Advertisement

ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް ހަދަން ޖާބިރަށް ހުއްދަ ދީފި

13 ފެބުރުވަރީ 2023 - 12:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގްރީން ޕާޓީ ނަމުގައި އާ ޕާޓީއެއް ހެދުމަށް މެންބަރު އަބްދުﷲ ޖާބިރަށް ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އީސީ


ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް ހަދަން ޖާބިރަށް ހުއްދަ ދީފި

13 ފެބުރުވަރީ 2023 - 12:44 0

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފި އެވެ.

ހުއްދަ ދިން ކަމުގެ ލިޔުން ހަވާލުކުރަން އެ ކޮމިޝަންގައި މިއަދު ރަސްމިއްޔާތެއް ބޭއްވިއިރު، ޖާބިރު މި ވަގުތު ލީޑްކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލުމަށް އީސީން ވަނީ ނިންމައިފަ އެވެ.

ޑީއާރުޕީ އުވާލަން އީސީން ނިންމީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ. ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެ އެވެ.

ޕާޓީ އުވާލުމުގެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. ފުރަތަމަ ހުށަހެޅީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ޕާޓީއަށް ހައި ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލައަކީ އެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި، ހައި ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ނުދެ އެވެ.

ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ހުށަޅާފައިވެ އެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، އެ މައްސަލަ ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ބާވަތެއް ގޮތުގަ އެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ޑީއާރުޕީގެ ކުރިން ޖާބިރު މަސައްކަތް ކުރެއްވީ އެމްޑީޕީގަ އެވެ. ނަމަވެސް 2019 ވަނަ އަހަރު، ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަހުން އަމިއްލަ ގޮތުން ވާދަކުރުމުން އެ ޕާޓީން އޭނާ ވަކިކުރި އެވެ.

އޭރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ވެސް އޮތް ގޮތުން ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އާންމު އިންތިހާބުގައި ވާދައެއް ނުކުރެވެ އެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއްގެ ގޮތުގައި، ސުޕްރީމް ކޯޓުން ނިންމުމުން ޖާބިރަށް ވާދަކުރުމުގެ ފުރުސަތު ލިބުނެވެ.