Advertisement

ކޯލިޝަން ހެދުމުގެ ހަމަތައް ގާނޫނަށް ތިރިކުރަންޖެހޭ!؟

21 ފެބުރުވަރީ 2023 - 09:52 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކޯލިޝަން ހެދުމުގެ ހަމަތައް ގާނޫނަށް ތިރިކުރަންޖެހޭ!؟

21 ފެބުރުވަރީ 2023 - 09:52 3

ގިނަ ޕާޓީތައް ހަރަކާތްތެރިވާ ސިޔާސީ ނިޒާމެއްގައި ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކުރާނީ ސަރުކާރު ހިންގުމާ ހަވާލުވުމަށެވެ. އެހެންނަމަވެސް، އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ އަދަދާއި، އެ ތަނެއްގެ އާބާދީ ފަދަ ކަންކަމަށް ބަލާއިރު އެއް ޕާޓީއަކަށް އެކަނި ނުކުމެ، ސަރުކާރާ ހަވާލުވެވޭ ވަރުގެ ތާއީދެއް ހޯދޭކަށެއް ނޯވެ އެވެ. އެ ހާލަތުން އަރައިގަތުމަށް ސިޔާސީ ނިޒާމުތަކުގައި އަމަލުކުރަނީ ދެ ގޮތަކަށެވެ.

އެއް ގޮތަކީ، އިންތިހާބުވެއްޖެ ކަމަށް ބެލުމުގެ އޮޅިގަނޑު ތިރި ކުރުމެވެ. މިސާލަކަށް އެއް ޕާޓީއަކަށް ވޯޓުދޭ މީހުންގެ 35 އިންސަތައް ލިބުމުން އިންތިހާބުވީކަމަށް ބެލުމެވެ. އަނެއް ގޮތަކީ ތާއީދު ބޮޑު އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން އިންތިހާބީ އޮޅިގަނޑު ގިރާކުރެވޭ ވަރަށް ވޯޓު ހޯދައި ގުޅިފައިވާ ސަރުކާރެއް އުފެއްދުމެވެ. މިއީ މެޖޯރިޓޭރިއަން އިލެކްޓޯރަލް ސިސްޓަމް ނުވަތަ އެންމެ ގިނަ މީހުންގެ ތާއީދާ އެކު އިންތިހާބު ކުރެވޭ ގޮތަށް އޮންނަ ނިޒާމުތަކުގައި އަމަލުކުރާ ގޮތެވެ.

ބަރުލަމާނީ ނިޒާމެއްގައި ނަމަ މިއީ މައިނޯރިޓީ ޕާޓީތަކަށް ސެކިއުރިޓީ އޮތް، ކާމިޔާބު ގޮތެއްކަން ވަނީ ސާބިތުވެފަ އެވެ. އެހެންނަމަވެސް ރިޔާސީ ނިޒާމެއްގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު އޮންނަ އެއްބަސްވުމަކަށް އިހުތިރާމު ނުކުރިނަމަވެސް އެކަމުގައި އެ ޕާޓީތަކަށް ކުރެވޭނޭ ކަމެއް ނޯވެ އެވެ. ކުދި ޕާޓީތަކަށް އެ ސެކިއުރިޓީއެއް ނޯވެ އެވެ.

ރިޔާސީ ނިޒާމެއްގައި ސިޔާސީ ޕާޓީތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަނީ އެއް ޕާޓީއަކަށް އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރެވޭ ވަރުގެ ތާއީދެއް ނޯންނާތީ އެވެ. މިގޮތަށް އެކި ފިކުރުގެ ޕާޓީތަކާ ގުޅުމުގައި އަދާކުރަންޖެހޭ އަގެއް އޮވެ އެވެ. އެއީ ސަރުކާރު ހިންގުމުގައި އެ ޕާޓީތައް ޝާމިލުކުރުމެވެ. އެހެންޕާޓީތައް ބައިވެރިކުރުމަށް ހަދާގޮތަކީ ސަރުކާރުގެ ބައެއް ވުޒާރާތަކަށް އެ ޕާޓީތަކުން ހުށަހަޅާ ވަޒީރުން އައްޔަނުކުރުމެވެ. ރާއްޖޭގައި އެ ނިޒާމު ހިނގަނީ އެގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ނިސްބަތްވާ މީހަކު ވަޒީރުކަމުގައި ހުރެދާނެ އެވެ. އެހެންނަމަވެސް ތަންފީޒުކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަމުން ވިދާޅުވީ ވެސް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ ފޯމިއުލާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެވެ. އެމަނިކުފާނު އިޝާރާތް ކުރައްވަނީ މާޒީގެ ތަޖުރިބާއަށެވެ. ވޭތުވެދިޔަ އިންތިހާބުތަކުގެ ނަތީޖާއަށެވެ. ވެރިކަމަށް އަންނަން ގާނޫނު އަސާސީގައި ދަމާފައިވާ "50 އިންސައްތަ އަދި އެއް ވޯޓު" ގެ ރޮނގު ހުރަސްކުރެވޭނީ ކޯލިޝަނަކާ އެކުގައި ކަމަށެވެ.

