Advertisement

ކޯޗު ޕޮޓާ ބުނަނީ ޗެލްސީގެ މައްސަލަކީ އޭނާ ނޫން ކަމަށް!

19 ފެބުރުވަރީ 2023 - 10:45 0

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ: މަގާމުން އަމިއްލަ އަށް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް.


ކޯޗު ޕޮޓާ ބުނަނީ ޗެލްސީގެ މައްސަލަކީ އޭނާ ނޫން ކަމަށް!

19 ފެބުރުވަރީ 2023 - 10:45 0

ލަންޑަން (ފެބްރުއަރީ 19) - ޗެލްސީ އަށް މެޗުތަކުގައި އެކަށީގެންވާ ނަތީޖާތައް ނުނެރެވެނީ ހަމައެކަނި އޭނާގެ ސަބަބުން ނޫން ކަމަށް އެ ޓީމު ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ސައުތަމްޓަން އަތުން ބަލިވެ ޗެލްސީގެ ކޯޗު، ޕޮޓާ މިހާރު ހުރީ ހޫނު ފެނުގަ އެވެ. އޭނާއާ މެދު ޗެލްސީގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ފާޅުކޮށް ފާޅުގައި މަގާމުން އިސްތިއުފާދޭން ގޮވަމުން އަންނައިރު، ވީ އެންމެ އަވަހަކަށް އާ ކޯޗެއް ގެނައުމަށް ވެސް ސަޕޯޓަރުން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ކޮޅުންލާފައި މިވަނީ ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ގަތުމަށް 525 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް އެކުލަބަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭތީ އެވެ. މިގޮތުން 2023 ގައި އެޓީމުން މިހާތަަން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަތަރު މެޗު އެއްވަރުވިއިރު ހަތަރު މެޗުންވަނީ ބަލިވެފަ އެވެ.

ރޭގެ މެޗަށް ފަހު ޕޮޓާ ބުނީ މެޗުތަކުން ޓީމު މޮޅުނުވިޔަސް އެކަމުގައި ޒިންމާ ހުރިހާ ގޮތަކުން ނަގަންޖެހޭނީ އޭނާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ސަޕޯޓަރުންގެ ހިތްހަމަ ނުޖެހިގެން އުޅެނީ ނަތީޖާ ރަނގަޅު ނުވާތީ ކަމަށާއި، އެކަމުގައި ކުޅުންތެރިންގެ ވެސް ޒިންމާ އެއް އޮއްނާނެ ކަމަށް ޕޮޓާ ގަބޫލުކުރެ އެވެ.

"އެންމެން ބުނަނީ އަހަންނޭ މައްސަލައަކީ. އެކަމަކު، އަހަރެން ގަބޫލެއް ނުކުރަން އެގޮތަށް. މި ފަހަރު ޕްރިމިއާ ލީގުގައި ޓީމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، އާ ކުޅުންތެރިން ގިނަ ޓީމުގައި އޭގެ ސަބަބުން ވެސް އެބަހުރި އުނދަގޫތަކެއް. ރަނގަޅަށް ކުޅެވޭ މެޗުތަކުގައިވެސް ގޯލު ނުޖެހެނީ. ސަޕޯޓަރުންގެ ޝުއޫރަށް ވެސް އަހަރެން އިހުތިރާމްކުރަން ހަމަ" މިދިޔަ ސެޕްޓެމްބަރު މަހު ޗެލްސީއާ ހަވާލުވި ޕޮޓާ ބުންޏެވެ.

ޗެލްސީ މިހާރު އޮތް ފޯމަށް ބަލާއިރު މި ސީޒަން ނިމޭއިރު އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު އޮތުމަކީ ވެސް ސަޕޯޓަރުގެ ކަންބޮޑުވުމެކެވެ. އެ ޓީމު މި ވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގަ އެވެ.

ޕޮޓާ ބުނީ ޗެލްސީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮންމެ މެޗެއްގެ ވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުން ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި އެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވި މެޗާއި އެންމެ ފަހުން ސައުތެމްޓަން އަތުން ބަލިވި މެޗުގައި ވެސް އެ ޓީމުން ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނުކަން ޕޮޓާ ވަނީ ފާހަގަކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ކުރިން އިރުޝާދުދިން ކޯޗު ބުނީ އޭނާ މަގާމުން ވަކިކުރަން ސަޕޯޓަރުން ގޮވާލިޔަސް މި ވަގުތު މި މަގާމަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ ކަމަށެވެ.