Advertisement

17 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން ރެހެންދި ސްކޫލުން ހޯދައިފި

10 ފެބުރުވަރީ 2023 - 11:46 0

ޗެމްޕިއަންކަން ހޯދި ރެެހެންދި ސްކޫލްގެ ކުޅުންތެރިންނާ ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


17 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން ރެހެންދި ސްކޫލުން ހޯދައިފި

10 ފެބުރުވަރީ 2023 - 11:46 0

އެފްއޭއެމް 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 2-1 އިން ކަލާފާނު ސްކޫލް ބަލިކޮށް ރެެހެންދި ސްކޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކަލާފާނާއި ރެހެންދި ސްކޫލްގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ދިޔައީ ފޯރިގަދަ ކޮށެވެ. މި މެޗުގައި ފުރަތަމަ ލީޑުނެގީ ކަލާފާނު ސްކޫލުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ކަލާފާނުގެ މުހައްމަދު މީކާއިލް އަބްދުﷲ މައްސޫދު މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ރެހެންދި ސްކޫލުން ވަނީ އެއްވަރުކޮށްފަ އެވެ. އެ ގޮތުން، މެޗުގެ 35 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަލާފާނުގެ ކީޕަރު އިބްރާހިމް އަލޫފް ޝިފާން އަށް ނުލިބި އޭރިއާތެރެއިން ރެހެންދި ސްކޫލްގެ ކުޅުންތެރިންނަށް ލިބުނުއިރު، އެ ޓީމުގެ ޝާއިން އިބްރާހިމް ރަމީޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރެހެންދި ސްކޫލްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ރެހެންދި ސްކޫލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރެހެންދި ސްކޫލް ޓީމުގެ މި ގޯލު ޖެހީ އަބްދުލް އައްވަލް މައުރޫފް އެވެ. ރެހެންދި ސްކޫލްގެ ކުޅުންތެރިއަކު މަތިން، ކަލާފާނުގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއް ހޯދައި، އައްވަލް މި ގޯލު ޖެހީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ސްކޫލް ޓީމުގެ އަހުމަދު އަކުމަލް ނިޒާމް އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ޓްރޮފީ ހާސިލްކުރީ ގާޒީ ސްކޫލަށް 12 ގޯލު ޖަހައިދިން އަހުމަދު އަޒްލާން އަލީ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަަކަށް ހޮވުނީ ދަރުމަވަންތަ ސްކޫލް އެވެ.

ކަލާފާނު ސްކޫލުން ފައިނަލަށް ދަތުރުކުރީ ސެމީގައި ކ. ގުރައިދޫ ސްކޫލް ޓީމު ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ވަނީ ގުރައިދޫ ސްކޫލް ޓީމާއި ތިން ކުޅުންތެރިއަކަށް އަދަބު ދީފަ އެެވެ.