19 ފެބުރުވަރީ 2023 - 06:47 0
19 ފެބުރުވަރީ 2023 - 06:47 0
މިއުނިކް (ފެބްރުއަރީ 19) - ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން ބަލިވުމާ އެކު، ޖަރުމަނު ލީގުގެ އެއް ވަނަ މަގާމު ބަޔާން މިއުނިކަށް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ރޭގެ މެޗުގެ ބޮޑުބައި ބަޔާނުން ކުޅެން ޖެހުނުއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔޫނިއަން ބާލިން އޮތީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ޔޫނިއަން ބާލިން ކުޅޭ މެޗުން ޝާލްކާ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗުގައި ބަޔާނަށް އުނދަގޫ ބޮޑުވީ މެޗުގެ އަށް ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ މުންޗެންގްލަޑްބެކްގެ ފޯވާޑް، އަލަސާނޭ ޕްލޭއާ އަށް ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
އުޕަމެކާނޯ އަށް ރަތް ކާޑު ދައްކަން ޖެހޭތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ކަށަވަރުކޮށް، އެ ނިންމުން ރަނގަޅު ކަމަށް ކަނޑައެޅި އެވެ. މެޗަށް ފަހު ބަޔާން ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ ނިންމުމަށް ފާޑުކިޔައިފަ އެެވެ. އަދި ރެފްރީންގެ ރޫމަށް ގޮސް، އެ ރަތް ކާޑު ދައްކަން މެދުވެރިވި ސަބަބު އޮޅުންފިލުވަން ވެސް މަސައްކަތްކުރި އެވެ.
ބަޔާނުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، 13 ވަނަ މިނިޓްގައި މުންޗެންގްލަޑްބެކް އިން ލީޑުނެގީ ލާސް ސްޓިންޑްލް ޖެހި ގޯލުންނެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ބަޔާނުން ވަނީ 35 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ ކައުންޓަ އެޓޭކެއްގައި އަލްފަންސޯ ޑޭވީސް ނަގައިދިން ބޯޅައަކުން އެރިކް މެކްސިމް ޗޮޕޫ މޯޓިން ޖެހި ގޯލެކެވެ.
މެޗުގެ 55 ވަނަ މިނިޓްގައި މުންޗެންގްލަޑްބެކް އިން އަލުން ލީޑުނެގީ ޔޮނަސް ހޮފްމަން ޖެހި ގޯލުންނެވެ. މި ގޯލުގައި ޕްލެއާ އާއި ހޮފްމަންގެ ކޮމްބިނޭޝަން ފާހަގަކުރެވުނެވެ. މެޗުގެ 84 ވަނަ މިނިޓްގައި މާކަސް ތުރާމް، މުންޗެންގްލަޑްބެކަށް ލީޑުފުޅާކޮށްދިންއިރު، މި ގޯލު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ މެޗުގައި މޮޅަށް ކުޅުނު ހޮފްމަން އެވެ.
ބަޔާންގެ ޓީނޭޖް ސްޓްރައިކަރު، މަތީސް ޓީލް ވަނީ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އެކަމަކު، ބަޔާނަށް އިތުރު ގޯލެއް ނުޖެހި މުންޗެންގްލަޑްބެކްގެ އަތްދަށުވިއިރު، ބަޔާން މި ވަނީ އެންމެ ފަހުން މުންޗެންގްލަޑްބެކާ ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓި ސްވިޒަލެންޑްގެ ކީޕަރު، ޔެން ސޮމާ ވަނީ އަށް އަހަރާއި ބައި ވަންދެން މުންޗެންގްލަޑްބެކަށް ކުޅެފަ އެވެ. ސޮމާ އެ ޓީމު ދޫކޮށް ބަޔާނަށް ބަދަލުވީ މިދިޔަ މަހުގެ ޓްރާންސްފާގަ އެވެ. އެއީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް އަނިޔާގެ ސަބަބުން ސީޒަން ނިމިފައިވާތީ އެވެ.
Comment