8 ފެބުރުވަރީ 2023 - 16:55 1
އެފްއޭއެމް 17 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވި ގުރައިދޫ ސްކޫލްގެ ޓީމު
8 ފެބުރުވަރީ 2023 - 16:55 1
އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށް ފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިންނާއި އޮފިޝަލުންގެ އިތުރުން ކުޅުންތެރިން ހިމެނޭ ގޮތަށް މާރާމާރީ ހިންގައި ރެފްރީ އަށް ހަމަލާދިން މައްސަލައިގައި އެ ޓީމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އަދަބު ދީފި އެވެ.
މިދިޔަ ހޯމަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ ސެމީ ފައިނަލް މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން އެ މައްސަލަ ބަލާނެކަމަށް އެފްއޭއެމުން ވަނީ އޭރު ހާމަކޮށްފަ އެވެ.
އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހިނގާދިޔަ އެ ހަމަނުޖެހުން ކުށްވެރިކޮށްފަ އެވެ.
އެފްއޭއެމް އިން މިއަދު އެ މައްސަލައިގައި ވަނީ ގޮތެއް ނިންމައި، ފިޔަވަޅު އަޅައިފަ އެެވެ. އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނެފައިވަނީ ކުއާޓާ ފައިނަލްގެ އެ މެޗުގެ އޮފިޝަލުންނަށް ގުރައިދޫ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަލާދީފައިވާކަން އެނގެން އެބައޮތް ކަމަށެވެ.
އެ ގޮތުގެ މަތިން، އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
އޭގެ އިތުރުން، އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލް ބައިވެރިވާނަމަ 10 މެޗު ހަމަވަންދެން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމުގައި ވަނީ ގުރައިދޫ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިއަކަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދީފަ އެވެ. އެއީ، ގުރައިދޫ ޓީމުގެ ޖޯޒީ ނަމްބަރު 7، 8 އަދި 10 އެވެ.
ގުރައިދޫ ޓީމުން މެޗުގެ ރެފްރީ އަށް ހަމަލާދޭން އުޅުނުއިރު، އެކަން އެ ގޮތަށް ހިނގިޔަ ނުދީ ރެފްރީ އަށް ހިމާޔަތްދޭން މަސައްކަތް ކޮށްފައިވަނީ ގުރައިދޫ އަށް އުފަން، ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
Comment