Advertisement

ތަކެތީގެ އަގުތައް 2022 ގައި 3.42 އިންސައްތަ އުފުލުނު

9 ފެބުރުވަރީ 2023 - 10:56 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު އެއްޗެއް ގަންނަނީ. ކާބޯތަކެތީގެ އަގުތައް 6.57 އިންސައްތަ އުފުލުނު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ތަކެތީގެ އަގުތައް 2022 ގައި 3.42 އިންސައްތަ އުފުލުނު

9 ފެބުރުވަރީ 2023 - 10:56 1

ނިމިގެންދިޔަ 2022 ގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 3.42 އިންސައްތަ އުފުލުނު ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފި އެވެ.

އެ އިދާރާއިން މަހަކު އެއް ފަހަރު ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި މާލޭގައި ތަކެތީގެ އަގުތައް އެ މުއްދަތުގައި 3.35 އިންސައްތަ އުފުލުނެވެ. ހަމަ އެ މުއްދަތުގައި އަތޮޅު ތެރޭގައި އެ ރޭޓު ހުރީ 3.53 އިންސައްތައިގަ އެވެ.

ޑިސެމްބަރު 2021 އިން ޑިސެމްބަރު 2022 ގެ ނިޔަލަށް އެންމެ ބޮޑަށް އުފުލިފައި ވަނީ ދަތުރުފަތުރުގެ އަގުތަކެވެ. އެގޮތުން، އަހަރެއްގެ ތެރޭ ދަތުރުފަތުރުގެ އަގުތައް 9.25 އިންސައްތަ އުފުލުނެވެ.

ދަތުރުފަތުރުގެ އަގުތައް ބޮޑުވީ މައިގަނޑު ސަބަބަކީ ޕެޓްރޯލުގެ އަގު ބޮޑު ވުމާއި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމެވެ. ހަމައެހެންމެ އެތެރޭގެ އުދުހުންތަކާއި ކަނޑު ދަތުރުތަކުގެ އަގުތައް ވަނީ ތެލުގެ އަގަށް އައި ބަދަލާ އެކު އުފުލިފަ އެވެ. އެކަމަކު ބައިނަލްއަގްވާމީ ދަތުރުތަކުގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ.

އޭގެ އިތުރުން، ކާނާގެ ބާވަތްތަކާއި މަހާއި ފަރުނީޗަރާއި ސިއްހީ ފަރުވާ އާއި އަންނައުނުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. އަދި، ރެސްޓޯރަންޓުތަކާއި އެކޮމޮޑޭޝަނާއި މުނިފޫހިފިލުވުމައި ދުންފަތާއި ދުފުމުގެ އަގު ވެސް ދިޔައީ މައްޗަށެވެ. އަގަށް އެއްވެސް ބަދަލެއް ނާންނަނީ އިންޝުއަރެންސް އަދި މާލީ ހިދުމަތްތަކުގެ އެވެ.

މިދިޔަ އަހަރުގެ ތެރޭ އެންމެ ބޮޑަށް ހެޔޮވެފައި ވަނީ މުއާސަލާތާއި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކެވެ. އޭގެ އަގުތައް ވަނީ 2022 ގައި 5.96 އިންސައްތަ ދަށަށް ގޮސްފަ އެވެ.

އެއް އަހަރުގެ ތެރޭ މިވަރަށް ތަކެތީގެ އަގުތައް އުފުލުނު ނަމަވެސް، މަހުން މަހަށް އިންފްލޭޝަން މަތިވާ މިންވަރު ހުރީ އާދައިގެ ރޭޓެއްގަ އެވެ. އެގޮތުން، މެއި 2022 ފިޔަވައި އެހެން އެއްވެސް މަހެއްގައި އެ ރޭޓު 0.5 އިންސައްތައަށް ވުރެ އިތުރުވެފައި ނުވެ އެވެ. އަދި، ނޮވެމްބަރު 2022 އަށް ވުރެ ޑިސެމްބަރު 2022 ގައި ތަކެތީގެ އަގުތައް އުފުލުނީ 0.49 އިންސައްތަ އެވެ.

ޓެކްސް ބޮޑުކުރުމުން 2023 ގެ އިންފްލޭޝަން ރޭޓު މަތިވާނެ

ހަ ޕަސެންޓުގައި ނަގަމުންދިޔަ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް ބޮޑުކޮށް ނަގަން ފަށާފައި ވަނީ ޖެނުއަރީން ފެށިގެންނެވެ.

މިދިޔަ ޖުލައި މަހު އެ ނިންމުން ސަރުކާރުން އިއުލާނު ކުރިއިރު، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް، މި އަހަރަށް ފާސްކުރި ބަޖެޓުގައި، ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން 2.5 ޕަސަންޓުން އަގުތައް މަތިވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެއީ ހަމައެކަނި ޖީއެސްޓީގެ އަސަރު ކަމަށްވާއިރު، މި އަހަރު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރަނީ 5.4 ޕަސަންޓުގަ އެވެ.

ޓެކްސް ބޮޑުކުރީ ބަޖެޓު ފޫބެއްދުމަށްޓަކައި ބޭރުން ހޯދާ ފައިސާއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ގައުމުގެ އެތެރެއިން އާމްދަނީ ހޯދޭނެ މަގު ފުޅާކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖީއެސްޓީ ރޭޓަށް ގެނައި ބަދަލާ އެކު އަންނަ އަހަރު އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.