Advertisement

ވިހި އަހަރަށް ފަހު ދައުވާ ނުކޮށް، ދެބެއިން ގުއަންޓަނާމޯ ޖަލުން ދޫކޮށްލައިފި

25 ފެބުރުވަރީ 2023 - 13:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕާކިސްތާނުގެ ދެބެއިން. -- ފޮޓޯ: ނިއު ޔޯކް ޓައިމްސް


ވިހި އަހަރަށް ފަހު ދައުވާ ނުކޮށް، ދެބެއިން ގުއަންޓަނާމޯ ޖަލުން ދޫކޮށްލައިފި

25 ފެބުރުވަރީ 2023 - 13:29 0

އެމެރިކާގެ ގުއަންޓަނާމޯ ބޭ ޖަލުގައި ގާތްގަނޑަކަށް 20 އަަހަރު ވަންދެން ބަންދުކޮށްގެން ގެންގުޅުނު ޕާކިސްތާނުގެ ދެބެއިންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލައިފި އެވެ.

އަބްދުލް އަދި މުހައްމަަދު އަހްމަދް ރައްބާނީ ޕާކިސްތާނުން ހައްޔަރު ކުރީ 2002 ވަނަ އަހަރު އެވެ. ޕެންޓަގަންއިން ތުހުމަތު ކުރީ އަބްދުލް ރައްބާނީ އަލްގައިދާގެ ސޭފް ހައުސްއެއް އޮޕަރޭޓް ކުރި ކަމަށެވެ.

އަދި އަބްދުލް އާއި މުހައްމަދު ގުޅިގެން އަލް ގައިދާގެ ލީޑަރުންގެ ދަތުރުތައް ހަމަޖައްސައިދީ ފަންޑުތައް މެނޭޖުކޮށްދިން ކަމަށް ވެސް ޕެންޓަގަންއިން ތުހުމަތު ކުރި އެވެ.

އެ ދެބެއިން ބުނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އޭޖެންޓުން އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދިން ކަމަށެވެ. ގުއަންޓަނާމޯއަށް ބަދަލުކުރީ އޭގެ ފަހުންނެވެ.

ޖަލުން މިނިވަން ކުރުމުން، މިހާރު އެ ދެ މީހުން ތިބީ ޕާކިސްތާނުގަ އެވެ.

މުހައްމަދު ރައްބާނީ ޖަލުގައި ހުރި އިރު މޮޅު އާޓްވޯކްތަކެއް އުފައްދަނި، އާޓްގެ ދާއިރާއިން މިހާރު ވަނީ މަގްބޫލުކަން ހޯދާފައި.


ކިޔުބާގައި އެމެރިކާ ސިފައިންގެ ޖަލެއް ގާއިމްކުރީ 2001 ވަނަ އަހަރު އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި މީހުން ބަންދުކުރާ އެ ޖަލުގައި ލާއިންސާނީ އެތައް އަމަލެއް ހިންގައި، އެއްވެސް ހެއްކެއް ނެތި ގިނަ އަހަރުތަކަކަށް މީހުން ބަންދުކޮށްފައިވެ އެވެ.

އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ އެ ފެސިލިޓީ ބަންދު ކުރުމަށެވެ. އެހެން ނަމަވެސް އަދިވެސް 32 ގައިދީން އެ ތަނުގައި އެބަ ތިއްބެވެ.