ރާއްޖޭގެ މި ސިޔާސީ ހަގީގަތް ގަބޫލުކޮށް އަދި އޭރު ތިބި އިދިކޮޅު ހުރިހާ ލީޑަރުން ވެސް ޖަލު ބަންދެއްގައި ނޫނީ ޖަލު ހުކުމެއްގައި ތިބުމުން، 2018 ވަނަ އަހަރު ވެސް ފުރަތަމަ ބުރުގައި ކޯލިޝަން ހެދި އެވެ. އޭގެ ކުރިން އެއީ ދެވަނަ ބުރު ކުރާ ކަމެކެވެ. އަދި، ސޯލިހު، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރާނެ ރާސްތާ ކަނޑައަޅަން ކޮމިޓީއެއް ވެސް އެ ފަހަރު އުފެއްދި އެވެ.

"އޭރު ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވެފައި އޮތް ކަމެއް އެއީ، ކޯލިޝަން އުފެދޭނެ ގޮތާއި، ކޯލިޝަން ދެމިއޮންނާނެ ގޮތާއި، ކޯލިޝަން އުވައިލެވޭނެ ހާލަތްތައް، މި މިންވަރަށް ގާނޫނެއްގައި ލިޔެވި، ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތެއް ދިނުން،" އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން، އޭރު އުފެއްދި އަށާރަނަވާރަ ކޮމިޓީގައި އިންނެވި ހަސަން ލަތީފް ވިދާޅުވި އެވެ.

ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ނުދެވުނީ ކީއްވެ؟

ފުރަތަމަ ސަބަބަކީ، ވިދިގެންއައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަންވީގޮތެވެ. ގުޅިފައިވާ ޕާޓީތަކުން އެކުގައި މަޖިލީހަށް ނުކުތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވި އެއް ސަބަބަކީވެސް ކޯލިޝަންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށް މަގުފަހިކުރުން ކަމަށް އަޅުގަނޑު ދެކެމެވެ. އެހެންނަމަވެސް އެ އިންތިހާބުގައި އެމްޑީޕީން ވަކިން ނުކުމެ، 65 ގޮނޑި ކާމިޔާބުކުރުމުން މަޖިލިސް ތެރެއިން އެހެން ޕާޓީތަކުގެ އަޑުކެނޑިގެން ދިޔައީ އެވެ. އެއާއެކު ކޯލިޝަންއަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ ވާހަކަވެސް ހުއްޓުނީ އެވެ.

ދެވަނަ ސަބަބަކީ ރިޔާސީ ނިޒާމެއްގައި ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ލިއްބައި ދިނުމަށް ހުރި ގާނޫނީ ދަތިތަކެވެ. ބަރުލަމާނީ ނިޒާމެއްގައި ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ސަބަބަކީ، ސަރުކާރު އުފައްދަން ބޭނުންވާ ނިސްބަތަށްވުރެ ކޯލިޝަންގައި މެންބަރުން ބަދުވެއްޖެނަމަ ސަރުކާރު ބަދަލުވެދާނޭކަމަށް އޮންނަ ބިރެވެ. އެހެންވުމުން ބަރުލަމާނީ ނިޒާމުގައި ކުދި ޕާޓީތަކުން ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އަދާކުރާނީ ބޮޑު ދައުރެކެވެ.

