Advertisement

ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް

7 ފެބުރުވަރީ 2023 - 13:54 0

ނިމާ ހަސަން

ނިމާ ހަސަން

ދިއްގަރު ބަނދަރުގައި އަޅާފައި އޮތް އަސުރުމާ ލޯންޗު ގޮވުން


ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް

7 ފެބުރުވަރީ 2023 - 13:54 0

މ. ދިއްގަރު ފަޅުގައި އޮތް ލޯންޗެއް ގޮވައި, ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު 'އަދަދު'އަށް ބުނީ, ދިއްގަރު ފަޅުގައި އަޅާފައި އޮތް 'އަސުރުމާ' ލޯންޗު ގޮވީ, މަސް ބާނަން ދާން ވެގެން ލޯންޗު ސްޓާޓްކޮށްލި ވަގުތު ކަމަށެވެ. ގޮވި ވަގުތު ލޯންޗުގައި ތިބީ ދެ މީހުން ކަމަށާއި, އެ ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަނިޔާވި ދެ މީހުންނަކީ މުހައްމަދު ސޮބާހު އަދި ސަލާހު ލަތީފް ނަމަކަށް ކިޔާ ދެ މީހުންނެވެ. އަނިޔާވި ދެ މީހުން މިހާރު ވަނީ ސީ އެމްބިއުލާންސްގައި މާލެ ފުރުވާލާފަ އެވެ.

"ލޯންޗު ގޮވި ވަގުތު ވަރަށް ގިނަ މީހުން އެ ސަރަހައްދަށް އެއްވި. ނަމަވެސް އަނިޔާވި މީހުންނަށް އެހީތެރިވުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވީ އެމްޓީސީސީގެ މުވައްޒަފެއް," އޭނާ ކިޔައިދިނެވެ.


މަންޒަރު ދުށް މީހާ ބުނީ ލޯންޗު ގޮވުމުގެ ސަބަބުން ލޯންޗުގެ 90 ޕަސަންޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ލޯންޗުގެ އިންޖީނާއި ބެޓެރި ހުރީ ރަނގަޅަށް ކަމަށެވެ. އަދި ގޮވި ގޮވުމެއް ގޮވީ ލޯންޗުގެ ކުރީކޮޅުން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ގޮވުމެއް ގޮވައި, އަނިފާން ރޯވި ލޯންޗު ފައްތާލުމަށްފަހު މިހާރު ނަގާ, އެއްގަމަށް އަރުވާފައިވާ ކަމަށެވެ.