Advertisement

ޔަހޫދީންގެ "ތާރީހީ" ހައްގުތައް ނުދޭ ކަމަށް ބުނެ އެމެރިކާއަށް ފާޑުކިޔުން

22 ފެބުރުވަރީ 2023 - 07:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.


ޔަހޫދީންގެ "ތާރީހީ" ހައްގުތައް ނުދޭ ކަމަށް ބުނެ އެމެރިކާއަށް ފާޑުކިޔުން

22 ފެބުރުވަރީ 2023 - 07:47 0

ޔަހޫދީންގެ "ތާރީހީ" ހައްގުތައް ހިފަހައްޓަން އުޅޭ ކަމަށް ވިދާޅުވެ، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނުރުހުން ފާޅުކޮށްފި އެވެ.

ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމާ ގައުމުތަކުން ދެކޮޅު ކަމަށެވެ.

އެ ބަޔާން ނެރުނީ ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުގެ ރުހުމާ އެކު އެވެ. އޭގެ ތެރޭގައި އިޒްރޭލަށް އެންމެ ވަފާތެރި އެމެރިކާ ވެސް ހިމެނެ އެވެ.

"ފަލަސްތީން ރައްޔިތުންގެ ބިން އަތުލައި، ޔަހޫދީން އާބާދު ކުރާ ސަރަހައްދުތައް 'ގާނޫނުގެ ތެރެއަށް ފެއްތުން' ބަލައިނުގަނެވޭނެ. އަދި ފަލަސްތީން ރައްޔިތުންގެ ގެތައް ސުންނާފަތިކޮށް، އެ މީހުން މަގުމަތިކުރުން ވެސް ބަލައިނުގަނެވޭނެ،" ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ބުންޏެވެ.

ނަތަންޔާހޫގެ އޮފީހުން ރައްދުގައި ނެރުނު ބަޔާނުގައި ބުނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބަޔާން ނެރުނީ އެއް ފަރާތަކަށް ބުރަވެގެން ކަމަށާއި އެއީ "ތާރީހީ ގޮތުން ޔަހޫދީން ވަޒަންވެރިވެގެން އުޅުނު ބިމުގައި ދިރިއުޅުމުގެ ހައްގު ހިފަހައްޓަން އުޅުން" ކަމަށެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ގްރޫޕްތަކުން ގުދުސްގައި ދޭ ޓެރަރިސްޓް ހަމަލާތަކުގެ ވާހަކަ ބަޔާނުގައި ނެތް ކަމަށާއި ފަލަސްތީން ސަރުކާރުން "ޓެރަރިސްޓުންނަށް ހިތްވަރު ދޭން ގެންގުޅޭ ސިޔާސަތު" ވެސް ކުށްވެރިކޮށްފައި ނުވާ ކަމަށް ނަތަންޔާހޫގެ ބަޔާނުގައިވެ އެވެ.

ނަތަންޔާހޫގެ ބަޔާނުގައި އެމެރިކާގެ ނަން ވަކިން ފާހަގަކުރުމަށް ވިދާޅުވީ "އެއީ ނެރިގެން ނުވާނެ ބަޔާނެއް" ކަމަށާއި "އެމެރިކާއިން އެ ބަޔާނަށް އެއްބާރުލުން ވެސް ދީގެން ނުވާނެ" ކަމަށެވެ.