31 ޖަނަވަރީ 2024 - 11:01 0
އަމަން ހަލީމް
މަސް މާރުކޭޓުގައި މީހަކު ފައިސާ ގުނަނީ: މިދިޔަ އަހަރު ފެށުނުއިރު ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލުނު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
31 ޖަނަވަރީ 2024 - 11:01 0
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް ބޮޑުކުރުމާ ގުޅިގެން މިދިޔަ އަހަރު އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށް ފުރަތަމަ ލަފާކުރެވުނު ނަމަވެސް، އެވަރަށް އަގުތައް ނުއުފުލޭ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ޑިސެމްބަރުގެ ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި އެ މަހުގެ ތެރޭގައި އަގުތައް 0.39 ޕަސެންޓު އުފުލުނެވެ. އަދި އަހަރުން އަހަރަށް ހިސާބުކުރާއިރު، އެއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް، އިންފްލޭޝަން ހުރީ 2.02 ޕަސެންޓުގަ އެވެ.
މިއީ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެ އަހަރު ފެށުމުގެ ކުރިން، ބަޖެޓަށް ދިން ލަފާގައި، ނިމުތުކުރި 5.4 ޕަސެންޓަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. އަދި އަހަރުގެ މެދުތެރޭގައި އެމްއެމްއޭގެ އަންދާޒާ މުރާޖައާކޮށް ލަފާކުރި 3.3 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.
އެމްއެމްއޭގެ އަންދާޒާ މުރާޖާކުރަމުން އަހަރުގެ ފަހު ދެ ކުއާޓަރުގައި އަގުތައް ދަށަށް ދާނެ ކަމަށް ބުނި ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، އޭގެ ސަބަބުން އެހެން ތަކެތީގެ އަގުތައް ދަށަށް ދިއުމެވެ. އެގޮތުން ޖުމްލަކޮށް މުޅި އަހަރަށް ބަލާއިރު އިންފްލޭޝަން އެންމެ މައްޗަށް ދިޔައީ މާޗުގަ އެވެ. އެ މަހު އިންފްލޭޝަން ހުރީ ހަތަރު ޕަސެންޓުގަ އެވެ.
އެ ފަހުން އަގުތައް ތިރިވަމުން އައިސް ތިންވަނަ ކުއާޓަރު ސެޕްޓެމްބަރުގައި ނިންމާލިއިރު އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގަ އެވެ. އަދި ޖެހިގެން އައި ދެ މަހު ވެސް އިންފްލޭޝަން ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މުޅި އަހަރުގެ ތެރޭގައި ވެސް އިންފްލޭޝަން އެންމެ ދަށްވީ ޑިސެމްބަރުގަ އެވެ.
މުޅި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނީ އިންޝުއަރެންސް އަދި މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. އެ ދާއިރާގެ އަގުތައް އަށް ޕަސެންޓު އުފުލުނެވެ. ދެން އެންމެ ބޮޑަށް އަގު އުފުލުނީ ކާބޯތަކެއްޗާއި ރެސްޓޯރަންޓު އަދި އެކޮމޮޑޭޝަން ހިދުމަތްތަކުންނެވެ.
އެންމެ ބޮޑަށް އަގުތައް ތިރިވީ މުވާސަލާތީ ދާއިރާއިންނެވެ. މުވާސަލާތީ ދާއިރާގެ އަގުތައް 10.6 ޕަސެންޓު ދަށްވެފަ އެވެ. އަހަރުން އަހަރަށް ހިސާބުކުރާއިރު އަގު ތިރިވީ ވެސް ހަމައެކަނި މި ދާއިރާއިންނެވެ. އެހެން ހުރިހާ ދާއިރާއެއްގެ އަގުތައް ހުރީ މަތިވެފަ އެވެ. ޖުމްލަ އިންފްލޭޝަން މައިތިރިވި މައިގަނޑު ސަބަބަކީ ވެސް މި ދާއިރާގެ އަގުތަކަށް މިހާ ބޮޑު ބަދަލެއް އައިސްފައި ވުމެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހެޅި ބަޖެޓު ކަރުދާހުގައިވާ ގޮތުން އިންފްލޭޝަން މި އަހަރު ހުންނާނީ އެއް ޕަސެންޓުގަ އެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބްލެންކެޓް ސަބްސިޑީ އުވާލާއި ޓާގެޓަޑް ސަބްސިޑީ ސިޔާސަތު ތަންފީޒުކުރާ ނަމަ ތަކެތީގެ އަގުތައް 3.9 ޕަސެންޓު އުފުލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސުން ލަފާކުރާ ގޮތުގައި މި އަހަރަކީ 2013 ގެ ފަހުން ތަކެތީގެ އަގުތައް އެންމެ މަތިވާނެ އަހަރެވެ.
Comment