Advertisement

މަގު ކޮނުމުގެ ފީ ބޮޑުކޮށްގެން ސްޓެލްކޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް

7 ފެބުރުވަރީ 2023 - 15:25 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް؛ މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަގު ކޮނުމުގެ ފީ ބޮޑުކޮށްގެން ސްޓެލްކޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް

7 ފެބުރުވަރީ 2023 - 15:25 1

މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން 154 ޕަސެންޓު ބޮޑުކުރުމާ ގުޅިގެން، އެ ދެ އުސޫލު ބާތިލް ކުރުމަށް ހައި ކޯޓަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

މިއީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފެށި ދެ އުސޫލެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

އެހެން ކަމުން އެ ދެ އުސޫލު ބާތިލްކޮށް ދިނުމަށް އެދި ސްޓެލްކޯއިން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ސްޓެލްކޯއިން އެދިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އެ ދެ އުސޫލަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ދެ އުސޫލު ކަމަށް ބުނި ނަމަވެސް ގާނޫނާ ހިލާފުވާ ގޮތުގެ ތަފްސީލެއް އަދި އޭގެ ސަބަބުތަކެއް ސްޓެލްކޯއިން ބަޔާންކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

އެހެންވެގެން ހައި ކޯޓުގައި އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވެ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުންތައް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވޭނެ އެވެ. އެ ކަމުގައި ސްޓެލްކޯއިން ނިންމާ ގޮތެއް އަދި ނުބުނެ އެވެ.

ސްޓެލްކޯއިން ކުރި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލާ ކުއްލިއަކަށް ކަމަށެވެ.

"މި އުސޫލުގެ ދަށުން މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ، ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު ކުރީގެ އަގު 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" ޝަރީފް ވިދާޅުވެފައިވެ އެވެ.

ޝަރީފް ވިދާޅުވެފައިވަނީ ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށެވެ. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.