7 ފެބުރުވަރީ 2023 - 12:57 0
މުހައްމަދު އުޝާމް
މެންބަރު ހަސަން ލަތީފް (ކ)، ޕީޖީ ލީޑަރު އަސްލަމް (މ)، އަދި މެންބަރު ރަޝީދު (ވ)؛ ވިޕްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ މެންބަރުން އަސްލަމަށް ސިޓީއެއް ފޮނުވި
7 ފެބުރުވަރީ 2023 - 12:57 0
މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވުމުން ތިން ފަހަރަށް ފިޔަވަޅު އެޅުމަށް ނިންމީ، ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހިލާފަށް ކަމަށް ވިދާޅުވެ، ފިޔަވަޅު އެޅި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އަށް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ. އެއިން ބައެއް މެންބަރުންނަށް، އިއްޔެއާއި މިދިޔަ އާދީއްތަ ދުވަހު ޕީޖީ ގްރޫޕްގެ ފަރާތުން ތިން ފިޔަވަޅެއް އެޅިކަން އަންގައި ތިން ސިޓީއެއް ފޮނުވާފައިވެ އެވެ.
އެ ސިޓީގެ ޖަވާބުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފޮނުވި ސިޓީގައި ވަނީ، ތްރީލައިން ވިޕާ ހިލާފުވުމުން އޮންނަނީ އެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އެޅުމަށެވެ. ހަސަން ލަތީފްގެ ބަހެއް ހޯދާފައި ނެތުމުން، މައްސަލަ ބެލި ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"މެންބަރަކު ވިޕްލައިނާ އެއް ގޮތަށް އަމަލު ނުކޮށްފިނަމަ، އެ ކަން އެ ގޮތަށް އެ މެންބަރަކު ކުރި ސަބަބު ވިޕުން އޮޅުން ފިލުވައި، އެ ކަމުގެ މައުލޫމާތު ޕާޅިމެންޓްރީ ގްރޫޕްގެ ލީޑަރަށް އަންގަންވާނެ ކަމަށް ސާފުކޮށް އޮތް ނަމަވެސް، މި މައްސަލާގައި ފިޔަވަޅު އަޅުއްވާފައިވަނީ ހިންގާ ގަވާއިދާ ހިލާފަށްކަން ދަންނަވަމެވެ."
ހަސަން ލަތީފް ވިދާޅުވީ، ބަޖެޓާއި ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލާ ގުޅިގެން އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބުމުން ވޯޓުގައި އަމަލުކުރީ، ރައްޔިތުންގެ ހައްގުގައި ކަމަށް ސިޓީގައިވެ އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފޮނުވި ސިޓީގައި ވަނީ، ތްރީލައިން ވިޕް ނެރެފައިވަނީ އޭނާ ހުށަހެޅުއްވި ދެ ހުށަހެޅުއްވުމަކާ ދެކޮޅަށް ވޯޓު ދެއްވުމަށެވެ. އޭނާގެ ހުށަހެޅުއްވުމަކާ ދެކޮޅަށް ވޯޓު ދެވޭނެ އަސާސެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރަޝީދު ސިޓީގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރަށް، ވިޕްލައިނާ ހިލާފުވުމުން ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް މެންބަރު ރަޝީދު ތުހުމަތު ކުރައްވާފައިވެ އެވެ. އެ ގޮތުން، ޕާޓީން ވިޕްލައިން ނެރެފައި ވަނިކޮށް ވެސް މަޖިލީހަށް ހާޒިރުނުވާ އަދި ވޯޓުގައި ބައިވެރިނުވާ އެތައް މެންބަރުން ތިބި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ފާއިތުވި ހަތަރު އަހަރު ނެރެފައިވާ ވިޕަށް ވޯޓު ދޭން މަޖިލީހުގެ އެތައް ޖަލްސާއަށް މަނިކުފާނު (އަސްލަމް) އަދި އެތައް މެންބަރުންނެއް ހާޒިރުވެފައި ނެތް އިރު، އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ މެންބަރުންނަށް ވެސް ފިޔަވަޅު ނާޅައި، ވަކި މެންބަރުންނަށް ފިޔަވަޅު އެޅުމަކީ ތަފާތު ކުރުމެކެވެ."
މީގެ އިތުރުން އާންމުންނަށް ހުޅުވައިނުލައި، އެއްވެސް ޔައުމިއްޔާއެއް ވެސް ނުބަލަހައްޓާ ގޮތަށް، ސިއްރުން ބާއްވާ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކަކީ ހާމަކަން ކުޑަކޮށް ޑިމޮކްރަސީގެ ސިފަތަކާ ދުރު އަސާސްތަކެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކެއްގެ ގޮތުގައި ރަޝީދު ސިފަކުރައްވާފައިވެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މެންބަރު ހަސަން ލަތީފްއާއި، މެންބަރު ރަޝީދުގެ އިތުރަށް މެންބަރު މުހައްމަދު ވަހީދާއި، މެންބަރު އިލްޔާސާއި، މަޖިލީހުގެ ނައިބު ރައީސް އީވާއަށް ވެސް ތިން ފިޔަވަޅު އަޅާފައިވާ ކަން ބުނާ ސިޓީ ވަނީ ލިބިފަ އެވެ. މެންބަރު އާޒިމް ވިދާޅުވެފައިވަނީ އޭނައަށް ފުރަތަމަ ފިޔަވަޅު އެޅިކަމުގެ ސިޓީ ލިބިފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައި އޮންނަ ގޮތުން ވިޕްލައިނާ ހިލާފުވުމުން ފުރަތަމަ ފަހަރު އޮންނަނީ ނަސޭހަތް ދިނުމެވެ. ދެވަނަ ފަހަރު އޮންނަނީ މައާފަށް އެދި އެ ކަން ލިޔުމުން އެންގުމެވެ. ތިންވަނަ ފިޔަވަޅަކީ ޕާޓީގެ ފަރާތުން އެއްވެސް އިނާޔަތެއް ދޭނަމަ، އެ އިނާޔަތްތައް ކަނޑައިލުމެވެ.
މި ތިން ފިޔަވަޅު ވެސް މިހާރު އަޅާފައިވާއިރު ބާކީ ދެން އޮތީ ފަހު ދެ ފިޔަވަޅެވެ. ހަތަރުވަނަ ފިޔަވަޅަކީ ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކުރުން އަދި ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެއް އަހަރުގެ މުއްދަތަކަށް ކުރިމަތިލުން މަނާ ވުމެވެ. ފަހު ފިޔަވަޅަކަށް އޮންނަނީ ޕާޓީން ވަކިކުރުމެވެ.
އެމްޑީޕީން މީގެކުރިން ނެރުނު ވިޕް ލައިންތަކާ ތަކުރާރުކޮށް ހިލާފުވި މެމްބަރުން ޕާޓީން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ.
Comment