21 ފެބުރުވަރީ 2023 - 08:43 0
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ ހަފްލާގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
21 ފެބުރުވަރީ 2023 - 08:43 0
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ކުޅިވަރުގައި ޝާމިލުވެ އުޅޭ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭން މިދިޔަ އަހަރު ފެށި އެވޯޑްސްގެ މި އަހަރުގެ ހަފްލާ އަންނަ މަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް ޔޫތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި ވަނީ ރާއްޖޭގެ ރަސްމީކޮށް ކުޅޭ ކޮންމެ ކުޅިވަރަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވައިފަ އެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާގައި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރިކޮށްދިނުމުގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދެ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ކުރިން ސަރުކާރުން އެންމެ ފަހުން ކުޅިވަރަށް ހާއްސަކޮށް އެވޯޑެއް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. އެއީ 2011 ވަނަ އަހަރުގެ ކާމިޔާބީތަކަށް ބަލައިގެން، ދިން އެވޯޑްތަކެކެވެ. އެ އެވޯޑް ދިނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގަ އެވެ. އެ ފަހުން ސަރުކާރުގެ ބައިވެރިވުމާ އެކު އެވޯޑެއް ބާއްވާފައެއް ނުވެ އެވެ.
ފާއިތުވި އަހަރު ފެށި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ ތަފާތަކީ، ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކުން އެވޯޑްތަކަށް ނޮމިނޭޝަން ހުށަހަޅާއިރު، އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެވޯޑަަށް ކަނޑައަޅާ ޖަޖިން ޕެނަލް އަކުންނެވެ.
މިދިޔަ އަހަރު އެވޯޑް ދީފައިވަނީ، 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބަލައިފަ އެވެ. އެ ގޮތުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ، ފާތިމަތު ނަބާހާ އެވެ.
ދުވަހު ނޫސް "ހަވީރު" އިން ވަނީ 1994 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު "ހަވީރު ސްޕޯޓްސް އެވޯޑް" ގެ ނަމުގައި ކުޅިވަރުގެ އެވޯޑްތައް ދީފަ އެވެ. ހަވީރު ނޫސް 2016 ވަނަ އަހަރު ހުއްޓާލި ފަހުން، އެ ނޫހުގެ މެނޭޖްމަންޓުން ފަހުން އުފެއްދި "މިހާރު" ނޫހުން ވަނީ "މިހާރު އެވޯޑްސް"ގެ ނަމުގައި 2017 ގައި ހާއްސަ އެވޯޑެއް ދޭން ފަށައިފަ އެވެ. އެންމެ ފަހުން މިހާރު އެވޯޑްސް ދީފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެއީ 2018 ގައި ކުޅިވަރުތަކުން ވަނަ ހޯދި ތަރިންނަށް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment