިއޯ ކޯލް އަކަށް ވުރެ މާ ފުރިހަމަ ޓެކްނޮލޮޖީއެއްކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސްތަކުގައި ބައެއް ފަރާތްތަކުން ކެމެރާ ނިއްވާލާކަމަށާއި މިކަމުގެ ސަބަބުން އެފަރާތްތައް ކުރާ ކަންކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެ ކޯޓުން ވާޗުއަލް ރިއަލިޓީ ބޭނުންކުރާނެ ކަމަށާއި މި މައްސަލައިގެ ވެސް ބައެއް އިތުރު މަރުހަލާތަކުގައި މެޓަ ވާސްގެ ޓެކްނޮލޮޖީ ބޭނުންކުރަން ރާވާފައިވާ ކަމަށް ކުއިނޮނޭޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ އައު ޓެކްނޮލޮޖީތަކަށް ޝަރުއީ ދާއިރާ ހޭލުންތެރިވުމަށް އެޅޭ ފިޔަވަޅުތަކެއް ކަމަށާއި މިކަމުގެ ސަބަބުން އައު ދޮރުތަކެއް ހުޅިވިގެން ދާނެ ކަމަށެވެ.

އަޑުއެހުމުގެ ޔޫޓިއުބް ލައިވް ބެލި ބައެއް މީހުންވަނީ މިފަދަ ޓެކްނޮލޮޖީ ބޭނުންކުރުމުން ތައުރީފްކޮށް އެކަން ބަލައިގެންފަ އެވެ. ނަމަވެސް ބެލުންތެރިންގެ ތެރެއިން 70ގިނަ ބަޔަކު ވަނީ މިގޮތް މާ "ކާޓޫނިޝް" ކަމަށާއި ޝަރުއީ ނިޒާމުގެ ސީރިއަސްކަން ގެއްލޭ ކަމަށް ބުނެ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ

މެޓަވާސް ފުރަތަމަ އާންމުނަށް ދައްކާލި ހިސާބުން ފެށިގެން ވެސް ގިނަ ބައެއް ވަނީ މެޓަގެ ޓެކްނޮލޮޖީގެ ކާޓޫން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

މެޓަ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް މެޓަ ވާސް އަށް އެތައް ހަރަދުތަކެއް ކުރުމުގެ ސަބަބުން، އެކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި މެޓަގެ ވާޗުއަލް ރިއަލިޓީ ޑިވިޝަންއަށް ވަނީ 4.28 ބިލިއަން ޑޮލަރު ގެއްލިފަ އެވެ.

ނަމަވެސް އޭއައި އަދި ވާޗުއަލް ރިއަލިޓީ އަކީ މެޓަގެ މުސްތަގުބަލު ކަމަށް ބުނެ ޒަކަބާގް އަދިވެސް އަންނަނީ މިކަމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.