27 ފެބުރުވަރީ 2023 - 10:09 0
އައިޝަތު ނުޒުހާ
27 ފެބުރުވަރީ 2023 - 10:09 0
ކުއްލި މައްސަލައަކަށް ފަހު ކުއްލި މައްސަލައެކެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަނާޅާ ދުވަހެއް މަދެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގެ ރަސްމީ އެޖެންޑާ ފެށުމުގެ ކުރިން ރައްޔިތުންގެ މަންދޫބުން ބަހުސްކުރަންޖެހޭ ކުއްލި މައްސަލައެއް ގައުމުގައި ހިނގަމުންދާނަމަ، އެއީ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އޮތީ މައިގަނޑު ދެ އަސާސެކެވެ؛ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެކަމަށް ބޭނުން ކުރާ ވަސީލަތްތަކަކީ ބިލާއި ކުއްލި މައްސަލައާއި މައްސަލައާއި ގަރާރާއި އަދި ކޮމިޓީތަކުގެ ދިރާސާތަކެވެ.
ކުއްލި މައްސަލައަކީ އެޖެންޑާ ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާ ފެށޭ ގަޑިއަށް ހުށަހެޅޭ "ކުއްލި" ހުށަހެޅުންތަކެވެ. ބޭނުމަކީ ސަރުކާރުގެ ސަމާލުކަމަށް ކަންކަން ގެނައުމެވެ. ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ އެޖެންޑާ މަޑުޖައްސާލުމަށްފަހު، މަޖިލީހުން ފުރަތަމަ އިންސާފުކުރަންޖެހެނީ ހުށަހެޅިފައި އޮތް ކުއްލި މައްސަލައަށެވެ.
މައްސަލައާއި ކުއްލި މައްސަލައާ މެދު މާ ބޮޑު ތަފާތެއް ނެތް ނަމަވެސް މައްސަލަ ލިޔުމުން ހުށަހަޅަން ވަގުތު ލިބެ އެވެ. އެޖެންޑާ ކުރަން ޖެހެނީ އެންމެ އަވަހަށް ބާއްވާ ތިން ޖަލްސާގަ އެވެ.
ގަރާރަކީ މަޖިލީހުން ހަމައެކަނި ކަމަކާ ދޭތެރޭ ދެކޭ ގޮތް ހާމަ ކުރުމަށް ކޮންމެ މެންބަރަކަށް ވެސް ހުށަހެޅިދާނެ އެއްޗެކެވެ. ބިލުގެ މައްޗަށް ހިނގާ އުސޫލު ގަރާރުގެ މައްޗަށް ހިނގި ނަމަވެސް ތަންފީޒު ކުރުން ލާޒިމެއް ނުވެ އެވެ. ފާސްކުރިޔަސް ދެވެނީ ލަފަ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މި ވަސީލަތްތައް ބޭނުންކޮށްގެން މަޖިލީހުގެ އަސާސްތައް ޑިމޮކްރެޓިކް ގޮތުގައި ހާސިލްކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް އޮންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
"ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ސަރުކާރު ހިންގޭނެ ގޮތަށް ގާނޫނުތައް ފަހިކޮށްދެމުން ގެންދިއުން،" ނަޝީދު ވިދާޅުވި އެވެ.
މި ވަސީލަތްތަކުގެ ތެރެއިން އިދިކޮޅުން އެންމެ ބޮޑަށް ބޭނުން ހިފާ އެއް ވަސީލަތަކީ ކުއްލި މައްސަލަ އެވެ.
އެހެން ނަމަވެސް، ގައުމުގެ ބޮޑެތި މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ޕާޓީން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކުން ހާސިލްވާ ކަމެއް ނެތެވެ. ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ނުލިބި ކޮންމެ މައްސަލައެއް ވެސް ތަޅުމުން ބޭރުކޮށްލަނީ އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅުން ކުރާ މަސައްކަތަށް ސަރުކާރު މެންބަރުން ޖެހިލުންވަނީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ވެސް އިދިކޮޅުގެ ބޭނުމަކީ ޖަވާބުދާރީ ކުރުވުން ހެއްޔެވެ؟ ނުވަތަ ސަރުކާރަށް ޖެއްސުން ކޮށް ބެވުން ހެއްޔެވެ؟
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރުކުރާ އަދި އެވަގުތު ދިމާވެފައި އޮތް މުހިންމު ހުރިހާ ކަމެއް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅޭނެ އެވެ. ބޭނުމަކީ ވެސް އެފަދަ ބޮޑު ކަމެއް ދިމާވާ ހިނދު އެކަމެއް ސަރުކާރުގެ ސަމާލުކަމަށްް ގެނައުމަށާއި، ސަރުކާރުންް އެކަމާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކޮށް، ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ސަރުކާރަށް ހާމަކުރުމެވެ.
