Advertisement

އަންދާޒާއަށް ވުރެ 43.6 އިންސައްތަ އިތުރުވެ މީރާއަށް ޖެނުއަރީގައި 3.4 ބިލިއަން

11 ފެބުރުވަރީ 2023 - 12:30 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އަންދާޒާއަށް ވުރެ 43.6 އިންސައްތަ އިތުރުވެ މީރާއަށް ޖެނުއަރީގައި 3.4 ބިލިއަން

11 ފެބުރުވަރީ 2023 - 12:30 0

ޓެކުހުގެ ގޮތުގައި މިދިޔަ މަހު މީރާއަށް 3.40 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އެ އަދަދަކީ ޖެނުއަރީ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 43.6 އިންސައްތަ އިތުރު އަދަދެކެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށްވުރެ 43.1 އިންސައްތަ އިތުރު އަދަދެކެވެ.

މި އަދަދާ އެކު މިއަހަރުގެ ޖެނުއަރީއަކީ ފާއިތުވި ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ވެސް އެ އިދާރާއަށް އަހަރުގެ ފުރަތަމަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހެވެ.

މީރާއިން ކޮންމެ މަހަކުވެސް ނެރެމުން އަންނަ ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކުންފުންޏަށް ލިބުނު އާމްދަނީ އެހާ ބޮޑުވެފައި ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ ވެސް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެ މަހު 1.62 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މުޅި މަހުގެ އާމްދަނީގެ 47.7 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.30 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތަފުސީލު:

  • ޖީއެސްޓީގެ ގޮތުގައި 1.62 ބިލިއަން ރުފިޔާ (47.7 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 1.30 ބިލިއަން ރުފިޔާ (38.1 އިންސައްތަ)
  • ގްރީން ޓެކުހުގެ ގޮތުގައި 100.79 މިލިއަން ރުފިޔާ (3.0 އިންސައްތަ)
  • ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައި 94.04 މިލިއަން ރުފިޔާ (2.8 އިންސައްތަ)
  • އެއާޕޯޓު ޑެވެލޮޕްމަންތު ފީގެ ގޮތުގައި 89.60 މިލިއަން ރުފިޔާ (5.8 އިންސައްތަ)
  • އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިިލިއަން ރުފިިޔާ (5.8 އިންސައްތަ)

އޭގެތެރޭގައި އާމްދަނީގެ ގޮތުގައި 112.80 މިލިއަން އެމެރިކާ ޑޮލަރު މީރާއިން ބަލައިގެންފައިވެ އެވެ.