16 ފެބުރުވަރީ 2023 - 16:09 0
މުހައްމަދު ޝަހްޒާން
16 ފެބުރުވަރީ 2023 - 16:09 0
މީސް މީޑިއާގެ އިތުރުން އެނޫން ވެސް ގޮތްގޮތަށް ފަތުރާ އިންވެސްޓުމަންޓު ސްކީމްތަކާއި ފަންޑުތަކަށް ފައިސާ އިންވެސްޓު ކުރުމާމެދު ސަމާލުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި މަންސަތައް މެދުވެރިކޮށް އެފަދަ ހުށަހަޅުންތައް ހުށަހަޅާ ފަރާތްތަކަކީ އިންވެސްޓުމަންޓު ފަންޑުތަކާއި ސްކީމްތައް ހިންގުމުގެ ހުއްދަ އޮތް ފަރާތެއްތޯއާއި އެ ފަރާތަކީ ސީއެމްޑީއޭގައި ރެޖިސްޓަރީ ކޮށްފައިވާ ފަރާތެއްކަން ކަށަވަރު ކޮށްފައި ނޫނީ އިންވެސްޓު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެެރިވާ ކަމަށެވެ.
އެ އޮތޯރިޓީން ސެކިއުރިޓީޒް މުއާމަލާތްތައް ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ފެންނާނެހެން ސީއެމްޑީއޭގެ ވެބްސައިޓުގައި ޝާއިއު ކޮށްފައި ހުރެ އެވެ.
އިންވެސްޓުމަންޓު ފަންޑުތަކާއި ސްކީމްތަކުގެ ނަމުގައި މިފަހަކަށް އައިސް މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމާއި ޕޮންޒީ ސްކީމުތައް ހިންގުން ވަނީ ވަރަށް އާންމުވެފަ އެވެ.
މިއަހަރުގެ މިހާތަނަށް އެފަދަ 15 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.
އެފަދަ ގިނަ މުއާމަލާތްތަކުގެ ފަހަތުގައި އަސްލު ތިބެނީ ކޮން ބައެއްކަމެއް ކަމާބެހޭ އިދާރާތަކަށް ވެސް ގިނަފަހަރު ދެނެނުގަނަވެ އެވެ.
އިންވެސްޓުމަންޓު ފަންޑުތަކާއި ސްކީމްތަކާ މެދު ސަމާލުވުމަށް ސީއެމްޑީއޭއިން އެދިފައި ވާއިރު، މިދިޔަ އަހަރުވެސް އެފަދަ ސްކީމެއްގައި ބައިވެރިވި މީހުން އެ ސްކީމަށް އިންވެސްޓުކުރި ފައިސާ މިހާތަނަށް ވެސް އަނބުރާ ލިބިފައެއް ނުވެ އެވެ.
Comment