14 ފެބުރުވަރީ 2023 - 08:00 0
ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު އަކުރަމް (ވ) އާއި އުމެއިރު އެ ކްލަބްގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އަދަދު
14 ފެބުރުވަރީ 2023 - 08:00 0
މި ވަގުތު ދެ ވަނަަ ޑިވިޝަންގައި އޮތް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަށް ކުޅެން ނިންމި މައިގަނޑު ސަބަބަކީ ފުޓްބޯޅަ ކެރިއަރުގެ ފަހުކޮޅުގައި ރަނގަޅު ޗެލެންޖެއް ނަގައި، އިތުބާރު އޮތް މެނޭޖްމަންޓަކާ އެކު މަސައްކަތް ކުރުމަށް ކަމަށް، ވިކްޓަރީ އަށް ރޭ ސޮއިކުރި މުހައްމަދު އުމެއިރާއި އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.
އުމެއިރު ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ މުހިންމު ކްލަބެއް ކަމަށްވާ ވިކްޓަރީ އަނބުރާ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދޭން ބޭނުންވާ ކަމަށެެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީން ވަނީ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، ސޮބާހު މުހައްމަދު ހަމަޖައްސައިފަ އެވެ.
މީގެ 10 މަސް ކުރިން، ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީން ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފަ އެވެ.
އާ މެނޭޖްމަންޓާ އެކު މި އަހަރު ވިކްޓަރީގެ އަމާޒަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމެވެ. އެ މަސައްކަތުގައި ފުރަތަމަ އެޅި ފިޔަވަޅަކީ މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަކޫ އާއި އުމެއިރުގެ ސޮއި ހޯދުމެވެ.
އުމެއިރު، (ވ) ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު، އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ)އާ އެކު.-- ފޮޓޯ: އަދަދު
ވިކްޓްރީ އަށް ސޮއިކުރުމާ ގުޅޭގޮތުން އުމެއިރު 34، ބުނީ މި ވަގުތު އޭނާގެ ކެރިއަރު ނިމުމަކާ ގާތްވެފައިވާއިރު މި ކުލަބަށް ކުޅެން ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ކެރިއަރުގެ ކުރީކޮޅު މުހިންމު ކާމިޔާބީތަކެއް ހޯދި ވިކްޓްރީއާ މި ގުޅުނީ ވަރަށް ވިސްނާފައި ކަމަށާއި މި ވަގުތަށް ބަލާއިރު މިއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު އަޅުގަނޑު ވިސްނާ ގޮތުން މި ވަގުތު މިހުރީ ފަސްޓްގެ ކެރިއަރު އަނެއްހެން ނިންމާލާ ހިސާބުގައި. އަނެއްކޮޅުން، ވިކްޓްރީ އިން މި ފުރުސަތު ދިނީމަ، އަޅުގަނޑުގެ ބޯޅަ ކެރިއަރު ފެށި ކުލަބަށް ވީމަ މިކަމާ ރަނގަޅަށް ވިސްނާފައި މި ނިންމީ. ގިނަ ގޮތްގޮތަށް ވިސްނާފައި މި ވަގުތަށް ބަލާއިރު މިއީ ރަނގަޅު ނިންމުންކަމަށް ފެންނާތީ ވިކްޓްރީއާ މި ގުޅުނީ." 2006 އިން 2013 އާ ދެމެދު ދެ ފަހަރެއްގެ މަތިން ވިކްޓްރީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އުމެއިރު ބުންޏެވެ.
އުމެއިރު ބުނީ މި ވަގުތު އޭނާގެ ވިސްނުން ހުރީ މަޑު މަޑުން ފުރަތަމަ ޑިވިޝަނާ ދުރަށް ދިޔުމަށް ކަމަށާއި، އެހެންކަމުން ވިކްޓަރީއާ އެކު ކެރިއަރުގެ ފަހު ދުވަސްތަކުގައި ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ވިކްޓަރީ އާ ގުޅުނު ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް ބުނީ ވިކްޓްރީއާ ގުޅުމުގެ އެންމެ ބޮޑު ސިއްރަކީ "އިތުބާރު" ކަމަށެވެ.
ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު އަކުރަމް (ވ) އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ)އާ އެކު ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އަދަދު
ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ އަކުރަމް ބުނީ ވިކްޓަރީގައި އޮތީ އޭނާ އަށް ވަރަށް އިތުބާރު އޮތް ޕްރޮޖެކްޓަކަށް ވެފައި، މި ވަގުތުގެ ހާލަތަށް ބަލާއިރު މި ކުލަބަށް ކުޅުމަކީ ރަނގަޅު ނިންމުން ކަމަށްވާތީ ވިކްޓަރީ އަށް ސޮއިކުރަން ނިންމީ ކަމަށެވެ.
"އަސްލު މި ބަދަލަކީ ވަރަށް އިތުބާރެވޭ ފަރާތެއްގެ ކުރަމުން އަންނަ ކަމެއް ވީމަ އެ ކަމަށް ދެވުނު ކޮމިޓްމަންޓެއް. އެހެންވެ މިވަރުގެ ބަދަލެއް މިގެނައީ. ވިކްޓްރީން ހަވާލުކުރި ޕްރޮޖެކްޓާ މެދު ވަރަށް ބޮޑަށް ވިސްނާފައި އުމެއިރުއާ އަޅުގަނޑާ މި ގޮތަށް މި ނިންމީ. ދެން މި ކުލަބަކީ ދެ މީހުންނަށް ވެސް އާ ތަނެއް ނޫން." 2012 ގެ ސީޒަންގައި ވިކްޓްރީ އަށް ކުޅުނު އަކުރަމް ބުންޏެވެ.
އަކުރަމް އަންނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކޮށް މަޑުމަޑުން ރިކަވާ ވަމުންނެވެ. މި އަހަރުގެ ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލްކޮށްފައި އޮތުމުން އެކަމާ ގުޅޭގޮތުން އަކުރަމް ބުނީ އެ މުބާރާތަށް އެންމެ ރަނގަޅަށް ފިޓްވެވޭނެކަމުގެ ފުރުސަތު ކުޑަކަމާއި، އެހެންކަމުން މި ވަގުތު ދެ ވަނަ ޑިވިޝަންގައި ކުޅުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
"ގައުމީ ޓީމަށް ބަލާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ސާފް ޗެމްޕިއަންޝިޕް ކުޅޭވަރަށް އަނިޔާއިން އެއްކޮށް ފުލީ ފިޓް ނުވެދާނެ. އެހެންވީމަ، އެކަން އޮންނާނީ ކޯޗުގެ އަތްމަތީގައި. ކޯޗުގެ ނިންމުމަށް އިތުބާރު ކުރާނަން. އެކަމަކު، އަޅުގަނޑު ބޭނުމެއް ނުވޭ އެކަމަށް ތައްޔާރުނުވެވޭ ހާލަތުގައި ގައުމީ ޓީމަށް ކުޅޭކަށް." ގައުމީ ޓީމާ އެކު 2018ގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ކެޕްޓަން، އަކުރަމް ބުންޏެވެ.
އަކުރަމް އާއި އުމެއިރުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ވިކްޓަރީ އަށް ގެނައުމަށް އެ ކްލަބްގެ މެނޭޖްމަންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އާ ކުޅުންތެރިން ވަރަށް އަވަހަށް ޓީމާއި ގުޅޭނެ ކަމަށް ވެސް އެ ކުލަބުން ހާމަކުރެ އެވެ.
Comment