Advertisement

މުއިއްޒުގެ ބަޔާނުގެ މައްސަލަ: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

20 ފެބުރުވަރީ 2023 - 20:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު؛ މުއިއްޒާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައިފި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މުއިއްޒުގެ ބަޔާނުގެ މައްސަލަ: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

20 ފެބުރުވަރީ 2023 - 20:44 0

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޝަރީއަތަށް ދޮގު ހެދި ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހިންގާ ޝަރީއަތަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަސް މިއަދު ކޯޓުގައި ނަގައިފި އެވެ.

މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ދޮގު ހެކި ދިން ކަމަށް ބެލެވޭ މައްސަލައިގައި މުއިއްޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ އޮތީ ދެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމެވެ.

އިފްތިތާހީ ބަޔާނަކީ ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން އިއްވާ ބަޔާނެކެވެ. އޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކު ވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ.

އެއަށްފަހު ހަމަ މިއަދު ޝަރީއަތުގެ މަރުހަލާ ވެސް ފެށި އެވެ. އެ ގޮތުން މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ފަސް ހެކިވެރިން ވެސް ހާޒިރުކޮށް، އެ ފަސް ހެކިވެރިންގެ ހެކިބަސް މިއަދު ވަނީ އަދާކޮށްފަ އެވެ.

ފުރަތަމަ ހާޒިރުކުރީ ރައީސް އޮފީހުގެ މިހާރުގެ އަންޑާ ސެކެޓަރީ މޫސާ ފަތުހީ އެވެ. މީގެ ކުރިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ސެކެޓްރިއޭޓުގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އޭނާ ހުށަހެޅުއްވި ސަބަބަކީ ވެސް މުއިއްޒު ބައިވެރިވި އެ ކައުންސިލުގެ ބައްދަލުވުމެއްގެ މައުލޫމާތު ސާފުކުރުމެވެ.

ދެން ހެކިބަސް ދިނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ހައުސިން ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާޒިމެވެ. މުހައްމަދު އާޒިމް ހެކިބަސް ދިނީ، މުއިއްޒު އާބިޓްރޭޝަނަށް ބަޔާން ދެއްވިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ތިން ވަނަ ހެކިވެރިޔަކީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ހަދީޖާ ފަަރީމާ އެވެ. އެއީ ވެސް ކުރީގެ ސަރުކާރުގައި އިކޮނޮމިކް ޔޫތު ކައުންސިލްގެ ސެކްރެޓޭރިއަޓުކަން ބެލެހެއްޓެވި ބޭފުޅެކެވެ. އޭނާ ވެސް ހެކިބަސް ދިނީ، ނޫމަޑި މައްސަލާގައި ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ސައްހަ ކަމަށެވެ.

ހަތަރު ވަނަ ހެކިވެރިޔަކީ ރައީސް އޮފީހުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުޝާމް ވަހީދެވެ. އޭނާ ވެސް ހެކިބަސް ދޭން ދައުލަތުން ހުށަހެޅި ސަބަބަކީ، އިކޮނޮމިކް ޔޫތު ކައުންސިލްގެ ބައްދަލުވުންތަކާއި އޭގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކަން ސާފުކޮށްދިނުމެވެ.

ފަސް ވަނަ ހެކިވެރިޔަކީ މިހާރު ވެސް ހައުސިން މިިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް ނިޒާމެވެ. އޭނާ ހެކިބަސް ދިން ގޮތުގައި ނޫމަޑިއަށް ހަވާލުކުރި މަޝްރޫއުތައް ވެސް ސަރުކާރުގެ ސަބަބުން އަދި ނޫމަޑީގެ ސަބަބުން ވެސް ލަސްތަކެއް ކުރިމަތިވަމުން އައި ކަމަށެވެ.

އެ ފަސް ހެކިންގެ ހެކި ބަސް ނަގައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ، ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގަ އެވެ. އެ ދުވަހު އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ. މުއިއްޒުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ހުށަހަޅާފައިވެ އެވެ.

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެ ސުވާލަށް އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.