Advertisement

އީސަ އަލުން އީގަލްސް އަށް

22 ފެބުރުވަރީ 2023 - 11:53 0

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން އީސަ: މިއީ ފުޓްބޯޅަ ކެރިއަރުގައި އީސަ އީގަލްސްއާ ގުޅުނު ދެ ވަނަ ފަހަރު.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އީސަ އަލުން އީގަލްސް އަށް

22 ފެބުރުވަރީ 2023 - 11:53 0

ކްލަބް އީގަލްސް އަށް މީގެ ހަތް ވަރަކަށް އަހަރު ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު، އިސްމާއިލް އީސަ (މެސީ)، އަލުން އެ ޓީމަށް ބަދަލުވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކްލަބް އީގަލްސް އިން ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސް ފަށާފައިވާއިރު، މި ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދޭނީ އީގަލްސްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.

މިދިޔަ ސީޒަނުގައި އީސަ ކުޅުނީ ކްލަބް ވެލެންސިއާ އަށެވެ. އީސަ، މީގެ ކުރިން 2014 އާއި 2015 ވަނަ އަހަރު އީގަލްސް އަށް ކުޅުނުއިރު އެ ޓީމުގެ ކޯޗަކީ ސާންތީ އެވެ. އެ ދެ އަހަރު އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން އީސަ ކުޅުނުއިރު، އެއީ އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އަހަރުތަކެވެ. އީސަ ވަނީ މީގެ ކުރިން އެއް ސީޒަނުގައި ސާންތީގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެފަ އެވެ.

ވިކްޓަރީން މީގެ 15 ވަރަކަށް އަހަރު ކުރިން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި، އީސަ، ވަނީ އޭގެ ފަހުން، ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ އަދި ކްލަބް ވެލެންސިއާ އަށް ކުޅެފަ އެވެެ.

އީސަގެ އިތުރުން އީގަލްސްގެ ޕްރެކްޓިހުގައި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަންނަނީ ބައިވެރިވަމުންނެވެ. ބެންޖޯ ވެސް އެންމެ ފަހުން ވެލެންސިއާ އިން ފެނުނުއިރު، ޗެކް ކުޅެފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.

އާ ސީޒަނަށް އީގަލްސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި އެހެން ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާ އަށް ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ޔުނައިޓެޑް ވިކްޓަރީގެ ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމް، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ކުރިން އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) ހިމެނެ އެވެ.

ކުރިން އަހަރުތަކެކޭ އެއްގޮތަށް އާ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި މާޒިޔާ އިން ވަނީ މިދިޔަ އަހަރުތަކުގައި އީގަލްސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ތިން ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.