Advertisement

ތަހުގީގުގައި ހަނު ހުއްޓަސް، މުއިއްޒުގެ ހެކިން ކޯޓުން ބަލައިގެންފި

9 ފެބުރުވަރީ 2023 - 14:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު؛ މުއިއްޒުގެ ހެކިން ޝަރީއަތަށް ބަލައިނުގަތުމަށް ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ތަހުގީގުގައި ހަނު ހުއްޓަސް، މުއިއްޒުގެ ހެކިން ކޯޓުން ބަލައިގެންފި

9 ފެބުރުވަރީ 2023 - 14:49 0

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއިން ދިވެހި ދައުލަތާ ދެކޮޅަށް، ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން މައްސަލައިގެ ތަހުގީގުގައި ހަނުހުރި ނަމަވެސް އޭނާގެ ހެކިތައް ބަލައިގަތުމަށް ކޯޓުން ނިންމައިފި އެވެ.

ނޫމަޑިއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ދައުލަތުން ވަނީ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ކޮށްފަ އެވެ. އެ ދައުވާއަށް އިންކާރުކޮށް، އެއްވެސް ބަޔާނެެއް ދީފައި ނުވާކަން ސާބިތުކުރަން މުއިއްޒު ވަނީ ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ހުށަހަޅައިފަ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި ދައުލަތުން ވަނީ މުއިއްޒުގެ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށަހަޅައިފަ އެވެ. އެއީ ތަހުގީގު މަރުހަލާގައި ބައެއް ޒާތުގެ ހެކިތައް ހާމަކުރުމަށް އޮންނާތީ، އެ ހެކިތައް ހާމަނުކޮށް އެ މަރުހަލާގައި ހަނުހުރުމުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ އެ ހެކިތައް ބަލައިނުގަންނަންވީ ޝަރުއީ އަދި ގާނޫނީ ސަބަބެއް ފެންނަން ނެތް ކަމަށެވެ. އަދި، ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމި ސަބަބުތައް ތަފްސީލާ އެކު ލިޔުމުން ދެ ފަރާތަށް ފަހުން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާ ފަށައި، ދެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން މި މަހު 20 އަދި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަތުމަށް ޝަރީއަތުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު ދައުލަތަށް އޮންނާނެ އެވެ. ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފިނަމަ، ދިފާއީ ހެކި ނެގުމުގެ މަރުހަލާ ފަސްކޮށްދެއްވާނެ ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވި އެވެ.

މުއިއްޒަށް ކުރާ ދައުވާ؛

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.