ރިޔާސީ ނިޒާމަށް ބަލާއިރު، ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ ކޯލިޝަނެއްގައި ހިމެނޭ ކުދި ޕާޓީތަކަށް ހަގީގީ ހައިސިއްޔަތެއް ދެވޭ ގޮތަށް ގާނޫނު ހެދުމަކީ ރިޔާސީ ނިޒާމުގެ އަސާސީ އެއް ސިފަ އާ ފުށުއަރާނޭ ކަމެކެވެ. އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރެވޭ ރައީސުލްޖުމްހޫރިއްޔާއަކު ސަރުކާރު ހިންގުމުގެ ސިފަ އެވެ.

އިރުމަތީ ޔޫރަޕާއި ލެޓިން އެމެރިކާގައި ރިޔާސީ ނިޒާމަށް ހިންގާ ވަރަށް ގިނަ ގައުމުތަކުގައި ސަރުކާރު އެކުލަވާލާފައި އޮންނަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ގައުމުތަކުގައި ގެންގުޅެނީ ކޯލިޝަންތަކުގެ މެދުގައި އޮންނަ އެއްބަސްވުމެކެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް އެއްބަސްނުވެވޭނަމަ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށްފަހު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. އެއީ މަދުން ކުރިމަތިވާ ހާލަތެކެވެ. ބްރެޒިލްއަށް އެކަނި ބެލިކަމުގައިވީނަމަވެސް، އެ ގައުމުން އެ ދަނީ ރިޔާސީ ނިޒާމެއްގައި ކާމިޔާބުކަމާ އެކު ކޯލިޝަން ސަރުކާރެއް ހިންގަމުންނެވެ.

ރިޔާސީ ނިޒާމެއް، ފުރަތަމަ ބުރު ކޯލިޝަނަކީ ގޯހެއް؟

ރާއްޖޭގެ ގިނަ ސިޔާސީ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި، އާންމު އުސޫލުން ވެސް ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނެވެ. އަދި، އަމުދުން ފުރަތަމަ ބުރުގައި ކޯލިޝަން އުފައްދަން މަސައްކަތް ކުރާނަމަ، އޭގައި ގިނަ ގޯސްތަކެއް ފެންނާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ސަރުކާރުގެ ހިއްސާއެއް ކޯލިޝަންގައި ބައިވެރިވާ ޕާޓީއަކަށް ކަނޑައެޅޭނީ އިންތިހާބެއްގައި ލިބޭ ވޯޓަކުން މިނެގެން ކަމަށެވެ. އޭގެ ސާފު ސީދާ އުސޫލު އޮންނަނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ.

"ގިނަ ޕާޓީތަކެއް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވޭ ކަމެއް އޮވެގެން މަަސައްކަތް ކުރުމަކީ އެހެން ކަމެއް، ކޯލިޝަން ސަރުކާރެއްގެ ވާހަކަ އައިމަ އައިބު ކަމެއް ފެންނާނެ، އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ހުސައިން ވެސް ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ނިޒާމެއްގައި ފުރަތަމަ ބުރު ކޯލިޝަން އުފެއްދުމަކީ މާނައެއް ނެތް ކަމެކެވެ. އެ ކަން ކުރަން ވާނީ ދެވަނަ ބުރުގައި ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"ސިޔާސީ ޕާޓީއެއް ހަދައި، އަދި ދައުލަތުން ވެސް ފައިސާ ލިބި، އޭގެ ބޭނުމަކަށް ވާން ވާނީ އިންތިހާބުތަކުގައި ވާދަކުރުން، އިންތިހާބުތަކުގައި ބައިވެރިނުވަންޏާ ސިޔާސީ ޕާޓީއެއް ހެދުމުގެ ބޭނުމެއް ވެސް،" ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަލީ ހުސައިން ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވެސް ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމުގެ މައިގަނޑު އެއް ސިފަޔަކީ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. އެ ޕާޓީއެއްގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް ވަރު ބެލުމުގެ ހައްގު އެ ޕާޓީއަކަށް ވެސް އަދި ރައްޔިތުންނަށް ވެސް އޮންނަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސަރުކާރު ފޮތިކުރަން ޕާޓީތަކާ މުއާމަލާތް ކުރާތީވެ، އިންތިހާބުތަކުގައި ވާދަނުކޮށް ހަމައެކަނި ސަރުކާރުން ލިބޭ ފޮތިކޮޅުގެ ބޭނުމުގައި މަސައްކަތްކުރާ ޕާޓީތަކެއް ވެސް އެބަ އުޅޭ، ކުދި ޕާޓީތަކަށް އެ ދޮރު ހުޅުވެނީ ބޮޑެތި ޕާޓީތަކުން އެ ފުރުސަތު ހުޅުވައިދޭތީވެ،" ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އުޝާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ގަބޫލުކުރައްވާ ގޮތުގައި، ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ސިޔާސީ ޕާޓީތަކުގެ އިހުތިޔާރު ގެއްލުމުގެ އިތުރަށް ދައުލަތަށް ވެސް ނުުއުފުލޭ ވަރުގެ ހަރުދަތަކެއްގެ ބުރައެއް މީގެ ސަބަބުން އުފެދިގެން އެބަ ދެ އެވެ.

"ޕާޓީއެއްގެ ތާއީދު އެނގޭނީ އިންތިހާބުން، ވޯޓުގެ އަދަދުން، ފުރަތަމަ ބުރު ކޯލިޝަން ހަދަންޏާ އެޔެއް ނޭނގޭނެ، އެހެންވިއްޔާ ކުދި ޕާޓީއަކަށް މާ ގިނަ ކަންކަން އޮފާ ކުރަން ޖެހޭނެ، ފަހަރެއްގައި އެއީ ދައުލަތަށް އެ ބުރަ ނުއުފުލެވޭ ވަރުގެ މެޓީރިއަލް ކޮސްޓަކަށް ވެދާނެ،" އުމަރު ވިދާޅުވި އެވެ.

އުޝާމް ވެސް ވިދާޅުވީ ދެވަނަ ބުރު ކޯލިޝަން ހަދައިގެން މާޒީގައި ވެސް އެ ކަންކަން ތަޖުރިބާ ކުރެވިފައި އެބަ އޮތް ކަމަށެވެ. ގާނޫނީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ރިޔާސީ އިންތިހާބު އަދި މަޖިލީހުގެ އިންތިހާބު އެއް ކޯލިޝަނަކަށް ކާމިޔާބުވެއްޖެނަމަ "މުޅި ދައުލަތް" ބެހުމުގެ ބާރު ލިބިދޭ ކަމަށް ގަބޫލުކުރައްވަ އެވެ.

"އޭގައި އެބަ ހިމެނޭ ބޮޑެތި ވިޔަފާރީގެ މުއާމަލާތްތައް ވެސް، ރަށްތައް ދިނުން، ފަޅުތައް ދިނުން، އަދި މަޖިލިސް މެޖޯރިޓީ އޮވެއްޖެއްޔާ ސަރުކާރުގެ ހިއްސާގެ އިތުރަށް ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުން ވެސް ހިއްސާއެއް ދިނުން،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.

ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތެއް ދޭން ޖެހޭ؟

ބަރުލަމާނީ ނިޒާމުގެ ސިފައެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ކޯލިޝަން ހަދާ ކަމެވެ. އެހެންކަމުން މި ރިޔާސީ ނިޒާމުގައި އުފައްދާ ކޯލިޝަންތައް ހިންގާނެ ގޮތުގެ އުސޫލުތަކެއް ބޭނުންވާ ކަމަށް، މި ސިޔާސީ ހަގީގަތާ އެކު، ސިޔާސީ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އެހެންނަމަވެސް، ސަރުކާރު ހިންގުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމާއި، އޭނާ އިންތިހާބުކުރާނީ ރައްޔިތުންގެ ސީދާ ވޯޓުންކަމަށް ބަޔާންކުރާ ރިޔާސީ ނިޒާމެއް ހިންގާ އެއްވެސް ގައުމެއްގައި މިފަދަ ގާނޫނެއް ނޯވެ އެވެ. އެ ގައުމުތަކުގައި އަމަލުކުރަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އޮންނަ އެއްބަސްވުމަށެވެ.

އަލީ ހުސައިން ވިދާޅުވީ ކޯލިޝަން އެއްބަސްވުމެއް ގާއިމުކޮށް އެ އެއްބަސްވުމާ އެކު ވެރިކަމަށް އައުމަށް ފަހު އެ އެއްބަސްވުމަށް ވަކި ޕާޓީއަކުން އަމަލުނުކުރާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނައިރު، އެ ކަންބޮޑުވުމަށް ސައްހަ މާނައެއް ގެނެވޭނީ އެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް އޮވެގެން ކަމަށެވެ.

"އެއްބަސްވުމާ އެއް ގޮތަށް ކުރިޔަަސް ނުގެންދިޔައިމަ ކޯޓަށް ދިޔައަސް، އެ ތަންފީޒު ކުރެވެން އޮންނާނީ ވެސް، ގާނޫނެއްގެ ސިފައިގައި އެ ކަން ހަމަޖެހިފައި އޮތިއްޔާ، އޭރަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޖެހޭނެ، ކޯލިޝަން އެގްރިމެންޓްގައިވާ ކަންކަމަށް އަމަލުކުރަން،" އަލީ ހުސައިން ވިދާޅުވި އެވެ.

އެ ގާނޫނުގައި އެންމެ މުހިންމު ކަމަކަށް އޮންނަން ވާނީ ކޯލިޝަންގެ އެއްބަސްވުން އެކުލަވާލެވޭނެ ހަމަތައް ބަޔާންކުރުމާއި ކޯލިޝަންގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުން ކޯލިޝަން އުފައްދާ ސަބަބު ސާފުކޮށް ބަޔާންވެފައި އޮތުން ކަމަށް އަލީ ހުސައިން ގަބޫލުކުރަައްވަ އެވެ.

"އެއްބަސްވެވޭ ކަމަށް ގަބޫލުކުރާ ސިޔާސަތުތައް އޭގައި އޮންނަން ޖެހޭ، އެއްބަސްވެވޭ ކަންކަމާއި އެއްބަސްނުވެވޭ ކަންކަން ލިޔުމަށް ތިރިކުރެވިފައި އޭރަށް ހުންނަން ވާނީ، އަދި އެއްބަސްވެވޭ ސިޔާސަތަށް މަސައްކަތް ކުރާނެ ގޮތް ވެސް އޮންނަން ވާނެ،" އަލީ ވިދާޅުވި އެވެ.

ކޯލިޝަން ގާނޫނެއް އޮތުމަށް ތާއީދުކުރައްވައި އުޝާމް ވެސް ވިދާޅުވީ އެ ގާނޫނުގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ވެސް ތަފާތު ފަލްސަފާތަކާއި ސިޔާސަތުތަކެއް އޮތް ޕާޓީތަކެއް ގުޅިގެން ސަރުކާރެއް ހިންގާނެ ގޮތުގެ އެއްބަސްވުމެއް އެކުލަވާލަން ލާޒިމް ކުރުން ކަމަށެވެ.

"ތިންހަތަރު ޕާޓީގެ ކޯލިޝަން ހަދާއިރު ގަބޫލުކުރަން ޖެހޭ މިއިން ކޮންމެ ޕާޓީއެއްގެ މައިގަނޑު ސިޔާސަތުތައް ވެސް ނުވާނެ އެއް ގޮތެއް، އެހެންވެއްޖެއްޔާ ސިޔާސަތުތައް ތަފާތުވާ ހާލަތްތަކުގަި ކޮން ގޮތަކަށްތޯ އަމަލުކުރާނީ، އެގްރިމެންޓްގައި އޮންނަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކުރަން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަން ކުރައްވާ އަލީ ހުސައިން އަދި އުޝާމް ވެސް ފާހަގަ ކުރެއްވި ގޮތުގައި ކޯލިޝަންގެ އެއްބަސްވުމާ އެއް ގޮތަށް އަމަލުނުކުރެވޭނަމަ ދެން ވާނެ ގޮތްތަކާއި، އަލުން އިންތިހާބަކަށް ދާން ޖެހޭނަމަ އެ ކަންކަން ވެސް ގާނޫނުގައި ބަޔާން ކުރަން ޖެހޭނެ އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ ހަގީގަތްތަކަށް ރިއާޔަތްކޮށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީީ ޕާޓީތަކުން ކޯލިޝަން އުފައްދާ ގޮތުގެ ގާނޫނީ އުސޫލުތަކެއް މިހާރު ބަޔާން ކުރަން ޖެހިފައިވެ އެވެ.

