Advertisement

ބަޖެޓާ ދެކޮޅުވި މެންބަރުންނަށް ތިން ފިޔަވަޅު، ދެން އޮތީ ފަހު ދެ ފިޔަވަޅު

7 ފެބުރުވަރީ 2023 - 11:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބަޖެޓާ ދެކޮޅަށް ވޯޓު ދިން މެންބަރު އިމްތިޔާޒް އަދި މެންބަރު ރަޝީދު؛ ބަޖެޓާ ދެކޮޅަށް ވޯޓު ދިން މެންބަރުންނަށް ފިޔަވަޅު އަޅައިފި - ފޮޓޯ: މަޖިލިސް


ބަޖެޓާ ދެކޮޅުވި މެންބަރުންނަށް ތިން ފިޔަވަޅު، ދެން އޮތީ ފަހު ދެ ފިޔަވަޅު

7 ފެބުރުވަރީ 2023 - 11:56 0

މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވުމުން ތިން ފިޔަވަޅެއް އެޅުމަށް ފަހު ބައެއް މެންބަރުންނަށް އަންގައިފި އެވެ.

ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ.

ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންނަށް އިއްޔެ އާއި މިދިޔަ އާދީއްތަ ދުވަހު ތިން ސިޓީއެއް ޕާލިމެންޓްރީ ގްރޫޕުން ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ.

އޭގައި ފުރަތަމަ ސިޓީގައި ނަސޭހަތް ދީފައިވާއިރު ދެވަނަ ސިޓީގައި އަންގާފައިވަނީ މައާފަށް އެދި ލިޔުމުން ޕީޖީ ގްރޫޕްގެ ލީޑާޝިޕަށް ފޮނުވުމަށެވެ. ތިންވަނަ ސިޓީގައި އޮންނަނީ ޕާޓީން އިނާޔަތެއް ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "އަދަދު" ނޫހަށް ވިދާޅުވީ އިނާޔަތްތައް ކަނޑައިލުމާ ހަމައަށް ފިޔަވަޅު އަޅާފައިވަނީ، ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައި ވިޕްލައިނާ ހިލާފުވުމުން އަޅަން އޮންނަ ފިޔަވަޅުތަކުގެ ތަރުތީބުން ކަމަށެެވެ.

"އެ އިޖުރާއަތްތަކުގެ ތަރުތީބުން ފިޔަވަޅު އަޅާފައި އެ ވަނީ، އެއީ ތިންވަނަ ފިޔަވަޅަކަށް އިނާޔަތެއް ޕާޓީގެ އޮފީހުން ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށް، ނުދޭ އިނާޔަތެއް ދެން ކަނޑާލާކަށް ނުޖެހޭނެތާ، އިނާޔަތެއް ދެންޏާ އެނގޭނީ ޕާޓީގެ އިދާރާއަށް،" އެޅި ފިޔަވަޅުތައް ތަފްސީލްކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

ވިޕްލައިނާ ހިލާފުވުމުން އަޅާ ފިޔަވަޅުތައް

  • ފުރަތަމަ ފަހަރު؛ ނަސޭހަތް ދިނުން
  • ދެވަނަ ފަހަރު؛ މައާފަށް އެދެން އެންގުން
  • ތިންވަނަ ފަހަރު؛ ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން
  • ހަތަރުވަނަ ފަހަރު؛ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކުރުން އަދި އެތެރޭގެ އިންތިހާބަކަށް ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާވުން
  • ފަސްވަނަ ފަހަރު؛ ޕާޓީން ވަކިކުރުން

ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާ ހަތް މެންބަރަކު ހިލާފުވި އެވެ. އެކަމަކު ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީން އެ މައުލޫމާތު އަދި ނުލިބޭތީ، ހަތް މެންބަރުންނަށް އެންގި ކަން އަދި ޔަގީނެއް ނުވެ އެވެ.

ނަމަވެސް މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑެ) އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއަށް ތިން ސިޓީ ލިބިފައިވާ ކަން ކަށަވަރުކޮށްދެއްވަ އެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފުރަތަމަ ފިޔަވަޅުގެ ސިޓީ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ބަޖެޓާ ގުޅޭ ވިޕްލައިންތަކާ ހިލާފުވި އެމްޑީޕީ މެމްބަރުން

  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އެމްޑީޕީން މީގެކުރިން ނެރުނު ވިޕް ލައިންތަކާ ތަކުރާރުކޮށް ހިލާފުވި މެމްބަރުން ޕާޓީން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީއާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސްގެ ފެކްޝަނަށެވެ. އަދި މި ފަހުން، އެމްޑީޕީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ނަޝީދުގެ ފެކްޝަންގެ މައްޗަށް ރައީސްގެ ފެކްޝަނުން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ރައީސް ސޯލިހު ކާމިޔާބު ކުރެއްވިއިރު، ރައީސަށް ތާއީދުކުރައްވަން ނަޝީދު އަދި ނިންމަވައިފައެއް ނުވެ އެވެ. ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަަމުގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 އެއްހާ މެންބަރުން ވެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ނިންމެވޭނީ އެ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.