18 ފެބުރުވަރީ 2023 - 17:49 0
މުހައްމަދު ޝަހްޒާން
ޑިޖިޓަލް އައިޑީ ފަރުމާކޮށްފައި ވަނީ ވަރަށް ގިނަ ސެކިއުރިޓީ ސިފަތައް އޭގައި އެކުލެވޭ ގޮތަށް -- ފޮޓޯ: ސޯޝަލް މީޑިއާ
18 ފެބުރުވަރީ 2023 - 17:49 0
އަންނަ މަހު ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި އާންމުކޮށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދި މި ރިލީޒް ކުރަނީ އާލީ ވާޝަނެއް، އޭގެ މައިގަނޑު ބޭނުމަކީ އަސްލު ވާޝަން ލޯންޗު ކުރުމުގެ ކުރިއަށް އެ ބޭނުން ކުރާ ފަރާތްތަކުގެ ޚިޔާލު ހޯދައި ރަނގަޅު ކުރަންޖެހޭ ކުދިކުދި ކަންކަން ރަނގަޅު ކުރުން،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވަގުތީ ޑިޖިޓަލް އައިޑީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވައިލާނީ 500 މީހުންނަށް ކަމަށެވެ. އެ ފުރުސަތު ބޭނުންވާ ފަރާތްތަކުން އީފާސް ފޮލޯ ކުރަމުން ގެންދިއުމަށް އޭނާ އެދިވަޑައިގަތެވެ.
މިއީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ރާއްޖޭގައި ބޭނުން ކުރުމަށް ތައްޔާރުވަމުން އަންނަ ފުރަތަމަ ފަހަރެވެ. ޝަރީފް ވިދާޅުވީ މިނިސްޓަރީގެ އަމާޒަކީ މީގެ މަހެއްހައި ދުވަސްފަހުން ޑިޖިޓަލް އައިޑީ ރަސްމީކޮށް ތައާރަފު ކުރާއިރު، އެ އައިޑީއަކީ ވީހާވެސް ފަސޭހައިން އާންމުންނަށް ބޭނުން ކުރެވޭނެ އެއްޗަކަށް ހެދުން ކަމަށެވެ.
އެގޮތުން، މިހާރުވެސް ސަރުކާރުގެ އެކި އިދާރަތަކުން ހޮވާލާފައިވާ 180 އެއްހައި މުވައްޒަފުން އެ އައިޑީ ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުވެސް 180 އެއްހައި މީހުން ބޭނުންކުރަމުން ދަނީ، އެބޭފުޅުން ދެއްވާ ހިޔާލުތަކުގެ މައްޗަށް ބަލާފައި މިހާރުވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ 2021 ވަނަ އަހަރެވެ.
ދެ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި ފެށި އެ މަސައްކަތް މުޅީން އެއްކޮށް ނިންމައި އަންނަ މަހު ބޭނުން ކުރަން ފެށޭނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ޑިޖިޓަލް އައިޑީއަކީ ވަރަށް ގިނަ ސެކިއުރިޓީ ސިފަތައް އޭގައި އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އައިޑީ ކާޑު ޑިޖިޓަލް ކުރުމުން ތަކުރާތުކޮށް އައިޑީ ކާޑު ހެއްދުމުގެ ބުރަ ދެން އުފާލަކަށް ނުޖެހޭނެ އެވެ.
ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ތައާރަފު ކުރުމަށް ތައްޔާރުވަމުން އަންނައިރު، މިމަހު ވަނީ ލައިސެންސް ކާޑު ޑިޖިޓަލްކޮށް ބޭނުން ކުރަން ފަށައިފަ އެވެ.
Comment