މަޖިލީހުގެ މަސައްކަތްތައް އެކަހެރިކޮށްފައި، ކުއްލި މައްސަލައެއްގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ޒާތުގައި ކުއްލި މައްސަލައިން ނިކުންނާނެ މާ ބޮޑު ނަތީޖާއެއް ނެތެވެ؛ ވޯޓެއް ނެގުމެއް ގަރާރެއް ފާސްކުރުމެއް ނޯންނާނެ ނުވަތަަ އެ ނޫން ވެސް ނިންމުންތަކެއް ނިންމުމެއް ނޯންނާނެ އެވެ.
ކުއްލި މައްސަލަ ހުށަހަޅަނީ އެ ވަގުތު މެދުވެރިވެފައި އޮތް ކަމަކާ ގުޅިގެން ކަމަށް ވުން ލާޒިމެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުންވެސް އެ ޝަރުތު ލާޒިމުކުރެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުން ހުއްޓާލުމާ ގުޅޭގޮތުން 2013 ވަނަ އަހަރު ބަހުސްކުރެވުނެވެ. ސަބަބަކީ، އެފަދަ މައްސަލަތައް ހުށަހަޅައި ހިންގުމަށް ހޭދަވާ ހަރަދުގެ ބޮޑުކަމާއި، އެކަމުން ނުކުންނަ ނަތީޖާއާ ނުބައްދަލުވުމެވެ. އެހެންނަމަވެސް އެ ބަހުސަށްފަހު ނިންމީ ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެގޮތަށް ބޭއްވުމަށާއި، އެކަމަށް ކުރާ ހަރަދު ކުޑަކުރުމަށެވެ.
އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސްގެ މެންބަރު ބެން ބްރަޑްޝަ އަކީ ކުއްލި މައްސަލަ ހުށަހެޅުއްވުމާ ދެކޮޅު ބޭފުޅެކެވެ. އެކަމުގެ ސަބަބުތައް 2013 ވަނަ އަހަރު ލިޔުއްވި އާޓިކަލްއެއްގައި ވިދާޅުވެދެއްވާފައި ވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން، ސަމާލުކަން ލިބިފައިވާ މައްސަލަތަކަށް ސަމާލުކަން ހޯދުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ބޮޑު ވިޔަފާރިއަކަށް ވަނީ ވެފަ އެވެ. ކުއްލި މައްސަލަތަކާއި އެހެނިހެން ގަރާރުތައް ހުށަހަޅައިގެން، އޭނާގެ އަމިއްލަ ވަގުތާއި މަޖިލީހުގެ ވަގުތު ދުއްވާލަން ބޭނުން ނުވުމަކީ މި ގަރާރުތައް ހުށަހަޅަން ބޭނުންނުވާ މައިގަނޑު ސަބަބުކަމަށް ބެން ވިދާޅުވެ އެވެ.
ބެން ބްރަޑްޝަ ފަދައިން ކުއްލި މައްސަލަތަކަށް މަޖިލީހުން ޖާގަ ދޭން ނުޖެހޭ ކަމަށް ވިދާޅުވާ މެންބަރުން ދައްކަވާ ވާހަކައަކީ ވެސް އެއީ އެވެ؛ ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނުވާތީ އެވެ.
"މިތަނަށް ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ހުށަހަޅަނީ ސަރުކާރާ ދިމާލަށް އެއްޗެހި ކިޔާފައި ނިންމާލާ ކަމެއްގެ ގޮތުގައި، ނިންމާލާ ކަމެއްގެ ގޮތުގައި ކަންކަން ހުށަހެޅުމަކުންނެއް އެއަކުން ނަތީޖާއެއް ނުނިކުމޭ،" އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައަކާ މެދު ހިތްހަމަ ނުޖެހިވަޑައިގެން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
ވީނުވީ ނޭނގި ގެއްލެމުން އަންނަ މީހުން އިތުރުވާތީ، އެ މީހުން ހޯދުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު، އެކަމާ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކަންކަމުގައި ނަތީޖާ ނުކުންނާނީ، ނަތީޖާ ނުކުންނަ ގޮތަށް ކުރުމުން ކަމަށެވެ.
"ކުއްލި މައްސަލައަކީ ކޮމިޓީއަކަށް ވެސް ދާ އެއްޗެއް ނޫން، މިތާނގައި ހަމަ ވާހަކަތަކެއް ދައްކާލާފައި މި ހިސާބުން ހަމަ ނިމޭ ކަމެއް އެއީ،" ރޮޒައިނާ ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމްގެ ހިޔާލު ވެސް މި ކަމުގައި އެއްގޮތެވެ. ނަތީޖާއެއް ހާސިލް ނުވާނެ ކަމެއް ކުރުމުގެ ބޭނުމެއް ނެތެވެ. އިދިކޮޅުގެ އެ އަމަލު އޭނާ ސިފަ ކުުރެއްވީ މަޖިލީހުގެ ތެރޭގައި ކޮންމެ ދުވަހަކު ކުޅޭ ޝޯއެއްގެ ގޮތުގަ އެވެ. އެހާ ވެސް ބޭކާރެވެ.
"ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ހިންގުމަށް ވަގުތު ދިނުމުގެ ގޮތުން ކޮންމެ ދުވަހަކު ކުއްލި މައްސަލައާއި ގަރާރު ރިޔާސަތުން އެއްބާރުލުން ދީގެން ވައްދައި އެ ސަކަރާތް ނުޖެހުމަށް،" ހުސައިން ޝަހީމް ވިދާޅުވި އެވެ.
އެހެންނަމަވެސް މި ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފްގެ ހިޔާލު ވަރަށް ތަފާތެވެ.
ކުއްލި މައްސަލައިގެ ނަތީޖާއެއް ނުނެރޭ ކަމަށް ބަޔަކަށް ހީވެފައި އޮތަސް، އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބޭނުމަކީ ވަގުތުން މައްސަލައިގެ ހައްލު ހޯދުމެއް ނޫނެވެ.
"އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކުއްލި މައްސަލަ މި ނެރެނީ އެވަގުތުން ވަގުތަށް ހައްލެއް ގެނައުމުގެ ބަދަލުގައި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަނީ ސަރުކާރުގެ ގޯހެއް ފެނުމުން އެ ކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ ސަބަބެއް އޮތް ނަމަ އެވެ. އެކަމުގައި އިދިކޮޅުގެ އޮތް ހަމައެކަނި ނިޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ސަރުކާރުގެ ގޯސްތަކާއި ސަރުކާރުން ކުރާ ވިޔާނުދާ ކަންކަމުގެ ވާހަކަ މަޖިލީހަށް އައިސްގެން އެ ވާހަކަ ދެއްކިގެން، އެކަން ނުކޮށް ތިބޭ ކަމަށް ވަންޏާ ގާނޫނު އަސާސީން މަޖިލީހަށް ހަވާލުކޮށްފައި އޮތް ޒިންމާ އަދާނުކޮށް އެ ތިބެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅުން ހުށަހަޅާ ހުރިހާ މައްސަލައެއް ބޭރުކޮށްލާތީ އާދަމް ޝަރީފްގެ ކަންބޮޑުވުން ވެސް އެބައޮތެވެ. މައްސަލަތަކަށް ހައްލެއް ނުލިބި ކަންކަން ގޯހުން ގޯހަށް ދާ ކަމުގެ ކަންބޮޑުވުމެވެ. އެ ހުރިހާ ކަމެއްގެ ގެއްލުން އާހިރުގައި އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ދެކިލައްވަ އެވެ.
އަޅުގަނޑުމެން ކުރިއަށް ގެންދާ މަސައްކަތް ބާރަށް ކުރިއަށް ގެންދާނަން، އެހެން އަދި ބޭރުކޮށްލިޔަކަށް ވަރުބައްޔެއް ނުވާނެ، މާޔޫސް ވެސް ނުވާނެ" އާދަމް ޝަރީފް
އެހެންނަމަވެސް އާދަމް ޝަރީފްއަށް މި ކަމުގައި ހިތްހަމަޖެހުމެއް ވެސް އެބައޮތެވެ. އެއީ މައްސަލަތައް ތަޅުމުން ބޭރުވީ ނަމަވެސް ސަރުކާރުގެ ސަމާލުކަމަށް އައުމެވެ. މިސާލެއްގެ ގޮތުން ނެންގެވީ މި ފަހުން މަޖިލީހަށް ހުށަހެޅި ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނާ މައްސަލަ އެވެ.
ޕީޕީއެމުން މި މައްސަލަ ހުށަހެޅީ ސަމަދު ޑީޕޯޓުކޮށްލުމުންނެވެ. މިފަދަ ކަންކަމުގައި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅި ގޮސްފިނަމަ، އޭގެ ރައްދުގައި ރާއްޖޭގައި އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދި އޭގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފައި ނުވެ އެވެ.
"އެ މައްސަލަ މަޖިލީހަށް ވެއްދި، އަދި ބޭރުކޮށްލި، އެކަމަކު އެއާ ގުޅިގެން އެ ބޭފުޅުން ބޭއްވި އެމްޑީޕީގެ ސިޔާސީ ބައްދަލުމެއްގައި އެ ވާހަކަ ދެއްކި، އެހެންވީމާ އެނގޭ ސަރުކާރަށް އުނދަގޫވާކަން އެ މައްސަލަތައް ވެއްދުމުން، ކަންބޮޑުވާކަން، އަދި އެކަމާ ގުޅިގެން ދައްކަނީ ތާކުން ތާކު ނުޖެހޭ ކޮސް ވާހަކަ ކަން ވެސް އެނގޭ،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މި މަސައްކަތުން ސަރުކާރު އަބަދުވެސް މި އޮންނަނީ ނޭވާ ހޮޅިއަށް އެޅިފައި ކަހަލަ ގޮތަކަށް،" އާދަމް ޝަރީފް
އޭނާ އިތުރަށް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު ޒިންމާދާރުކުރުމުގެ ޒިންމާއަކީ ހަމައެކަނި އިދިކޮޅުގެ ޒިންމާއެއް ނޫނެވެ. އެކަމުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. ނަޝީދު ފެކްޝަނުން އެކަމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރެއްވި އެވެ.
އިދިކޮޅުގެ ގިނަ ކުއްލި މައްސަލަތައް މަޖިލީހުން ބޭރު ކޮށްލަނީ އެކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ވިޕް ނެރެގެންނެވެ. ނަމަވެސް އެއީ ޖަވާބުދާރީ ކުރުވަން ހުރަސް އެޅުން ކަމުގެ ގޮތުގައި ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.
އަސްލަމް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު މެންބަރުންނާ އެއް ހަމައެއްގައި ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ލިބެ އެވެ.
"ޖަވާބުދާރީކުރުވުމުގެ ފުރުސަތު އޮވޭ، ހުރިހާ މެންބަރުންނަށް ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮވޭ، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް ވެސް ޖަވާބުދާރީ ކުރެވޭނެ، އަދި މަޖިލީހުގެ މެންބަރުންނަށް ހަމަ ހުރިހާ ގޮތަކުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުމާއި ސާފު ކުރުމުގެ ޖާގަ އޮވޭ،" "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އިދިކޮޅުން ވެސް އަދި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ކިބައިން ވެސް މިހާރު ފެންނަމުން އަންނަނީ އެއަށް ވެސް ހުތުރު މަންޒަރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ލައިވް ޓީވީގައި ސަރުކާރަށް ގޮންޖެހުން، ސަރުކާރަށް ފާޑުކިޔުން، ސަރުކާރާމެދު އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމާއި ނަފްރަތު އުފެދޭ ގޮތަށް ބަހުސްތަކުގައި ވާހަކަ ދައްކާ މައްސަލަތައް ހުށަހެޅޭ ތަން މި ފެންނަނީ، އެއީ ޖަވާބުދާރީ ކުރުވުމެެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރެއް އޮވެ، ޕާޓީގެ ތެރެއިން ސަރުކާރާ ދެކޮޅު އޮޕޮޒިޝަނެއް މަޖިލީހުގެ ތެރެއިން އުފައްދައިގެން އިދިކޮޅާއެކު މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅަށް ތިބުމުގެ ބަދަލުގައި އިދިކޮޅަށް އަރައިވަޑައިގަތުން ރަނގަޅުވާނެ،" އަސްލަމް ވިދާޅުވި އެވެ.
Comment