Advertisement

ޕެންޝަން އޮފީހުން ދައުލަތުގައި އިންވެސްޓުކޮށްފައި ބާކީ ހުރި 20 ބިލިއަން ވެސް ޗާޕުކުރާނެ: ޝަމްހީދު

about 2 hours 0

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު: އޭނާ ވަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޕެންޝަން އޮފީހުން ދައުލަތުގައި އިންވެސްޓުކޮށްފައި ބާކީ ހުރި 20 ބިލިއަން ވެސް ޗާޕުކުރާނެ: ޝަމްހީދު

about 2 hours 0

ޕެންޝަން އޮފީހުން ދައުލަތުގެ ސެކިއުރިޓީތަކުގައި އިންވެސްޓުކޮށްފައި ހުރި ފައިސާގެ ތެރެއިން ބާކީ ހުރި 22 ބިިލިއަން ރުފިޔާ ވެސް ޗާޕުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ އާއި އެ ޖަލްސާގައި އިއްވާ ރިޔާސީ ބަޔާނާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްހީދު ވިދާޅުވީ، ޕެންޝަން އޮފީހުން އިސްތިއުފާ ދިން ގިނަ ބޭފުޅުން އިސްތިއުފާ ދިނީ ވެސް، ބާކީ ހުރި ފައިސާ ޗާޕު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ނުދެވުމުން ކަމަށެވެ.

"އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ 2.4 ބިލިއަން މި ފަހަރު ޗާޕުކުރަނީއޭ. ބާކީ އޮތް 20 ބިލިއަނަށް ކިހިނެއްހޭ ވާނީ، އެ ވެސް ޗާޕުކުރާނީހޭ. ހަގީގަތުގައި އެއަށް ސަރުކާރުން ގެރެންޓީއެއް ނުދިނީމަ، ގިނަ ބޭފުޅުން އިސްތިއުފާ ދިން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަ ވަނީ،" އޭނާ ވިދާޅުވި އެވެ.

"އެހެންމަ މުސްތަގުބަލުގައި ވެސް މި ފައިސާ ޗާޕުކުރުން ކުރިއަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ޝަމްހީދު ވިދާޅުވި ގޮތުގައި ސަރުކާރުން ގެންދަނީ ދެ އުކުޅެއް ބޭނުންކޮށްގެން ސަރުކާރުން ފައިސާ ޗާޕުކުރަމުންނެވެ. އެއް ގޮތަކީ ޕެންޝަން އޮފީސް މެދުވެރިކޮށެވެ. އަނެއް ގޮތަކީ، ބީއެމްއެލްއިން ފައިނޭންސް ކުރާ ގޮތަށް އަމިއްލަ ކުންފުނިތަކާ ސަރުކާރުގެ ޕްރޮޖެކްޓުތައް ހަވާލުކުރުމެވެ.

މި މުއާމަލާތުގައި އަމިއްލަ ކުންފުނިތައް ބައިވެރިކުރަނީ ބީއެމްއެލްއިން ސަރުކާރަށް ދެވޭ ފައިސާގެ ލިމިޓު (ސިންގަލް ޕާޓީ އެކްސްޕޯޝާ) ހަމަވެފައި ވާތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މި ފަހުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 2.4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް އެ ގޮތަށް ހަވާލުކުރީ ސަރުކާރަށް އެ ފައިސާ ނެގެން ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މި އަމަލުތަކާ ގުޅިގެން، ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދު އަދި ނިމުނު ދެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް، ފައިސާ ޗާޕުކުރުމުގެ ވައުދާ ހިލާފުވެފައިވާ ކަމަށް ޝަމްހީދު ތުހުމަތުކުރެއްވި އެވެ.

ފައިސާ ޗާޕުކުރުމުގެ ވައުދާ ހިލާފުވުމުގެ އިތުރުން، އިގުތިސޯދީ އަދި މާލީ އެހެން ކަންކަމަށް ބެލި ނަމަވެސް ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެ ގޮތުން ހަތް ޕަސެންޓުން މަތީގައި ބަހައްޓާނެ ކަަމަށް ބުނި އިގުތިސޯދީ ކުރިއެރުން މަޑުޖެހުމާއި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓުގައި ހުރި ދަރަނި ކުޑަކުރާނެ ކަަމަށް ބުނުމަށް ފަހު 136 ޕަސެންޓުން މައްޗަށް ދަރަނި އަރުވާލުމާއި ރިފޯމް ކުރާނެ ކަމަށް ބުނި ސަރުކާރު ކުންފުނިތަކުގެ ހާލަތު ގޯހުންގޯހަށް ދިޔުން ޝަމްހީދު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޑޮލަރު މައްސަލައަށް އެއްވެސް ހައްލެއް ނާންނަ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. އަދި ސަރުކާރަށް ކުރީ އަހަރަށް ވުރެ އިތުރަށް 400 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބުނުއިރު، މި ފައިސާއަކީ ދަރަނި ދައްކަން ލިބުނު ފައިސަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.