22 ފެބުރުވަރީ 2023 - 11:21 0
މުހައްމަދު އުޝާމް
އެމްއެންޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒު؛ ރިޔާސީ ބަޔާނުގެ ޖަވާބު އެމްއެންޕީން ހުށަހަޅަން އެދިއްޖެ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު
22 ފެބުރުވަރީ 2023 - 11:21 0
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރުގެ ފަހު ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ދިނުމަށް އެދިއްޖެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.
ނަވާރަވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ އެމްޑީޕީއަށް އޮތް އިރު، ދެން އެންމެ މެންބަރުން ގިނައީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރަކު މަޖިލީހުގައި އެބަ ތިއްބެވި އެވެ. ރައީސް ސޯލިހުގެ ފުރަތަމަ ހަތަރު ރިޔާސީ ބަޔާނަށް ވެސް ޖަވާބު ދެއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ނަމަވެސް މި އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ނުދެއްވަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ނިންމާފައިވާއިރު، އެމްއެންޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އެ ފުރުސަތު ދެން އެ ޕާޓީއަށް ދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ އިދާރާއަށް، އެ ޕާޓީން ހުށަހަޅާ ޖަވާބާއެކު ސިޓީއެއް ފޮނުވައިފަ އެވެ.
"ރިޔާސީ ބަޔާނުގެ ޖަވާބާއެކު ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޒު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި، ޖަވާބު މަޖިލީހަށް ރަސްމީ ސިފައެއްގައި ބަލައިގަނެ ދެއްވައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ހުށަހެޅޭނެ ފަދައަކުން އެޖެންޑާ ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ." އެމްއެންޕީން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވެ އެވެ.
މި މަހު ހަވަނަ ދުވަހު ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން އުޅުއްވުމުން ޕީޕީއެމާއި ޕީއެންސީގެ މެންބަރުން އިހުތިޖާޖު ކުރަން ފެއްޓެވި އެވެ. އެއާއެކު ބައެއް މެންބަރުންގެ ނަން ރިޔާސަތުން އިއްވައި ތަޅުމުން ނެރުނެވެ. އޭގެ ފަހުން އިރުކޮޅަކަށް ޖަލްސާ މެދުކަނޑައިލި އެވެ. އޭގެ ފަހުން ޖަލްސާ ފެށީ ވެސް ނަން އިއްވާފައި ނެތް ޕީޕީއެމާއި ޕީއެންސީގެ މެންބަރުން ނުވައްދަ އެވެ.
އެހެންވެގެން ރައީސް ސޯލިހު އިއްވާފައިވާ ރިޔާސީ ބަޔާނަކީ ސައްހަ ބަޔާނެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ނުދެކެ އެވެ. އަދި ރިޔާސީ ބަޔާނަށް ޖަވާބު ނުދެއްވާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެ އެވެ.
Comment