Advertisement

ޑީއާރުޕީ އުވާލުމުގެ މައްސަލަ އަނެއްކާ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި

20 ފެބުރުވަރީ 2023 - 18:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު؛ ޑީއާރުޕީ އުވާލުމުގެ މައްސަލަ އަނެއްކާ ވެސް ބަލައިނުގަތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޑީއާރުޕީ އުވާލުމުގެ މައްސަލަ އަނެއްކާ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި

20 ފެބުރުވަރީ 2023 - 18:56 0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.

ޑީއާރުޕީ އުވާލަން އީސީން ނިންމީ މިދިޔަ ޑިސެމްބަރު މަހެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ. ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެ އެވެ.

ޑީއާރުޕީން މި މައްސަލަ ހައި ކޯޓަށް ފުރަތަމަ ހުށަހެޅީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ޕާޓީއަށް ހައި ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލައަކީ އެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި، ހައި ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ނުދެ އެވެ.

މި ހިނގަ ފެބްރުއަރީ 7، ގައި ދެ ވަނަ ފަހަރަށް ޑީއާރުޕީން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. އެ މައްސަލަ ބަލައިނުގަންނަކަން ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދެއްވައިފަ އެވެ.

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފައްދަން ޖާބިރަށް ހުއްދަ ދީފައިވެސް ވެ އެވެ.

ދެހާސްފަސް ވަނަ އަހަރު ވުޖޫދުކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ޑީއާރުޕީއަކީ ދެ ވަނައަށް ރަޖިސްޓްރީ ކުރި ޕާޓީ އެވެ. އެއީ އޭރު ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ޝަހްސިޔައްތަކަށް ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ.

ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. އަދި 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.

ނަމަވެސް ރައީސް މައުމޫނާއި ފަހުން އެމަނިކުފާނުގެ ވެސް ތާއީދާއެކު ޕާޓީގެ ލީޑަރަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީ ދޫކުރެއްވުމުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން އެ ޕާޓީ ދޫކޮށްލި އެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ތަސްމީން ވެސް ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނެވެ. ދެން އެ ޕާޓީގެ ލީޑަރުކަމާ ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ ދޫކޮށް، ޕީޕީއެމާ ގުޅުނެވެ.

ޑީއާރުޕީގެ ލީޑަރަކަށް މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު އެ ޕާޓީގެ ހިންގުމާ ހަވާލުވިއިރު ވެސް އަދި އޭގެ ފަހުން އެކި ފަހަރު މަތިން 3،000 އަށް ވުރެ މެންބަރުން މަދުވެގެން މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ދީފައިވެ އެވެ.