Advertisement

ސިޔާސީ ޕާޓީތައް އުވާލުމާ ގުޅޭ ދުސްތޫރީ މައްސަލަ; 10 އަހަރު ފަހުން ނިންމީ ނުބެލޭނެ ކަމަށް!

15 ފެބުރުވަރީ 2023 - 11:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި އިމާދު ސޯލިހު؛ ދިހަ އަހަރު ކުރިން އޭނާ ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ހުކުމްކޮށްފި


ސިޔާސީ ޕާޓީތައް އުވާލުމާ ގުޅޭ ދުސްތޫރީ މައްސަލަ; 10 އަހަރު ފަހުން ނިންމީ ނުބެލޭނެ ކަމަށް!

15 ފެބުރުވަރީ 2023 - 11:13 0

މީގެ ދިހަ އަހަރު ކުރިން 2013 ވަނަ އަހަރު، ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދިހަ އަހަރު ފަހުން މިއަދު ހުކުމްކޮށްފި އެވެ.

އޭރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް ގޮތުން ޕާޓީއެއް ދެމިއޮތުމަށް 10،000 މެންބަރުން ތިބެން ޖެހެ އެވެ. އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އޭރު އެ ގާނޫނުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް އޮތް މާއްދާއެއް ބާތިލު ކޮށްދިނުމަށެވެ.

އޭރު އެ މާއްދާ ބާތިލްކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި، ސުޕްރީމް ކޯޓުން ވަނީ ސެޕްޓެމްބަރު 2013 ގައި އެ މާއްދާ ބާތިލު ކޮށްފަ އެވެ.

އެހެންވެ މި މައްސަލަ އިތުރަށް ބެލިގެން ނުވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އެދިފައި ވެސް ވެ އެވެ. ނަމަވެސް، އިމާދު ހުށަހަޅާފައިވާ މައްސަލާގައި އިތުރު ނުކުތާތަކެއް ވެސް ފާހަގަ ކޮށްފައި އޮތުމުން އޭނާ އެދުނީ އެ ކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ދިހަ އަހަރު ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ހުކުމް ކުރަން މިއަދު ބޭއްވި އަޑުއެހުމުގައި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފާހަގަ ކުރެއްވީ އެ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ވަކި މާއްދާތަކަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާއާ ހަވާލާދީ އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގެ ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސޯސް އޮންނަނީ ހައި ކޯޓަށެވެ.

އޭގެ އިތުރަށް ފުރަތަމަ މަރުހަލާގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަންވީ ސަބަބެއް އިމާދު ސޯލިހުގެ ފަރާތުން ބުނެދެވިފައި ނުވާތީ ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ އިހުތިސޯސް ރާއްޖޭގެ އެންމެ މަތީ ކޯޓަށް ލިބިގެން ނުވާ ކަމަށް ހުކުމް ކުރެއްވި އެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު އައިޝާ ޝުޖޫން، އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އިމާދު ސޯލިހު ހުށަހެޅި މައްސަލައިގެ ފަސްފަހަތް؛

ސުޕްރީމް ކޯޓަށް ގައުމީ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލާގައި ވަނީ 10،000 މެންބަރުން ހަމަކުރަން އޮތް މާއްދާއަކީ ގާނޫނު އަސާސީގެ 31 ވަނަ މާއްދަގެ ދަށުން، ސިޔާސީ ޕާޓީ އުފެއްދުމާއި ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު ހަނިވާ ގޮތަށް އޮތް މާއްދާއެއް ކަމަށެވެ.

10،000 މެންބަރުންގެ އަދަދު ހަމަނުވެއްޖެ ނަމަ، ސިޔާސީ ޕާޓީއެއް އުފައްދައިގެން ވަކި ސިޔާސީ ފިކުރެއް ހިންގައި ޕްރޮމޯޓްކުރަން ބޭނުންވާ ކޮންމެ ފަރުދަކަށް ލިބެން ޖެހޭ ކަމަށް ގާނޫނު އަސާސީން ދީފައިވާ ހައްގުން، ޕާޓީތަކުގެ ގާނޫނުގެ ސަބަބުން މަހުރޫމުކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ ކާމިޔާބީ ވަޒަންކުރާނީ އިންތިހާބުތަކުގެ ނަތީޖާއިން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ކަމަށް ރިއާޔަތްނުކޮށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ފައިސާ ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ގާނޫނާ ހިލާފު ކަމަށް އޭގައިވެ އެވެ.

10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގެ ބިމެއް ކަނޑައަޅާ ގޮތަށް ވެސް ގާނޫނުގައި ހިމަނާފައި އޮތް އޮތުމަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން އުފެދޭ ގޮތަށް އޮތް މާއްދާއެއް ކަމަށް ވެސް ހުށަހެޅި މައްސަލާގައިވެ އެވެ.