Advertisement

ހުޅަނގު އައްސޭރީގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ނުވަ މީހުން މަރާލައިފި

23 ފެބުރުވަރީ 2023 - 07:08 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް ފަލަސްތީން މީހުން މަގުމަތީގައި. -- ފޮޓޯ: ރޮއިޓާޒް


ހުޅަނގު އައްސޭރީގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ނުވަ މީހުން މަރާލައިފި

23 ފެބުރުވަރީ 2023 - 07:08 1

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ހަމަލާދީ ފަލަސްތީނުގެ ނުވަ މީހުން މަރާލައި އިތުރު 70 މީހުންނަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލުގެ ސިފައިން ބުނީ ނަބްލޫސް ސިޓީގައި ކުރިއަށް ދަނީ އޮޕަރޭޝަނެއް ކަމަށެވެ. އެހެން ނަމަވެސް ތަފްސީލް ހާމައެއް ނުކުރެ އެވެ.

އިސްލާމިކް ޖިހާދު ގްރޫޕުން ބުނީ ނަބްލޫސްގައި ދިރިއުޅޭ އެ ގްރޫޕްގެ ދެ ކޮމާންޑަރުންގެ ގެ ވަށައި އިޒްރޭލް ސިފައިން ޖަމާވި ކަމަށެވެ.

އިޒްރޭލް ސިފައިން ހަމަލާ ދިނުމުން ރައްދުގައި އިސްލާމިކް ޖިހާދުން ފިޔަވަޅު އެޅި އެވެ. ގޮވުންތަކުގެ އަޑު އިވުނު އިރު، ފަލަސްތީނުގެ ޒުވާނުން ވަނީ އިޒްރޭލްގެ އުޅަނދުތަކަށް ގާ އުކައިފަ އެވެ.

ސިއްހީ އޮފިޝަލުން ބުނީ މަރުވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރުން ހިމެނޭ ކަމަށެވެ. ބާކީ ހަތް މީހުންގެ ތެރެއިން ތިން މީހުންނަކީ އިސްލާމިކް ޖިހާދާ ގުޅުން ނެތް ބަޔެކެވެ. އޭގެ ތެރޭގައި 72 އަހަރުގެ ފިރިހެނަކާއި 14 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެ އެވެ. އޮފިޝަލުން ބުނީ ފަލަސްތީނުގެ 70 މީހުންނަށް އަނިޔާ ލިބުނު ކަމަށެވެ.

ނަބްލޫސްގެ އިތުރުން އަަވައްޓެތި ޖެނިން ސިޓީގައި އިޒްރޭލުން ހިންގާ އޮޕަރޭޝަންތައް ފާއިތުވި އަހަރުގެ ތެރޭގައި ވަނީ އިތުރުކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ލަފާކުރެ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ މި އަހަރު ފަލަސްތީނުގެ ހަމަލާތަކުގައި މަރުވީ އިޒްރޭލުގެ 10 މީހުންނާއި ޔޫކްރެއިންގެ ފަތުރުވެރިއެއް ކަމަށެވެ.

"ނަބްލޫސްގައި ހިންގަ އަމަލު ކުށްވެރިކޮށް، އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާ ނިމުމަކަށް ގެންނަން ގޮވާލަން،" ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދެއިނާ ވިދާޅުވި އެވެ.

އިސްލާމިކް ޖިހާދްއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް ހިންގާ ހަމާސްއިން ވަނީ ރައްދުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. ގާޒާއަކީ ހަމާސްއިން ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ.