Advertisement

އެމްޑީޕީގެ ފިކުރަށް ރައީސް ސޯލިހު ރުޖޫއަވުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

20 ފެބުރުވަރީ 2023 - 09:47 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު؛ އެމަނިކުފާނުގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ރުޖޫއަވުމަށް ގޮވާލައި ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެމްޑީޕީގެ ފިކުރަށް ރައީސް ސޯލިހު ރުޖޫއަވުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

20 ފެބުރުވަރީ 2023 - 09:47 0

"އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ" އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތު، އެމްޑީޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތަށް އެނބުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހަޅުއްވައިފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ. މިއަދުގެ ޖަލްސާގައި ވަނީ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި މި ސަރުކާރުގައި އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތްއިރު، ކަންކަން ހިނގަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯ އާއި ސިޔާސަތުތަކާ ވައުދުތަކާ ދިމާ އިދިކޮޅަށެވެ.

"މި ޕާޓީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި މި ޕާޓީގެ ވިސްނުންތަކާ ސީދާ ކަނޑައެޅިގެން ގަސްދުގައި ދިމާއިދިކޮޅަށް އަދުގެ ސަރުކާރުގެ ސިޔާސަތުތައް ގެންގުޅޭ ކަމީ އެމްޑީޕީގެ މެންބަރުންނާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނުހަނު ކަންބޮޑުވުމާިއ ނުރުހުން އޮތް ކަމެއް،" ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން، ބޯހިޔާވަހިކަމުގެ ވައުދާއި މަސްވެރިކަމާ ބެހޭ ވައުދާއި ފަތުރުވެރިކަމާއި ގެސްޓުހައުސް ވިޔަފާރި ފުޅާ ކުރުމުގެ ވައުދުތަކާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމުގެ ވައުދާއި ސަރުކާރު ވިޔަފާރި ކުޑަކޮށް އަމިއްލަ ވިޔަފާރު ފުޅާ ކުރުމުގެ ސިޔާސަތުތައް ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި ވަނީ މި ކަންކަން ހިމެނޭހެން ސަރުކާރުގެ ހުރިހާ ސިޔާސަތެއް އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް އަނބުރާލައި، އެމްޑީޕީގެ އަމާޒަށް ސަރުކާރު ވާސިލް ވުމަށް ގޮވައިލައިފަ އެވެ.

ދައުލަތް ހިންގުމުގެ ދެ ބާރެއްގައި އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ތިއްބެވިއިރު އެ ޕާޓީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ރައީސްގެ ފެކްޝަނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.

ވަހީދަކީ ނަޝީދުގެ ފެކްޝަނުގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ އެއް މެންބަރެވެ. ނަޝީދުގެ ފެކްޝަނުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ތަންފީޒު ކުރަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯއެއް ނޫނެވެ. އެއީ ކޯލިޝަން މެނިފެސްޓޯއެއް ކަމަށާއި އަމަލުކުރަމުންދާ ސިޔާސަތުތައް އެމްޑީޕީގެ ފަލްސަފާތަކާއި ބީރައްޓެހި ކަމަށް ނަޝީދުގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ދެ ފެކްޝަނުގެ މެދުގައި ބަހުގެ ހަމަލާތައް އިތުރުވެފައިވާއިރު ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަތައް ވެސް ގެންދަނީ ހުށަހަޅަމުންނެވެ. އެކަމަކު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީ ނަޝީދަށް ނެތުމާ އެކު ވޯޓުން އެ ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ކުރި ލިބިފައި ނުވެ އެވެ.