Advertisement

70 ޓީމާ އެކު އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފޯރިއާއެކު ކުރިއަށް

11 ފެބުރުވަރީ 2023 - 09:18 0

އިންޓަ ސްކޫލް ހޭންޑްބޯލްް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


70 ޓީމާ އެކު އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފޯރިއާއެކު ކުރިއަށް

11 ފެބުރުވަރީ 2023 - 09:18 0

ހޭންޑްބޯޅައިގެ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ހަ ވަނަ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް ފަށައިފި އެވެ.

ދެ އުމުރުފުރާ އެއްގައި 24 ސްކޫލަކުން 70 ޓީމް ވާދަކުރާ މި މުބާރާތުގައި ގްރޭޓާ މާލޭ ސަރަހައްދާ، އަތޮޅުތަކުގެ ސްކޫލުތަކުން ވެސް ޓީމްތައް ވަނީ ބައިވެރިވެފަ އެވެ. އެ ގޮތުން މާލެ ސަރަހައްދުން ބޭރު ހަތް ސްކޫލަކުން މި ފަހަރު ވާދަކުރާނެ އެވެ. އެއީ އއ. އަތޮޅު ތައުލީމީ މަރުކަޒު، ފ.އަތޮޅު މަދަރުސާ، ކ.ގުޅީ ސްކޫލް، ގުރައިދޫ ސްކޫލް، ޅ.އަތޮޅު ތައުލީމީ މަރުކަޒު، ކ.މާފުށި ސްކޫލް އަދި ކ.ހުރާ ސްކޫލެވެ.

ކެޓަގަރީތަކަށް ބަލާއިރު، 15 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ އުމުފުރާ ކުރިއަށްދާ މުބާރާތުގައި އެންމެ ގިނަ ސްކޫލް ވާދަކުރަނީ 17 އަހަރުން ދަށުގެ ފިރިހެން ބައިގަ އެވެ. މި ބައިގައި އެކަނި 22 ޓީމެއް ވާދަކުރެ އެވެ.

ހުރިހާ އުމުފުރައެއްގައި ވެސް ޓީމްތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. އެ ހަތަރު ގްރޫޕްގެ ވެސް ކުރި ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގައި ފުރަތަމަ ކުރިއަށްދަނީ ދެ އުމުރުފުރާގެ އަންހެން ބައިގެ މެޗުތަކެވެ. އަންހެން ބައިގެ ފައިނަލް ދެ މެޗު ކުޅޭނީ ފެބްރުއަރީ 28 ގަ އެވެ. ފިރިހެން ބައިގެ ފައިނަލް މެޗު ކުޅޭނީ މާޗް 11 ގަ އެވެ.

އިންޓަ ސްކޫލް މުބާރާތަކީ އަލަށް އިންތިހާބުވި ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯގެ ޑިވެލޮޕްމަންޓް ޕްލޭނުގެ މުހިންމު ބައެކެވެ. އެ ގޮތުން މި މުބާރާތުން ހޮވާލެވޭ ކުޅުންތެރިންނާ އެކު ހޭންޑްބޯޅައިގެ އާ ޖީލެއް އުފެއްދުމުގެ ދިގުމުއްދަތުގެ ޕްލޭނެއް ރާވަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާ (މުޖޭ) ވަނީ ވިދާޅުވެފަ އެވެ.

މުޖޭ ވިދާޅުވީ ކުރިއަށް އޮތް އިންޓަ ސްކޫލް މުބާރާތަކީ އޭނާގެ ދައުރުގެ ޑިވެލޮޕްމަންޓް މަސައްކަތުގެ ފެށުން ކަމަށާއި، މި މުބާރާތުން ފާހަގަކުރެވޭ 17 އަހަރާއި 15 އަހަރުން ދަށުގެ ކުޅުންތެރިންނާ އެކު ޖޫނިއާ ބޮޑު ސްކޮޑެއް އެކުލަވާލައި ގައުމީ ކޯޗު ބްރަޓިސްލާވް ސްޓޮމެނޮވިޗްގެ އިރުޝާދުގެ ދަށުން ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖޫނިއާ ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ޖޫނިއާ ޓީމްތަކަށް ބައިނަލްއަގްވާމީ ލެވެލްގައި ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް ގައުމީ ސީނިއާ ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ސަޕްލައިކުރުންކަމަށެވެ.