"ގާނޫނެއް ވުޖޫދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ޓްރާންސްޕޭރެންސީ، ސިޔާސީ ވެރިންތަކެއް ގުޅުމެއް އުފައްދާއިރު އެންމެނަށް ވެސް ސާފުވެފައި އޮންނަން އެބަ ޖެހޭ، ކޮބައިކަން މި މީހުންގެ ރޭވުމަކީ،" ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އުޝާމް ވެސް ވިދާޅުވީ ކޯލިޝަން އެއްބަސްވުން އެކުލަވައިލެވޭނެ ހަމަތައް ގާނޫނުގައި ބަޔާންކޮށް، އެ އެއްބަސްވުން ހާމަކުރުމަށް ގާނޫނުން ލާޒިމުކޮށްފައި އޮތުން ބޭނުންތެރި ކަމަށެވެ.

"ވޯޓުލާން ދާއިރު، އެބަ އެނގެން ޖެހޭ، ވޯޓެއް މި ދެވެނީ، ކޮންކޮން ކަންކަމަކަށް އެއްބަސްވެގެން އުފައްދާފައި އޮތް ކޯލިޝަނަކަށް ކަން، އަޅުގަނޑުމެން އިންތިހާބުކުރާ ކޯލިޝަން ސަރުކާރެއްގެ ހިއްސާތައް ބެހޭނެ ގޮތެއް ސާފުނުވުމުގެ ކަންބޮޑުވުންތާ މިހާރު ވެސް މި ފެންނަނީ،" އުޝާމް ވިދާޅުވި އެވެ.

ނަމަވެސް, އުމަރު ނަސީރު ގަބޫލުކުރައްވާ ގޮތުގައި ކޯލިޝަން ގާނޫނަކީ ރިޔާސީ ނިޒާމެއްގައި ބޭނުންތެރި ގާނޫނެއް ނޫނެވެ. އަދި ކޯލިޝަން އުފައްދާ ސަބަބުތަކާއި ލީޑަރުން އެއްބަސްވާ ކަންކަމަށް ބަލާއިރު ވެސް އެ ކުރެވެނީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ކަމެއް ގޮތުގައި އޭނާ ދެކެވަޑައެއްނުގަންނަވަ އެވެ.

ހަސަން ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި މީގެ ހައްލަކީ ބަރުލަމާނީ ނިޒާމެވެ. ކޯލިޝަން ގާނޫނެއް އޮތަސް އަދި ނެތަސް ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް އުފައްދަން މަސައްކަތް ކުރާނަމަ އޭގައި އުނި ގިނަ ސިފަތަކެއް ފެންނާނެ ކަމަށާއި މިހާރު ވެސް ފެންނަނީ އެފަދަ އައިބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަންގެ ސިޔާސީ ހަގީގަތާ ދުރުވެވޭކަށް ނެތެވެ. ރާއްޖޭގެ ސިޔާސީ މަސްހަރު އެތުރިފައިވާ ގޮތަށް ބަލާއިރު، އެންމެ ޕާޓީއަކަށް އިންތިހާބީ އޮޅިގަނޑު ގިރާކޮށް ސަރުކާރު ހިންގުމާ ހަވާލުވެވޭނޭ ތާއީދު ހޯދޭކަށް ނެތެވެ. ނަމަވެސް ކޯލިޝަން އެކުލަވާލުމުގައި ހާމަކަން ބޮޑު، ހުޅުވާލެވިފައިވާ ސާފު އެއްބަސްވުންތަކަށް ވަނުމަށް ޕާޓީތަކުން އިސްކަން ދޭންޖެހެ އެވެ. އެއްބަސްވުން އެކުލަވާލެވޭ ގޮތާއި، އެއްބަސްވާ ކަންކަމާއި، ސަރުކާރުގެ ހިއްސާތައް ބަހާނެ ގޮތާއި، މި ހުރިހާ ކަމެެއް ރައްޔިތުންނަށް ސާފުވެފައި އޮވެއްޖެނަމަ، ނިންމުމަކަށް ވާސިލުވުމުގައި ފަސޭހަ ވާނެ އެވެ. ޕާޓީތަކަށާއި، ރައްޔިތުންނަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ އެވެ.