Advertisement

ފުރުސަތު ނުދޭނެކަން އެނގުމުން ރާމޯސް ސްޕެއިނަށް ކުޅުން ހުއްޓާލައިފި

24 ފެބުރުވަރީ 2023 - 00:16 0


ފުރުސަތު ނުދޭނެކަން އެނގުމުން ރާމޯސް ސްޕެއިނަށް ކުޅުން ހުއްޓާލައިފި

24 ފެބުރުވަރީ 2023 - 00:16 0

ޕެރިސް (ފެބްރުއަރީ 24) - ސްޕެއިންގެ އާ ކޯޗު، ޑި ލާ ފުއެންޓޭ، ފުރުސަތު ނުދޭން ނިންމުމާ އެކު، އެ ޓީމަށް ކުޅުން ހުއްޓާލަން ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް ނިންމައިފި އެވެ.

ސްޕެއިން ޓީމުގެ ކޯޗުކަމުން މިދިޔަ ޑިސެމްބަރު މަހު، ލުއިސް އެންރީކޭ ވަކިކޮށް، އެ މަގާމަށް ހަމަޖެއްސީ 2013 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޔޫތު ފުޓްބޯޅައިގައި މަސައްކަތް ކުރަމުން އަންނަ ކޯޗު ޑި ލާ ފުއެންޓޭ އެވެ.

އަންނަ މަހު 37 އަހަރު ފުރޭ ރާމޯސް މިރޭ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ސިޓީގައިވާ ގޮތުން، އާ ކޯޗު ޑެ ލާ ފުއެންޓޭ ވަނީ ރާމޯސް އަށް ސްޕެއިން ޓީމުން ފުރުސަތެއް ނެތްކަން އަންގައިފަ އެވެ.

"ކޯޗު އަހަރެން ގާތުގައި ބުނެފައި އޮތީ އެއްވެސް ފުރުސަތެއް ނެތޭ، އަހަރެން ކޮންމެ ލެވަލެއްގައި ކިހާ ގިނަ ދުވަހެއްގައި ކުޅުނު ކަމުގައި ވިޔަސް. އެހެންވެ، އަހަރެން ނިންމީ މިއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަންވީ ވަގުތޭ މިއީ،" ސްޕެއިން ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު ޔޫރޯ އާއި ވޯލްޑް ކަޕްގައި ވެސް ފުރުސަތު ނުލިބުނު ރާމޯސް ބުންޏެވެ.

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ރާމޯސް ބުނީ އުންމީދު ކޮށްގެން ހުރީ ސްޕެއިން ޓީމާ ވަރަށް "ރީތި ގޮތުގައި" ވަކިވެގެންދާން ފުރުސަތު ލިބޭނެ ގޮތްވާނެ ކަމަށެވެ. އެހެން ނަަމަވެސް، ސްޕެއިން ޓީމަށް ހޯދި ކާމިޔާބީއާ އެއް ހަމައެއްގައި ކުޅުން ހުއްޓާލަން ކުރި އުންމީދާ އެއްގޮތަށް އެއް ކަމެއް ވެސް ނުދިޔަ ކަމަށް ރާމޯސް ވަނީ ބުނެފަ އެވެ.

ރާމޯސް ބުނީ އުމުރުން ދުވަސްވީ ނަމަވެސް ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގައުމީ ޓީމުތަކުގައި ތަފާތު ދައްކަމުން ކަމަށާއި އެކަން އެކި ޓީމުތަކުން ފެންނަމުންދާ ކަމަށެވެ.

އެ ގޮތުން، ރާމޯސް މިސާލު ޖެހިއިރު، ފާހަގަކުރި ކުޅުންތެރިންނަކީ 35 އަހަރުގެ ލިއޮނަލް މެސީ އާއި 37 އަހަރުގެ ލޫކަ މޮޑްރިޗް އަދި 39 އަހަރުގެ ޕެޕޭ އެވެ. އެ ކުޅުންތެރިންނަށް ލިބުނު ނަސީބު ރާމޯސް އަށް ނެތްކަން އޭނާ ވަނީ ހިތާމައާ އެކު ފާހަގަކޮށްފަ އެވެ.

ސްޕެއިން ޓީމަށް 180 މެޗު ކުޅުނުއިރު، އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ވެސް އޮތީ ރާމޯސް އަތުގަ އެވެ. ރާމޯސް އަކީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.